ރަސްމާލެއާ ގުޅުވައި ފާޅުކުރާ ކަންބޮޑުވުންތަކުގައި އަސާސެއް ނެތް: ރައީސް މުޢިއްޒު

ސަރުކާރަށް ތިން އަހަރު ފުރުމުގެ ހަފުލާގައި ރައީސް ވިދާޅުވީ ރަސްމާލެއިން 800 ހެކްޓަރު ހިއްކައި ނިމިފައިވާ ކަމަށާއި، ގައުމުގެ މިނިވަންކަމަށް ގެއްލުންވާ އިންވެސްޓްމަންޓެއް ނާންނާނެ ކަމަށެވެ.

18 Nov 2026 | 10:16
ރަސްމާލެއާ ގުޅުވައި ފާޅުކުރާ ކަންބޮޑުވުންތަކުގައި އަސާސެއް ނެތް: ރައީސް މުޢިއްޒު

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުން، ރަސްމާލެ މަޝްރޫއާ ގުޅިގެން ފާޅުކުރާ ކަންބޮޑުވުންތަކުގައި އެއްވެސް ހަގީގީ ބުރަދަނެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަން ހާމަކުރައްވައި، މިހާތަނަށް ގާތްގަނޑަކަށް 800 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެއީ ހުޅުމާލޭގެ ދެ ފިޔަވައްސެއް އެކީ ލައިގެން ގާތްގަނޑަކަށް ދެ ގުނައެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް ގެއްލުންވާ ފަދަ އެއްވެސް އިންވެސްޓްމަންޓެއް ގައުމަށް ނާންނާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ. ހަމައެހެންމެ ދިވެހިންގެ އިޖުތިމާއީ ފޭރާމަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށާއި، ސަރުކާރުގެ ބިންގަލަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ބޯހިޔާވަހިކަމުގެ މައުޑޫއާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ވާރުތަވި ބޯހިޔާވަހިކަމުގެ މަސައްކަތްތައް ވައުދާ އެއްގޮތަށް ހަވާލުކުރެވެމުންދާ ކަމަށެވެ. އެއާ އެކު ހުޅުމާލެއާއި ވިލިމާލެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އެތައް ހާސް ހައުސިން ޔުނިޓެއް ތަފާތު މަރުހަލާތަކުގައި ހެދެމުންދާ ކަމަށާއި، މާލެ ސަރަހައްދުގައި އެކަނި ގާތްގަނޑަކަށް ހަތަރު ހާހެއްހާ ޔުނިޓުގެ މަސައްކަތް ހިނގަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާވެހި ފައިނޭންސް ސްކީމާ ބެހޭ ގޮތުން ރައީސް ހާމަކުރެއްވީ، އެ ސްކީމުގެ ދަށުން 655 ފަރާތަކަށް 435 މިލިއަން ރުފިޔާ މިހާރު ދޫކޮށް، ގެ އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ބީއެމްއެލް އެފޯޑަބަލް ހައުސިން ލޯނު ސްކީމް ވެސް ހިނގަމުންދާ ކަމަށާއި، އަލަށް ފަށާ ހެލްޕް ޓު ބައި އަދި ހެލްޕް ޓު ބިލްޑް ސްކީމަށް އެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހޭދަކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިރޭގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މިނިސްޓަރުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް