ޗައިނާގެ އީކޮމަރސް ކުންފުނި ޓެމޫ އާ ދެކޮޅަށް ފިޔަވަޅު އަޅަން ވިލާތުގެ އިއްތިޙާދުން އަނެއްކާވެސް ތައްޔާރުވެއްޖެއެވެ.
ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުގައި ޓެކްނޮލޮޖީގެ ކަންކަން ވިލަރެސްކުރާ ޔޫރަޕިއަން ކޮމިޝަނުން ތުހުމަތުކުރާ ގޮތުގައި ޓެމޫގެ ޕްލެޓްފޯމްގައި ގަވާޢިދާ ޚިލާފަށް ތަކެތި ވިއްކުން އެކުންފުންޏަށް ނުހުއްޓުވުނެވެ. އަދި ޓެމޫގައި ވިއްކަން ހުންނަ ޕްރޮޑަކްޓްރައް މޮޑަރޭޓްކުރުމުގައި އެކުންފުނި ފެއިލްވެފައިވާކަމަށާއި، ވިއްކާ ތަކެއްޗަކީ އީޔޫގެ ގަވާޢިދުތަކަށް ފެތޭ ތަކެތިތޯ ކަށަވަރު ނުކުރެވޭކަމަށެވެ.
ޔޫރަޕިއަން ކޮމިޝަންގެ ތުހުމަތުތައް ދޮގުކޮށް ޓެމޫއިން ބުނީ އެކުންފުނިން ކޮމިޝަނަށް ޖަވާބުދާރީވާނެކަމަށާއި، ޤަވާޢީދާއި ޚިލާފް މުދާ ވިއްކުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އެކުންފުނިން އަޅާފައިވާނެކަމަށެވެ. އަދި މިމައްސަލައިގައި ޔޫރަޕިއަން ކޮމިޝަނާއެކު ޙައްލަކާ ހިސާބަށް އާދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ޓެމޫ އިން ބުންޏެވެ.
ޔޫރަޕިއަން ކޮމިޝަނުންވެސް ވަނީ ޓެމޫއަށް ޖަވާބުދާރީވުމުގެ ފުރުސަތު އޮންނާނެކަމަށް ބުނެފައެވެ. މިމައްސަލައިގައި ޓެމޫ ކުށްވެރިވެއްޖެކަމަށް ޔޫރަޕިއަން ކޮމިޝަނުން ކަނޑައަޅައިފިނަމަ، އެކުންފުންޏަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ޖޫރިމަނާއެއް ދައްކަން ޖެހިދާނެއެވެ.
ވިލާތުގެ އިއްތިޙާދުގެ މެމްބަރު ޤައުމުތަކުގެ ރައްޔިތުންނަށް ގެއްލުން ހުރި މުދާ، ޤާނޫނާ ޚިލާފަށް ވިއްކާ މައްސަލައިގައި އެ އިއްތިޙާދުން މިއަހަރުގެ ކުރީކޮޅުވެސް ޓެމޫ 232 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް