ކުރީގެ ރައީސް އަބްދުއްﷲ ޔާމިންގެ ބައިވެރިވުން ހިމެނޭ ގޮތަށް އާ ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މުސްތަގުބަލު އޮތީ އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން ކަމަށެވެ. އެމަނުކުފާނު ވިދާޅުވީ އެކަން ކުރައްވަން މަސައްކަތް ކުރައްވަނީ ސުޕްރީމް ކޯޓުގައި އޮތް ޕީޕީއެމްގެ މައްސަލަ ނުނިމި ދިގުލާތީ ކަމަށެވެ.
އެހެންވެ މިއަދުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ އެ މައްސަލައިގަ ގޮތެއް ނިންމުން އަވަސް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް އިލްތިމާސް ކޮށްފައި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓު މިހާރު އޮތީ ރިސެސްގައި ކަމަށް ވާތީ އާއި މައްސަލަ ދިގުދެމިގެން ދާތީ އެކަމަށް ޕާޓީގެ މެމްބަރުން ވެސް ތަސައްލީއެއް ބޭނުންވާ ކަމަށެވެ.
ޔާމީން ވިދާޅުވި ގޮތުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ އެމަނިކުފާނު ވަރަށް އިތުބާރު ކުރައްވާ ޕީޕީއެމްގެ ބޭފުޅުން ކޮޅެކެވެ. އަދި ވިދާޅުވީ އާ ޕާޓީގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ޕީޕީއެމް ވެސް ހިނގާނެ ކަމަށާއި އެއާ އެކު އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އެމަނިކުފާނަށް ފަހިވާގޮތަށް ނިންމައިފި ނަމަ އެދިވަޑައިގެންނަވަނީ ޕީޕީއެމް މެންބަރުން އެ ޕަޓީގައި ތިއްބެވުމަށެވެ. އެކަމަކު ދެކޮޅަށް ނިންމައިފި ނަމަ އެދިވަޑައިގެންނަވަނީ އަލަށް އުފައްދާ ސިޔާސީ ޕާޓީ އާއި މެންބަރުން ގުޅިވަޑައިގެންނެވުމަށެވެ.
މީގެ ކުރިން ރައީސް ޔާމީން އިސްކޮށް ހުންނަވާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަޑުފެތުރުމުން އެކަން ޕީޕީއެމްގެ އިސްވެރިން ވަނީ ދޮގު ކުރައްވާފައި އެވެ.
ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އެ ޕާޓީގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ދާދި ފަހުން މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު ސުޕްރީމް ކޯޓަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ ކޯޓުން ވަނީ އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ. އެހެންކަމުން، ބެލެވޭ ގޮތުގައި އެކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް