މުސްތަފީ އާއި ސަންޗޭޒްގެ ލަނޑުތަކުން އާސެނަލް އިން ޓޮޓެންހަމް ބަލިކޮށްފި!

އިނގިރޭސި ޕްރިމިއަ ލީގުގައި މިއަދު ހަވީރު ކުޅުނު "ލަންޑަން ޑާބީ" މެޗުގައި މުސްތަފީ އާއި ސަންޗޭޒް ކާމިޔާބުކޮށްދިން ލަނޑުތަކާއެކު 2-0 ގެ ނަތީޖާއިން އާސެނަލް އިން ޓޮޓެންހަމް ބަލިކޮށްފިއެވެ. އާސެނަލްގެ އެ...

18 Nov 2017 | 16:15

އިނގިރޭސި ޕްރިމިއަ ލީގުގައި މިއަދު ހަވީރު ކުޅުނު "ލަންޑަން ޑާބީ" މެޗުގައި މުސްތަފީ އާއި ސަންޗޭޒް ކާމިޔާބުކޮށްދިން ލަނޑުތަކާއެކު 2-0 ގެ ނަތީޖާއިން އާސެނަލް އިން ޓޮޓެންހަމް ބަލިކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކުރިން މި މެޗުން ޓޮޓެންހަމް މޮޅުވެ، ލަންޑަންގެ ގަދަބާރުގެ ގޮތުގައި އޮތް އާސެނަލް ލަންޑަންގައި ފަހަތަށް ޖައްސާލާނެ ކަމަށް އޮތީ ބެލެވިފައެވެ. އެއީ މި ސީޒަނުގައި ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް އިން ދައްކަމުން އަންނަ ރަނގަޅު ކުޅުމާއެކުގައެވެ.

އެހެން ނަމަވެސް، "ލަންޑަން ޑާބީ" މެޗުން ބަލިވެ، ލީގަށް ވާދަކުރުމުގައި ޓޮޓެންހަމްގެ އުންމީދު ވަނީ އިތުރަށް ފަނޑުވެފައެވެ. ލީގު ތާވަލުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިރޭ މޮޅުވެއްޖެ ނަމަ، ޓޮޓެންހަމް އާ ދެމެދުގައި އޮތް ފަރަގު 11 ޕޮއިންޓަށް ފުޅާވާނެއެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު 36 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އާސެނަލްގެ ޑިފެންޑަރ މުސްތަފީ އެވެ. މިއީ އާސެނަލް ދޫކޮށްލާނެކަމަށް ބެލެވިފައިވާ އޮޒިލް ނަގައިދިން ހުރަހަކުން މުސްތަފީ ބޮލުން ކާމިޔާބު ކުރި ލަނޑެކެވެ.

ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އަށް އެންމެ އެދެވޭ ކުޅުމެއް މި މެޗުގައި ނުދެއްކުނު އިރު، އާސެނަލް އިން ލީޑް ފުޅާކުރީ ލެކެޒެޓީ ދިން ބޯޅައަކުން 41 ވަނަ މިނިޓުގައި އެލެކްސިސް ސަންޗޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި މޮޅާއެކު އެންމެ ފަހުން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު 6 މެޗުންވެސް މޮޅެއް ނުލިބި އޮތް އޮތުން އާސެނަލް ވަނީ ނިމުމަކަށް ގެނެސްފައެވެ. އަދި އެ ޓީމު ވަނީ 22 ޕޮއިންޓާއެކު ލީގުގެ 5 ވަނައަށް ޖެހިލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް