' ބަރުދަން ލުއިކުރަން މަސައްކަތް ކުރަން، އެކަމަކުވެސް ވާގޮތެއް ނުވޭ؟ ' ތިޔަ ކުރެވޭ އިހްސާސް ވަރަށް ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. ހިކެން މަސައްކަތް ކުރިޔަސް ނު ހިކެނީ ދޯއެވެ. މީހުންގެ ބަރުދަން ލުއި ކުރުމަށް ފާއިތުވި ވިހި އަހަރު މަސައްކަތްކޮށްފައިވާ ޑރ. މެލީނާ ސީއެންއެންގައި ވަނީ ބަރުދަން ލުއި ކުރަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުނުވާ ސަބަބުތަކަށް އަލިއަޅުވާލާފައެވެ.
ކެލަރީ އެމްނީޒިއާ
ތިޔަ ހީކުރަނީ ތިހިރީ ޑައެޓްގައި ކަމަށް ދޯއެވެ. އެހެނަސް ވާގޮތަކީ ޑައިޓް މެނޫގައި ހިމެނޭ އެއްޗެހި ކެއުމަށްފަހު އަނެއްކާވެސް އެކި އެއްޗެހި ކެވެނީއެވެ. ކެލަރީ އެމްނީޒިއާ އަކީ ހަށިގަނޑަށް ކެލަރީ ލިބޭނެ ކަމަށް ތިބާ ލަފާކުރާ ވަރަށް ވުރެ މާބޮޑަށް 'އޮޅުމެއްގެ' ތެރޭގައި ކެލަރީ ލިބުމެވެ. ޑައިޓްކުރާ މީހުންނަށް ވެސް ވާގޮތަކީ ޑައިޓްގެ ކާ ގަޑީގެ ދެމެދުން އަންނަ ގަޑިތަކުގައި މާ ގިނައިން ކެވެނީއެވެ. ގިނަ ފަހަރަށް މިކަން ކުރެވެނީ ނޭނގުމެއްގެ ތެރޭގައި އެވެ. މިކަން ހައްލުކުރުމަށް ކުރެވިދާނެ އެއްކަމަކީ ކާ އެއްޗެހި ނޯޓްކޮށްލުމެވެ. ވަކިން ޚާއްސަކޮށް ޑައިޓްކުރާއިރު ގޮތް ނޭނގޭ އެއްވެސް ބާވަތެއް މަދުން ނަމަވެސް ބޭނުން ނުކުރުމެވެ.
ހަފްތާ ބަންދުގައި ކާއެއްޗެއްސާ މާބޮޑަށް ދޯޅަވުން
ހަފްތާ ބުރަ މަސައްކަތަށް ފަހު ހަފްތާ ބަންދަކީ އަރާމުކޮށްލަން ލިބޭ ދެ ދުވަހެވެ. ނުވަތަ ބައެއް މީހުންނަށް އެއް ދުވަހެވެ. ޑައިޓްކުރާ މީހުންވެސް އަދި ކެއުމަށް ބަލައިގެން އުޅޭ މީހުން ވެސް ގިނަ ފަހަރު މާބޮޑު ވިސްނުމެއް ނެތި ހަފްތާ ބަންދުގައި ކާލައެވެ. އެހެނަސް ދިރާސާތަކުން ދައްކާ ގޮތުގައި އެއްމެ ރަނގަޅު ގޮތަކީ ހަފްތާގެ ހަތް ދުވަހު ކާއެއްޗައްސަށް ބަލައިގެން އުޅުމެވެ. އެހެންނޫނީ ބުރަ މަސައްކަތުން ތި ލުއި ކޮށްލި ކިލޯތައް އަނެއްކާވެސް ބަރުވެދާނެއެވެ. ކޮންމެވެސް ކާލާ ހިތްވާ ކަހަލަ އެއްޗެއް ނަމަ މިކަމަށް ފަރުވާތެރިވެގެން މަދު އެތި ކޮޅެއް ކާލާށެވެ.
ބޭނުންކުރާ ބޭސް
ބައެއްފަހަރު ބޭނުންކުރާ ބޭހެއްގެ ސަބަބުން ބަރުދަން ލުއިކުރުމަށް ދަތިވެއެވެ. އެހެންކަމުން ޑައިޓް ކުރާ ދުވަސްވަރު ނުވަތަ ދިގު މުއްދަތަކަށް އެއްވެސް ބޭހެއް ބޭނުންކުރާނަމަ ޑޮކްޓަރުގެ ލަފާ ހޯދުން ބުއްދިވެރިއެވެ.
ޑައިޓް އެއްޗެހި މާގިނައިން ކެވުން
ރަނގަޅު ވާހަކައެކެވެ. ނަޓްސް އެވަކާޑޯ އަދި އޮލިވްއޮއިލް އަކީ ސިއްހަތަށް ފައިދާ ހުރި ބާވަތްތަކެކެވެ. މި ބާވަތްތަކުގައި ހުންނަނީ ވެސް ހެލްތީ ފެޓްސް އެވެ. އެހެނަސް މި ބާވަތްތައް ވެސް މާގިނައިން ބޭނުންކުރަމަކީ ފެޓްސް އިތުރުވާނެ ކަމެކެވެ.
ހިކެން ނުވަތަ ރަނގަޅު ހަށިގަނޑެއްގެ ވެރިއެއްގެ ގޮތުގައި ހުންނަށް ތިކުރާ މަސައްކަތުގެ އެއްމެ މުހިއްމު ބަޔަކީ ހިތްވަރު ދޫނުކޮށް ކުރިއަށް ދިއުމެވެ. އެހެންކަމުން ތިގޮތުގައި ކުރިއަށްދާށެވެ. މުހިއްމީ އަވަސް ނަތީޖާ އެއް ނޫނެވެ. މުހިއްމީ ގިނަ ދުވަހުން ނަމަވެސް ރަނގަޅު ނަތީޖާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް