އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ އޮޕަރޭޝަންސް ފެކަލްޓީން ހިންގާ އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް ތްރެއިނިންގ (އޮސްޓް) އިންސްޓްރަކްޓަރ ކޯހުގެ ބައިވެރިންނަށް ސެލްފް ޑިފެންސް ޓްރެއިނިންގ ސެޝަންއެއް ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ނަންގަވާ ދެއްވައިފިއެވެ.
ފުލުހުން ބުނީ މި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ފޭދޫފިނޮޅުގައި ކުރިއަށްދިޔަ މި ސެޝަންގައި އަމިއްލަ ނަފްސު ދިފާޢުގައި ބޭނުންކުރާ އުކުޅުތަކާއި އެއުކުޅުތައް ބޭނުންކުރާނެ ގޮތްތައް ކޮމިޝަނަރ އޮފް ޕޮލިސް ކިޔައިދެއްވި ކަމަށެވެ.
މި ސެޝަންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވަނީ އޮސްޓް އިންސްޓްރަކްޓަރ ކޯހުގެ ބައިވެރިން ވިސްނަންޖެހޭ ކަންތައްތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން ފުލުހުންނަކީ ޤާނޫނު ތަންފީޒްކުރުމުގެ މަސައްކަތްކުރާ ބަޔަކަށްވާއިރުދިމާވާ ކޮންމެ ނުރައްކަލަކުން ސަލާމަތް ވުމުގެ އިތުރުން ބަޔަކަށް ތަމްރީނު ދިނުމުގެ ހިތްވަރު ކޮންމެ އިންސްޓްރަކްޓަރެއްގެ ގައިގައިވެސް ހުންނަން ޖެހޭނެ ކަމަށާއި ބަޔަކު ތަމްރީނު ކުރުމަށް ނުކުންނަންވާނީ ކެރިގެން ސާބިތުކަމާއި އެކީކަމަށް ވިދާޅުވި އެވެ.
ހަމައެއާއެކު އެންމެ ރަނގަޅު ސެލްފް ޑިފެންސް އަކީ ނުރައްކަލެއް ކުރިމަތިވާއިރު ދުވެފިލުންކަމަށް ވީނަމަވެސް ފުލުހުންނަކީ ޤާނޫނު ތަންފީޒްކުރަން ތިބޭ ބަޔަކަށް ވީހިނދު އެކަން އެގޮތަށް ނުކުރެވޭނެކަމަށާއި ނުރައްކަލާ ކުރިމަތިލާން ތަމްރީން ލިބި ތައްޔާރަށް ފުލުހުން އަބަދުވެސް ތިބެންޖޭހަކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ކަމެއް ދިމާވާއިރު ފުލުހުން އެންމެ ބޮޑަށް ވިސްނަންޖެހޭނީ މިހާލަތުގައި ތިމާ ކުރަމަތިލަނީ ދުޝްމަނަކާ ނޫންކަމަށާއި ތިމާމީހާ ކުރިމަތިލަނީ ކޮންމެވެސް ދިވެހި ރައްޔިތަކާކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ކޮންމެ ނުރައްކަލަކުންވެސް ސަލާމަތްވުމަށް ވިސްނަންޖެހޭކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ކޮންމެ ފުލުހަކުވެސް ތަމްރީނު ލިބިގަންނައިރު މިއީ އެއްވެސް ހާލެއްގައި ޑްރިލްއެއްކަމަށް ދެކިގެން ނުވާނެކަމަށާއި ޓްރެއިނިންގގައި ރަނގަޅަށް ބައިވެރިވެ ރަނގަޅު ނަތީޖާއެއް ހާސިލްކުރުމަށް ހުރިހާ ފުލުހުންވެސް މަސައްކަތް ކުރުމަށް އެދިލެއްވިއެވެ.
މި ސެޝަންއަށް ފަހު އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ އެގްޒެކްޓިވް ޑައިރެކްޓަރ ޗީފް ސްޕްްރިޑެންޓެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި އޮސްޓް އިންސްޓްރަކްޓަރ ކީހުގެ ބައިވެރިންނަށް ފުލުހުންގެ ސީނިއަރ ބޭފުޅެއް ގެނެސް ސެޝަންއެއް ނަގައިދިނުމަށް އުއްމީދުކުރެއްވިކަމަށާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މިފަދަ ސެޝަންއެއް ނަންގަވާދެއްވިކަމަށްޓަކައި އުފާކުރައްވާކަމަށްވިދާޅު ކޮމިޝަނަރ އަށް ޝުކުރު އަދާކުރެއްވި ކަމަށްވެސް ފުލުހުން ބުނެއެވެ.
އަދި އައިލްސް އިންތިޒާމްކޮށްގެން 2 މަސް ދުވަހުގެ ނިޔަލަށް ހިންގާ އޮސްޓް އިސްޓްރަކްޓަރ ކޯހުގައި ޖުމްލަ 31 ފަރާތެއް ބައިވެރިވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 30 ފުލުހަކާއި ކަރެކްޝަނަލް ސަރވިސްގެ އެއް އޮފިސަރެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް