އެޕަލް ކުންފުނީގެ އައިކްލައުޑް، އެޕް ސްޓޯ، އެޕަލް މިއުޒިކް އަދި އެޕަލް ޕޭ ހިމެނޭ ގޮތަށް ގިނަ ހިދުމަތްތަކެއް އިއްޔެ ޑައުންވެ، ގިނަ ބަޔަކަށް އެކަމުގެ އަސަރުކޮށްފިއެވެ.
އެމެރިކާ ގަޑީން ހެނދުނު 11:30 ހާއިރު މައްސަލަތައް ރިޕޯޓުކުރަން ފެށި ނަމަވެސް، 12:29 ހާއިރު ޑައުންޑިޓެކްޓާގައި ރިޕޯޓުތައް އެތައް ހާހަކަށް އަރައިފައިވެއެވެ. ބޭނުންކުރާ ފަރާތްތަކަށް އައިފޯނާއި މެކުން ކުއްލިއަކަށް އައިކްލައުޑުން ސައިން އައުޓުވެ، އަލުން ސައިން އިން ކުރަން މަސައްކަތްކުރުމުން އެރާ މެސެޖެއް ދައްކަމުން ގޮސްފައިވެއެވެ. އެޕް ސްޓޯއިން އެޕް ޑައުންލޯޑް ނުކުރެވޭ ކަމާއި އެޕަލް މިއުޒިކާއި ޑިވައިސް އެކްޓިވޭޝަނުގައިވެސް މައްސަލަ ދިމާވި ކަމަށް ބޭނުންކުރާ ފަރާތްތައް ބުނެފައިވެއެވެ.
އެޕަލް ރީޓޭލް ފިހާރަތަކާއި ކޯޕަރޓް އޮފީސްތަކަށްވެސް މި ޑައުންގެ އަސަރު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. ފިޒިކަލް އެޕަލް ސްޓޯތަކުން ތަކެތި ގަތުމާއި ހަވާލުވުމާއި މަރާމާތުގެ ހިދުމަތްވެސް ހުއްޓިފައިވެއެވެ.
އެޕަލް ކުންފުނިން ދި އިންޑިޕެންޑެންޓަށް ދިން ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ ދިމާވީ އެ ކުންފުނީގެ އެތެރޭގެ އަޕްޑޭޓެއްގެ ސަބަބުން ކަމަށާއި، މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށެވެ. އެޕަލް މިއުޒިކާއި އެޕް ސްޓޯ ފަދަ ހިދުމަތްތައް އަލުން ހިނގަން ފެށި ނަމަވެސް، ބައެއް ހިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
މި ހާދިސާ ހިނގީ މައިކްރޯސޯފްޓާއި ޖޭ.ޕީ މޯގަން ޗޭސް ފަދަ ބޮޑެތި ކުންފުނިތަކުގެ ހިދުމަތްތައް ވެސް މިދިޔަ ހަފުތާގައި ޑައުންވެފައިވާ ދަނޑިވަޅެއްގައެވެ. އެޕަލްގެ އައިކްލައުޑް ހިދުމަތް ނޮވެމްބަރު 10 ވަނަ ދުވަހުވެސް ވަނީ ޑައުންވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް