ނިމިދިޔަ ހަފުތާގައި ސްކޭމްތަކުގައި ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލުނު - ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދި

ނޮވެމްބަރު 8 އިން 14 އަށް ހުށަހެޅުނު ސްކޭމް މައްސަލަތަކުގައި ގެއްލުނު 630,573 ރުފިޔާގެ ތެރެއިން 63.9 އިންސައްތަ ފުލުހުން ވަނީ އަނބުރާ ހޯދައިދީފައެވެ.

18 Nov 2026 | 08:27
ނިމިދިޔަ ހަފުތާގައި ސްކޭމްތަކުގައި ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލުނު - ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދި

ނޮވެމްބަރު 8 އިން 14 އަށް ފުލުހުންނަށް ހުށަހެޅުނު ސްކޭމްގެ 38 މައްސަލައެއްގައި ގެއްލިފައިވާ ޖުމްލަ 630,573.34 ރުފިޔާގެ ތެރެއިން 402,658.34 ރުފިޔާ އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރިއާ ގުޅޭ މައްސަލަތައް ކަމަށްވާއިރު، އެ ބާވަތުގެ 13 މައްސަލައެއް ހިމެނެއެވެ. ހުއްދަ ނެތި ހިންގި މާލީ މުއާމަލާތްތަކުގެ ނުވަ މައްސަލައަކާއި، ބުކިން ކެންސަލްކޮށް ރީފަންޑަށް އެދިގެން ހިންގި ހަ މައްސަލައެއް ވެސް ހުށަހެޅިފައިވެއެވެ. މީގެ އިތުރުން ފައިސާ މާރުކުރުމުގެ ފަސް ސްކޭމަކާއި، ބައެއްގެ ނަމުގައި ހެދިގެން ހިންގި ހަތަރު މައްސަލައަކާއި، އިންވެސްޓްމަންޓާ ގުޅޭ އެއް މައްސަލައެއް ވެސް ހިމެނެއެވެ.

Advertisement

ބުކިން ރީފަންޑް ސްކޭމާ ގުޅޭ ގޮތުން ފުލުހުން ފާހަގަކުރި ގޮތުގައި، ކޮޓަރި ބުކްކުރުމަށް ފަހު ކުއްލިއަކަށް ކެންސަލްކޮށް ސައްހަ ނޫން ޕޭމަންޓް ސްލިޕެއް ފޮނުވައިގެން ރީފަންޑް ހޯދާ މައްސަލަތައް އަދިވެސް ދަނީ ފެންމަތިވަމުންނެވެ. ބޭންކް އެކައުންޓަށް ފައިސާ ވަދެފައިވޭތޯ ބެލުމެއް ނެތި ރީފަންޑް ދޫކުރުމުން، ހަގީގަތުގައި ފައިސާ ޖަމާނުވާކަން އެނގެނީ މާ ފަހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރީފަންޑެއް ދޫކުރުމުގެ ކުރިން ބޭންކް އެކައުންޓް ނުވަތަ ސްޓޭޓްމަންޓް ބަލައި ފައިސާ ޖަމާވެފައިވާކަން ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ޕޭމަންޓް ސްލިޕެއް ފެނުމަކީ ފައިސާ ލިބުނުކަމުގެ ހެއްކެއް ނޫން ކަމަށާއި، އެކައުންޓަށް ފައިސާ ޖަމާވެފައި ނުވާ ނަމަ އެއްވެސް ހާލެއްގައި ރީފަންޑް ނުދިނުމަށް ފުލުހުން ހަނދާންކޮށްދީފައިވެއެވެ.

އެ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގެއްލުނު ފައިސާގެ 63.9 އިންސައްތަ ހޯދައިދެވިފައިވީ ނަމަވެސް، 227,915 ރުފިޔާ ވަނީ އަނބުރާ ނުހޯދިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް