ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް އުފައްދަވައިފި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި...

18 Nov 2018 | 18:35

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް އުފައްދަވައިފި

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް ކޮމިޝަނެއް އުފައްދަވައިފިއެވެ. މި ކޮމިޝަން އުފައްދަވާފައިވަނީ 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުއެވެ.

ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އެކުލަވައި ލައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.

މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވެއެވެ.

މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  1. އަލްފާޟިލް އަޙްމަދު އަސްޢަދު، މާތޮޑާއަވަށް. ގުލްފާމުގެ، ގދ. ފަރެސްމާތޮޑާ
  2. އަލްފާޟިލް ޢާޞް ޢަބްދުﷲ، ދަޑިމަގު. ގާޑެންގްރޯވ، ޏ. ފުވައްމުލައް
  3. އަލްއުސްތާޛު ނަދީމް އިބްރާހީމް، ދަފްތަރު ނަންބަރު ރސ 7006
  4. އަލްއުސްތާޛާ ޢާއިޝަތު ޙަނާ ވަޙީދު، މ. ހާޑްރޮކް
  5. އަލްފާޟިލާ ފާޠިމަތު ސަރީރާ ޢަލީ ޝަރީފު، ދަފްތަރު ނަންބަރު ދރ 1320

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އަޙްމަދު އަސްޢަދެވެ.

މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ  މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ  އިދާރާއަކަށް  ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް