މެލޭޝިޔާގައި ކިޔަވާ ކުދިންގެ ބެލެނިވެރިންނަށާއި އަނބިދަރިންނަށް ދިގުމުއްދަތަކަށް ވިސާ ދޭން ނިންމައިފި

މެލޭޝިޔާގައި އަންޑަ ގްރެޖުއޭޓް ލެވެލްގައި ކިޔަވާ ކުދިންގެ މައިންބަފައިންނަށް އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ދިގުމުއްދަތުގެ ވިސާ ލިބޭގޮތަށް މެލޭސިއާ ސަރުކާރުން ހަމަޖައްސައިފި އެވެ. މިކަމާ ބެހ...

18 Dec 2014 | 12:22

މެލޭޝިޔާގައި އަންޑަ ގްރެޖުއޭޓް ލެވެލްގައި ކިޔަވާ ކުދިންގެ މައިންބަފައިންނަށް އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ދިގުމުއްދަތުގެ ވިސާ ލިބޭގޮތަށް މެލޭސިއާ ސަރުކާރުން ހަމަޖައްސައިފި އެވެ.

މިކަމާ ބެހޭގޮތުން ފޮރިން މިނިސްޓްރީން ބުނީ މެލޭޝިޔާ ސަރުކާރުން މިގޮތަށް ހަމަޖެއްސެވި ކަން މެލޭޝިޔާގެ ސަރުކާރުން ކުއަލަ ލަމްޕޫރުގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނަށް މިހާރު ހަމަޖައްސާފައިވާކަމަށެވެ.

މިކަމާ ބެހޭގޮތުން މެލޭޝިޔާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފަޔާޒް ވިދާޅުވެފައިވަނީ އަންޑަގްރެޖުއޭޓް ލެވެލްއަށް ކިޔަވަން މެލޭޝިއާއަށް ދަތުރުކުރާ ދިވެހި ކިޔަވާކުދިންގެ އަނބިންނާއި ފިރިން އަދި ކުދިންނާއި މައިންބަފައިންނަށް އެކުދިންގެ ސްޓޫޑެންޓް ވިޒާގެ މައްޗަށް ބިނާކޮށް ދިގު މުއްދަތުގެ ވިޒާ ދޫކުރާގޮތަށް މެލޭޝިއާ ސަރުކާރުން މިހާރު ނިންމާފައިވާކަމަށެވެ.

އަދި މެލޭޝިއާގައި ކިޔަވާ ދިވެހި ކިޔަވާ ކުދިންގެ ތެރެއިން އަންޑަގްރެޖުއޭޓް ލެވެލްގައި ކިޔަވާ ކުދިންގެ ޑިޕެންޑެންޓުންނަށް ވިޒާ ނުލިބުމުން އެފަރާތްތަކުގެ ބެލެނިވެރިކަމުގެ ދަށުގަިވާ ފަރާތްތަކަށް ބެލެނިވެރިންގެ ގޮތުގައި މެލޭޝިއާގައި ތިބުމަށް ބޭނުންވާ މައްސަލައަކީ ފަހަކަށް އައިސް މިފަދަ ކުދިންނަށާއި ބެލެނިވެރިންނަށް ދިމާވި އެންމެ ބޮޑު މައްސަލަ ކަމަށާއި މީގެ ސަބަބުން ބައެއް ދަރުވަރުންނަށް އެކުދިންގެ ކިޔެވުމުގެ ފުރުސަތު ގެއްލި އަދި ބައެއް ފަހަރު ކިޔެވުން މެދުތެރެއިން ހުއްޓާލަން ޖެހިފައިވާކަމށްވެސް ފަޔާޒް ވިދާޅުވެއެވެ.

"ބައެއް ބެލެނިވެރިންނަށް ވިސާ ނުލިބުމުގެ ސަބަބުން ކޮންމެ ދެމަހުން ދެމަހުން މެލޭޝިއާއަށް އައިސް ގޮސް ހެދުމުގައި ވަރަށްބޮޑު ތަކްލީފްއާ ކުރިމަތިލާންޖެހި ހަރަދުތަކެއް ބޭކާރުވެގެންދޭ، ވުމާއެކު މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ވިސާގެ މައްސަލަ ހައްލު ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނުމަށް ރައީސް ޔާމީން އިރުސާދު ދެއްވައިވާފައިވޭ، އަދި މިކަމަކީ ހާރިޖީ ސިޔާސަތުގެ ދަށުން ފޮރިން މިނިސްޓަރު ދުންޏާ މައުމޫންވެސް ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއް" ފަޔާޒް ވިދާޅުވެފައި ވެއެވެ.

ފަޔާޒް އިތުރަށް ވިދާޅުވެފައިވަނީ އަންޑަގްރެޖުއޭޓް ލެވެލްގެ ކިޔަވާ ކުދިންގެ ބެލެނިވެރިން/އަނބިދަރިން ވިސާ ދިނުމަށް ހަމަޖެހިގެން ދިއުމަކީ ވަރަށް މަދު ގައުމަކަށް ނޫނީ މެލޭޝިއާއިން ނުދޭ އިނާޔަތެއް ކަމަށާއި މި އިނާޔަތް ލިބެނީ މުޅި ދުނިޔެއިންވެސް 16 ވަރަކަށް ގައުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް