ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ގިނަ މީހުންނަކީ ވަރަށް ކުޑަ އެޕާރޓްމަންޓްތަކުގައި ދިރިއުޅެމުންދާ މީހުންނެވެ. މިކަމުގައި ފާއިސާގެ ދަތިކަމާއި އަދިވެސް ތަފާތު ގިނަ ސަބަބުތައް ހުރެއެވެ. ރާއްޖޭގައި މިފަދަ ކުޑަ ތަންތަން ކޮޅުގައި ދިރިއުޅެމުންދާ މީހުން ގިނައެވެ. އެގޮތުން އެންމެ ގިނަ މީހުން ދިރިއުޅެމުންދާ މާލެއަކީ ވަޒީފާގެ ގޮތުން ގިނަ މީހުން ދިރިއުޅެމުންދާ އެއް ތަނެކެވެ. މާލޭގެ ތޮއްޖެހިފައިވާ އާބާދީގައިވެސް ގިނަ މީހުންނަކީ ކުޑަ ކުޑަ ތަންތަން ކޮޅުގައި ދިރިއުޅެމުންދާ މީހުންނެވެ. ގިނަ އެޕާޓްމަންޓްތަކަކީ އެތަނަކަށް ވަނުމުން ހިތްނުތަނަވަސްކަން ހާސްކަން އިތުރުވާ ތަންތަނެވެ.
މިލިޔުމުގައި މިކިޔައިދެނީ މިފަދަ ކުޑަ އެޕާޓްމަންޓްތައް ބޮޑު ތަނެއްގައި ގޮތުގައި ސިފަކޮށްދޭނެ ގޮތެވެ.
އެންމެ މުހިއްމު އެއް ކަމަކީ އެޕާޓްމަންޓުގައި ބޭނުންކުރާ ލައިޓިންއެވެ. އެގޮތުން އެންމެ މަދުވެގެން އަލިގަދަ ތިން ބޮކި ބޭނުން ކުރަން ޖެހޭނެއެވެ. މީގެ އިތުރުން އަލި މަޑު އެއް ބޮކި ހުރުމަކީވެސް ކޮޓަރި އިތުރަށް ޒީނަތްތެރިކޮށްދޭނެ ކަމެވެ. އަލިގަދަ ބޮކި ބޭނުން ކުރުމުން ކުޑަ ތަންކޮޅެއްގެ އެޕާޓްމަންޓެއް ނަމަވެސް ދައްކުވައިދޭނީ ވަރަށް ހުޅުވިފައިވާ ބޮޑު ތަނެއްގެ ގޮތުގައެވެ.
ގިނަ މީހުން އެޕާޓްމަންޓްތަކުގައި ބޭނުންކޮށްފައި ހުންނަ ޕިއޯ ވައިޓް ނުވަތަ ހުދު ކުލައިގެ ބަދަލުގައި ކޮޓަރި އިތުރަށް ބޮޑު ކަމަށް ދައްކާ ހިތްހަމަޖެހުން ގެނުވައިދޭ އިތުރު ކުލަ ތަކަކީ އޮފް ވައިޓް، އެގްޝެލް، ޑޯވް ވައިޓްއެވެ. މިކުލަތަކުން ކޮޓަރި، ނުވަތަ އެޕާޓްމަންޓަށް ވަނުމުން ހިތްފަސޭހަކަން އިހްސާސްކޮށްދޭނެއެވެ. މިކުލަތައް ބޭނުން ކުރާއިރު ކުޑަ އެޕާޓްމަންޓެއް ނަމަ ތަޅުންގަނޑުގައި އަނދިރި ކުލައެއްގެ މުށި ނުވަތަ އެފަދަ ކުލައެއްގެ ރަގް ބޭނުން ކުރުމުން އެތަނެއް ބޮޑު ކަމަށް ދައްކާނެއެވެ.
އަދި ވަރަށް ކުޑަ ކުޑަ އެޕާޓްމަންޓެއް ނަމަ އެފަދަ ތަނެއް ބޮޑުކަން ދެއްކުމަށް އެންމެ ރަނގަޅީ ލޯގަނޑުތައް ކޮޓަރީގައި ބޭނުން ކުރުމެވެ. ލޯގަނޑަކީ ރިފްލެކްޝަން ހުންނަ އެއްޗެއް ކަމުން ކޮޓަރި ބޮޑު ކަމަށް ދައްކާ ހިތްހަމަޖެހުން އިތުރުކޮށްދެއެވެ.
މީގެ އިތުރުން ގޭގައި ގެންގުޅޭ ސޯފާ، ޑައިނިން ޓޭބަލް، ފަދަ ތަކެއްޗަކީ ކުޑަ ތަނެއްގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އަދި އިތުރު ކަންކަމަށްވެސް ބޭނުންކުރެވޭ އެއްޗެއްސަށް ވާން ޖެހޭނެއެވެ. އަދި ކޮންމެ ކޮޓަރިއެއްގައާއި ސިޓިން ރޫމްގައިވެސް ކޮންމެވެސް ކަހަލަ ކުރެހުމެއް ބެހެއްޓުމަކީ ތަނުގެ ރީތިކަން އިތުރުކޮށްދޭނެ ކަމެކެވެ.
މީގެ ތެރެއިންވެސް އެންމެ މުހިއްމު އެއް ކަމަކީ ގޭގެ ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުމެވެ. އެއީވެސް ކުޑަތަނެއް ނަމަ ބޮޑުކަމަށް ދައްކައިދޭނެ ކަމެކެވެ. އަދި އެންމެ ހާއްސަ އެއްކަމަކީ ކޮލިޓީ ޕްރޮޑަކްޓްސްތަކަށްވުރެ ގޭގައި ބޭނުންކުރާ ފަރުނީޗަރުގެ އަދަދު މަދުކޮށްގެން ގެންގުޅުމެވެ. މިގޮތަށް ގޭތެރޭގައި ބޭނުންކުރާ ސާމާނު ބޭނުންކުރަން ފެށުމުން ގޭތެރޭގެ ޒީނަތްތެރިވެ، ސާފުތާހިރުކަން އިތުރުވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް