ޑިސެމްބަރު 6 ވަނަ ދުވަހު މާލޭގައި ހިނގި އެކްސިޑެންޓްގެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.
މި މައްސަލާގައި ހައްޔުކޮށްފައިވާ 51 އަހަރުގެ މީހާގެ ބަންދަށް 2014 ޑިސެމްބަރު 7 ވަނަ ދުވަހު ދީފައިވާ 10 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ދީފައިވާ 15 ދުވަސް ދެން ހަމަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ.
2014 ޑިސެމްބަރު 6 ވަނަ ދުވަހުގެ ހަވީރު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 5 މީހަކަށް އަނިޔާވެފައިވާއިރު އެ އެކްސިޑެންޓްގައި އަނިޔާވި 4 އަހަރު ފިރިހެން ކުއްޖާއަށް ލިބުނު ސީރިއަސް އަނިޔާތަކަށް އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އެ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި 5 މީހުންގެ ތެރޭގައި 4 އަހަރުގެ ފިރިހެން ކުއްޖާގެ އިތުރުން 2 އަންހެނަކާއި 2 ފިރިހެނަކު ހިމެނެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މަޖީދީ މަގުން އިރުން ހުޅަނގަށް ދުއްވާފައިދިޔަ ޕިކަޕެއް އެމަގުގައި ޕާކްކޮށްފައި ހުރި 3 ސައިކަލެއްގައާއި ޕާކްކޮށްފައި އޮތް ކާރަކާއި މަޖީދީމަގުން ދުއްވާފައިދިޔަ 3 ސައިކަލެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓްގައި ކާރަށާއި ޕިކަޕުގެ އިތުރުން ސައިކަލްތަކަށް އެކިވަރުގެ ގެއްލުންވެފައިވާއިރު މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް