ސްޕެނިޝް ލީގުގެ ވާދަވެރި، މެޑްރިޑަށް ނިސްބަތްވާ ގަދަ ދެ ބާރު މިރޭ މޮޅުވުން މުހިންމު މެޗަކަށް ނުކުންނާނެއެވެ. މިއީ މި ސީޒަންގައި އެތުލެޓިކޯ މެޑްރިޑުން އަލަށް ބޭނުން ކުރަން ފެށި "ވަންޑަ މެޓްރޮޕޮލިޓާނޯ" ސްޓޭޑިއަމްގައި ރެއަލް މެޑްރިޑާ ދެކޮޅަށް އެ ޓީމު ކުޅޭ ފުރަތަމަ މެޗެވެ.
ސްޕެނިޝް ލީގުގެ މި ސީޒަންގައި ރެއަލް މެޑްރިޑާއި، އެތުލެޓިކޯ މެޑްރިޑްގެ ފެށުން ރަނގަޅު ނުވުމާއެކު މި ދެ ޓީމަށްވެސް މިއީ ބަލިނުވެ ސަލާމަތްވުން ކޮންމެހެންވެސް މުހިންމު މެޗެކެވެ. މިރޭގެ މެޗުން ބަލިވާ ޓީމަކަށް ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ފަރަގު ބޮޑުވެ، ތަށްޓަށް ވާދަކުރުމުގެ ފުރުސަތު ކުޑަވެގެން ދާނެއެވެ.
މިރޭގެ މެޗާ ކުރިމަތިލާއިރު، އެތުލެޓިކޯ މެޑްރިޑަށް އަނިޔާގެ އެއްވެސް މައްސަލައެއް ނެތުމަކީ އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެހެން ނަމަވެސް އެ ޓީމުގެ ފޯވާޑް ގްރީޒްމަން އަށް އެކަށީގެންވާ ވަރަށް މި ސީޒަނުގައި ލަނޑު ނުޖެހުމަކީ މި މެޗާ ކުރިމަތިލާއިރުވެސް ސިމިއޯނީއަށް އޮންނާނެ އެންމެ ބޮޑު ނުތަނަވަސްކަމެވެ.
އަނެއް ކޮޅުން، ރެއަލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސް ލީގުގެ މި ސީޒަނުގައި މިހާތަނަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ. މިކަން ބޮޑުވުމާއެކު މެޑްރިޑް ޑާބީ މެޗަށް ކުރިމަތިލާއިރު، ފޯމު ކަޓާފައިވާ މެޑްރިޑަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއްވެސް ކުރިމަތިވެފައެވެ. އެޓީމުގެ އަރިމަތިން ކުރިއަށް ކުޅޭ ގެރެތު ބޭލް އަނިޔާގައި ހުރިއިރު، މުޅިން ރިކަވާ ނުވާތީ މި މެޗުގައި ގޯލްކީޕަރ ކޭލާ ނާވަސް އަށްވެސް ނުކުޅެވޭނެއެވެ. އެހެން ނަމަވެސް ފުލްބެކް ޑެނީ ކަވަހާލް އާއި މޮޑްރިޗް މި މެޗަށް ފިޓް ވެފައިވުމަކީ ޒިދާންއަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ.
މިރޭ އެތުލެޓިކޯ މެޑްރިޑާއި ރެއަލް މެޑްރިޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް