ކުލި ނުދައްކައިގެން ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓް ހިންގާ ބިމުގެ އެއްބަސްވުން އެޗްޑީސީން ބާތިލުކުރި ނިންމުން މަޑުޖައްސައިލަން ސިވިލް ކޯޓުން ކުރިން ނެރުނު ވަގުތީ އަމުރު، އެޗްޑީސީގެ އެދުމަށް މުރާޖަޢާކޮށް މިއަދު ބާތިލުކޮށްފިއެވެ.
ހުޅުމާލޭ ރުއްގަނޑު 1 ސަރަޙައްދުގައި ހިންގަމުން އައި އެ ރެސްޓޯރެންޓާ ގުޅޭ ގޮތުން އެޗްޑީސީން ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުން ނިމުމަކަށް ގެނެސް، ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ބަދަލުކޮށް، އެ ތަނުގައި ވިޔަފާރި ނުކުރަން އެންގީ މިދިޔަ މަހު ފޮނުވި ސިޓީއަކުންނެވެ. އެ ސިޓީއާ ގުޅިގެން އެޗްޑީސީން ރެސްޓޯރެންޓް ހުސްކުރުމަށް ވެސް އެ ތަނަށް ވަދެފައިވެއެވެ.
ސޮލާރިސްގެ ފަރާތުން އެ ނިންމުން ބާތިލުކޮށްދިނުމަށާއި ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް ހުށަހެޅިއެވެ. ފުރަތަމަ ހުށަހެޅުމުން އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމި ނަމަވެސް، ފަހުން އެޗްޑީސީގެ ޣައިރު ހާޒިރުގައި ވަގުތީ އަމުރެއް ނެރެ، ރެސްޓޯރެންޓުގެ ހިންގުން ހުއްޓޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެންގީއެވެ.
އެ އަމުރު ބާތިލުކުރި ނިންމުމުގައި ސިވިލް ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، ޣައިރު ހާޒިރުގައި ނެރުނު ވަގުތީ އަމުރު ދެމި އޮތުމުން އެޗްޑީސީއަށް ޙައްޤު ނޫން ބުރައެއް އުފުލަންޖެހެއެވެ. އޭގެ އިތުރުން، މައުޟޫޢަށް ގޮތެއް ނިންމާއިރު އެއް ފަރާތަކަށް ލިބިދާނެ ގެއްލުމަކީ މިންނުކުރެވޭ ފަދަ ގެއްލުމަކަށް ވެދާނެތީ، ވަގުތީ އަމުރު ދެމެހެއްޓުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ކޯޓުން ބުނެފައިވެއެވެ.
ފުރަތަމަ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ފަހުން ޙާލަތަށް ބަދަލެއް ނާންނަކަމާއި، އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް ނަމަވެސް ވަކި ގޮތެއް ނުނިންމާ ކަން ވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ. ޝަރީޢަތުން ސާބިތުވެއްޖެ ނަމަ ސޮލާރިސްއަށް ލިބޭ ގެއްލުމުގެ ބަދަލު މާލީ ގޮތުން ހޯދޭނެ ފުރިހަމަ އިންތިޒާމެއް އޮތް ކަން ވެސް ކޯޓުގެ ނިންމުމުގައިވެއެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި ސޮލާރިސްއިން ކުލީގެ ގޮތުގައި ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ދައްކަން ޖެހިފައި އެބައޮތެވެ. ހަމައެއާ އެކު، އެއްބަސްވުމުގެ ދަށުން އިޖުތިމާޢީ ޒިންމާގެ ގޮތުގައި ކުރަންޖެހޭ ކަންކަން ވެސް އެ ކުންފުނިން އަދާކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އެޗްޑީސީއަށް ކުލި ނުދައްކައި ހުރި ތަންތަނުގެ މައްސަލަ ބޮޑުވެ، ވިޔަފާރިތަކާއި ފްލެޓުތައް ހިމެނޭ ގޮތަށް ކުލީގެ ޝަކުވާ ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް