މިހާރު އަހަރެންގެ އުމުރުން އަށާރަ އަހަރެވެ. ފާއިތުވި އަށާރަ އަހަރު ދުވަހުގެ ތެރޭގައި ދުވަހަކުވެސް ބައްޕަ އެއް ލޮލުން ނުދެކެމެވެ. އަހަރެން ކުޑަ އިރު ސުކޫލަށް ދިޔަ އިރު އެހެން ކުދިންގެ ބައްޕަމެން އެކުދިން ގޮވައިގެން ސުކޫލަށް ދާތަން ފެނުމުން އަހަރެން ވެސް ބައްޕަ އާއި އެކު ސުކޫލަށް ދާން ބޭނުންވާ ކަމަށް މަންމަ ކައިރީގަ ބުނީމެވެ. އެހެނަސް އަބަދުވެސް މަންމަ ބުނާ އުސޫލުން، ބައްޕަ ފަހުން އަންނާނެ ކަމަށް ބުންޏެވެ. ބައްޕާ އެވެ. މިހާރު އަހަންނަށް ހަގީގަތް އެނގެއެވެ. ނޭނގެންވީ ސަބަބެއް ވެސް ނެތެއް ނޫންހެއްޔެވެ. އަހަރެން ވަރަށް ކުޑައިރު ރަށު މީހުން އަހަންނަކީ ބައްޕަ ނެތް ކުއްޖެއްކަމުގެ އިހްސާސް ކޮންމެ ދުވަހަކުވެސް އަހަންނަށް ކޮށްދެއެވެ. އެކަމަކު އަހަރެންގެ މަންމަގެ މުޅި އުމުރު ގުރުބާން ކުރީ އަހަންނަށްޓަކައެވެ. މީހަކާ ނީދެއެވެ. އެހެން ދަރިއެއް ނެތެވެ. ފަހަރެއްގައި މަންމަގެ އެހެން ކުއްޖަކަށް ވެސް ބައްޕަ އަކު ލޯބިދޭތަން ފެނުމުން އަހަރެންގެ ހިތް ކުދިކުދި ވެދާނެތީއެވެ. ބައްޕަ އާއި ބެހޭ ގޮތުން އަހަރެން ކުރި އެއްވެސް ސުވާލަކަށް މަންމަ ޖަވާބެއް ނުދެއެވެ. އެކަމަކު ބައްޕާ އެވެ. ބުނަން ހެއްޔެވެ. ދުވަހަކުވެސް ބައްޕަ ގޯސް ވާހަކައެއް ނުބުނެއެވެ.
ބައްޕާ އެވެ. އަށާރަ އަހަރަކީ ވަރަށް ގިނަ ދުވަހެވެ. ދެން އިތުރަށް އަހަރެން އިންތިޒާރުކުރުވަން ނަހަދާށެވެ. ފަހަރެއްގައި ބައްޕަ ހީކޮށްފާނެއެވެ. މި ހިތުގައި ބައްޕަ އަށްޓަކައި އޮތީ ނަފުރަތާއި ރުޅިވެރި ކަމެވެ. އެހެނަސް ބުނަން ހެއްޔެވެ. މި ހިތުގައި ބައްޕަ އަށްޓަކައި އޮތީ ފުރިހަމަ ލޯތްބެކެވެ. ބައްޕާ އެވެ. ބައްޕަ އަށް ކުށެއް ކުރެވުނު ކަމަށް ހީކޮށް ދެރަވެ ލަދު ނުގަންނާށެވެ. ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެއެވެ. އެކަމަކު އެކަން ރަނގަޅުކޮށް މުސްތަގުބަލް އުޖާލާ ކުރަންޖެހޭނެއެވެ. އަހަރެންގެ ހިތުގައި ބައްޕަ އަށްޓަކައި އޮތީ ދީލަތި މަޢާފެކެވެ. ބައްޕަ އަހަރެން ކުޑައިރު ނިންދަވަން ނައި ކަމުގެ ޝަކުވާ އެއް ނުކުރާނަމެވެ. ލޯބި ލޯބިން އަހަރެންގެ ބޮލުގައި ފުރުމާ ނުދިނީ ކީއްވެތޯ ނާހާނަމެވެ. ސުކޫލަށް ގެންދަން ނުވަތަ ބަލާ ނައީ ކީއްވެތޯ ނާހާނަމެވެ. އެކި ގްރޭޑްތަކުގައި އެކި މާއްދާތަކުގަ 'މައި ފެމިލީ' ގައި ހަމައެކަނި މަންމައެއްތޯ ހުންނަނީ ބުނެ ކްލާސްކުދިން ކުރި ސުވާލު ބައްޕަ އާއި ނުކުރާނަމެވެ. އަހަރެން ބޮޑުވާ ވަރަކަށް ކަންތައްތައް އެނގެން ފެށުމުން އެކަނި މާ އެކަނި ފާޚާނާގައި ރޯން އިނީ ކިހާ ދުވަހަކު ކަމެއް ބައްޕަ އަށް އެނގޭ ހެއްޔެވެ. އަހަރެންގެ ކަރުނަތައް ފަހުންފަހުން އައިސް މަންމަ އަށް ވެސް ސިއްރު ކުރީމެވެ. ފަހަރެއްގައި އެއީ މަންމަގެ ފަރާތުން ލިބުނު ސިފައަކަށް ވެސް ވެދާނެއެވެ.
ލޯބިވާ ބައްޕާ އެވެ. ދުނިޔޭގެ ކޮންމެ ތާކު ބައްޕަ ހުއްޓަސް މަންމަ އާއި އަހަރެން ބަލާ ބައްޕަ އަންނާށެވެ. މި ރަށުގައި ހުންނަށް ބައްޕަ ލަދު ގަންނަންޏާ އެހެން ރަށަކަށް ނުވަތަ އެހެން ގައުމަކަށް ދާނީއެވެ. ބައްޕާ އެވެ. އަހަރެންގެ ހިތާމައިގެ ކަރުނަ ބައްޕަ އަށް ނުފެނުނެވެ. އެހެނަސް އަހަރެން ބޭނުންވަނީ އަހަރެންގެ ކައިވެނީގެ ހަފްލާގައި މި ލޮލުން އޮހޮރޭ އުފާވެރި ކަރުނަ ފުހެލަދޭން ބައްޕަ ހުރުމެވެ. ލޯބިވާ ބައްޕާ އެވެ. އަހަރެން ބައްޕަ އަށްޓަކައި ވަރަށް ގިނަ ދުވަހު އިންތިޒާރު ކޮށްފީމެވެ. ދެން އިތުރަށް ލަސްނުކުރާށެވެ. އަހަރެން ބައްޕަ ކައިރީގައި ވަރަށް ގިނަ ވާހަކަ ބުނަން ބޭނުމެވެ. އެހެނަސް ޝަކުވާއެއް ނުކުރާނަމެވެ. ބައްޕާ އެވެ. އަހަންނަށް ލިބިފައިވާ ތައުލީމީ ވަނަ ތަކާއި އެކި އެކި މުބާރާތުން ހޯދާފައިވާ މެޑަލްތައް ފެނިފައި ބައްޕަ އުފަލުން ރޮވޭނެއެވެ. މަންމަ އަށްޓަކައި ފަޚުރުވެރިވާނެއެވެ. އެ މަންމަގެ އުމުރު ހުސްވަނީ ބައްޕަގެ އިންތިޒާރުގައެވެ. ލޯބިވާ ބައްޕާ އެވެ. 'ދަރިފުޅާއޭ' ކިޔާފައި އެއް ފަހަރު އަހަރެންނަށް ގޮވާލަ ބަލާށެވެ. ބައްޕަ ދެކެ މި ދަރިފުޅާއި މަންމަ ވަރަށް ލޯބިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް