ހިނާޔާތުގެ މައްސަލަތަކާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބަލަން ކޮމިޓީއެއް އުފައްދަން ނިންމައިފިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ހޯދުމަށްވަނީ ނިންމާފައެވެ. އޭގެ އިތުރުން، ނުހައްގު މުއްސަނދި ކަމުގެ ގާނޫނެއް ފާސް ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އެ ގާނޫނާ ބެހޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.
ބިދޭސީންނަށް ކޯޓާ ދޫކުރުމާއި އެ މީހުންނާ ގުޅޭ ކަންކަމުގައި ރިޝްވަތު ނެގުން ހުއްޓުމަކަށް ގެނައުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށަން ވެސް ވަނީ ނިންމާފައެވެ. ނަމަވެސް އަޅަން ފަށާނެ ފިޔަވަޅުތަކުގެ ތަފުސީލެއް ވެސް ހާމައެއް ނުކުރެއެވެ.
ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކާއި، މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ ހުރިހާ މީހުންނާއި، އެ މީހުންގެ އަނބި ނުވަތަ ފިރިންގެ މުދަލާއި މާލީ ބަޔާން ހާމަކޮށް، ގަވާއިދުން ރިވިއު ކުރުމުގެ މަސައްކަތް ފަށަން ވެސް ވަނީ ހިމަނާފައެވެ.
ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދުފުޅަކީ ނިމިދިޔަ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތަކުގެ މައްސަލަތައް ބަލައި، ކޮރަޕްޝަންގެ އަމަލު ހުއްޓުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް