މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
މާލޭގެ މަގުމަތީގައި ނިވާކަން ކުޑަ ގޮތަކަށް ހުރެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު ހިންގި ކަމުގެ ތުހުމަތުގައި ނ. ވެލިދޫ ފިރިހެނަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ، މިރިހިމާގެ، ހާމިދު އަބްދުﷲ ކިޔާ 41 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު، މާލޭ ބޮޑުތަކުރުފާނު މަގުން މަސްވެރީންގެ ޕާކާ ދިމާ ސަރަހައްދުންނެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި، މާލޭގެ އެކި ސަރަހައްދުތަކުގައި ނިވާކަން ކުޑަވާ ގޮތަށް ލައިގެން ހުރެ އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލު ހިންގި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ. ތަހުގީގީ އޮފިސަރު ފާހަގަކުރި ގޮތުގައި އޭނާގެ އަމަލުތައް ހުރީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓުގައި ވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ހާމިދު އަބްދުﷲ އަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އޭނާގެ ނަފްސާނީ ހާލަތާ ގުޅޭ ރިޕޯޓުތައް ހުށަހަޅާފައިވާ އިރު، މަސްތުވާތަކެތި ބޭނުންކުރާ ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓުން ނެރުނު އަމުރުގެ ދަށުން އޭނާ ބަންދުގައި ބަހައްޓަން ޖެހެނީ ކަސްޓޯޑިއަލް ޖަލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް