ރޭ ދޯންޏަކާއި ކޮޅުވެއްޓިއެއް ޖެހި އެކްސިޑެންޓް ހިނގި އިރު ކޮޅުވެއްޓި ދުއްވަމުން ދިޔައީ އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތެއް ނޫންކަމާއި އެކްސިޑެންޓްވި އިރު ކޮޅުވެއްޓީގެ ކެޕްޓަން އޮތީ ނިދާފައިކަން މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށާއި އަދި ކޮޅުވެއްޓީގެ ކެޕްޓަންގެ ލައިސަންސް ފުލުހުން ހިފަހައްޓާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ރޭ 03:30 ހާއިރު ހިނގި މި އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 03:50 ހާއިރު ކަމަށާއި އެކްސިޑެންޓްގެ މަޢުލޫމާތު ލިބުމާއެކު މެރިން ޕޮލިސްގެ ލޯންޗެއް އެސަރަޙައްދަށް ގޮސް އެކްސިޑެންޓްގައި އަނިޔާ ލިބުނު ފަރާތް ފުލުހުންގެ އެހީތެރިކަމާއެކު މާލެ ގެނެސް ފަރުވާދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ކ.ރަންނާޅިއާއި ކ.ވާގައްޔާއި ދޭތެރޭން ދަތުރު ކުރަމުން ދިޔަ ރ.އަތޮޅުގައި ދުއްވާ ކަންނެލި މަސްވެރިކަން ކުރާ "ހެދޭކުރި" ދޯނީގައި އެސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އެމްޓީސީސީގެ "ލީމާ" ކޮޅުވެއްޓި ޖެހިގެން ކަމަށާއި މި އެކްސިޑެންޓްގައި "ހެދޭކުރި" ދޯންޏަށް ބޮޑެތި ގެއްލުންތަކެއްވެ އެ ދޯނީގައި 3 ބުރިއަށް ހަދާފައިވާ ގެ ގަނޑުގައި ތިބި 2 މީހަކާއެކު ގެ ގަނޑު ވަނީ މޫދަށް ވެއްޓިފައެވެ. އަދި މި ހާދިސާ ހިނގި އިރު ދޯނީގައި ކުޑަކުއްޖަކާއި 12 މީހުންން ތިއްބާ ކަމަށާއި އަދި ކޮޅުވެއްޓީގައި 5 ދިވެހިންނާއި ބިދޭސީއަކު ހުރި ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓް މޯލްޑިވްސް ޕޮލިސް ސާރވިސްގެ މެރިން ޕޮލިސް ޑިޕާރޓްމަންޓުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް