ހަޅުތާލަށް ފަހު ސައީދު -- ފޮޓޯ: ދުވަސް
ހެންވޭރުގައި މީހުންނަށް ތަކުރާރުކޮށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު، ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދިނުމުން މުހައްމަދު ސައީދު މިއަދު ނިންމާލައިފިއެވެ.
ހަޅުތާލު ކުރިއަށްގެންދެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުޙައްމަދު ސައީދެވެ. ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ ރައްޔިތުންނަށް އަޙްމަދު ފައިރިޝް ނަމަކަށް ކިޔާ މީހެއްގެ ފަރާތުން އުނދަގޫވެ، ކުޑަކުދިން ތިބޭ ވަގުތުތަކުގައިވެސް ހަޑިހުތުރު ބަހުން މުޢާމަލާތްކުރުމާއި، އެކި ފަރާތްތަކަށް ޖިސްމާނީ ގޮތުން ގޯނާކުރުން ފަދަ އަމަލުތައް ހިންގާ ކަމަށް ސައީދު ވިދާޅުވެފައިވެ އެވެ.
ހަޅުތާލު ފެށުނީ ހެންވޭރު ޕޮލިސް ސްޓޭޝަނުގެ އެތެރޭގައި އިއްޔެ އެވެ. އެތާނގައި 14 ގަޑިއިރު ހޭދަކުރުމަށްފަހު އެތަނުން ނިކުންނަން ޖެހުމުން، ސައީދު ދެން ހަޅުތާލު ކުރިއަށް ގެންދެވީ ފުލުހުންގެ އިދާރާ ކައިރި، މަޖީދީމަގުގައެވެ.
ހަޅުތާލު ނިންމާލެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ބޮޑު ޔަގީންކަމެއް ލިބިވަޑައިގަތުމުން ކަމަށް ސައީދު ވިދާޅުވިއެވެ. މިނިސްޓަރުގެ އެންގެވުމަށް، އިއްޔެއާ ހަމައަށް ފުލުހުންގެ އިދާރާގައި ބަންދުކޮށްފައި ހުރި ގިނަ މައްސަލަތަކެއް އަލުން ހުޅުވައި ބައްލަވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެކުރިން ހުށަހެޅިފައި ހުރި ނަމަވެސް ރަސްމީކޮށް ލޮގް ނުކުރެވި ހުރި މައްސަލަތައް ލޮގްކުރުމުގެ ފުރުސަތު ވެސް މިއަދު ފަހިކޮށްދެއްވި ކަމަށާއި، އެ މައްސަލަތައް ލޮގްކުރުމަށްފަހު އާއިލާއާ މަޝްވަރާކޮށް ހަޅުތާލު ނިންމާލަން ނިންމެވި ކަމަށް ސައީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ވަރަށް ބޮޑު އެޝުއަރެންސެއް މިނިސްޓަރ އިޙްސާން ދެއްވި. އަދި ޕީޖީން ވެސް ރޭގަ ވަރަށް ދަންވަރުގަ އަދި މިއަދުވެސް ގުޅުއްވާފަ މިކަމާއިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އަޅުގަނޑާ އަދި އަޅުގަނޑުގެ އާއިލާއަށް ދެއްވި،" ސައީދު ވިދާޅުވިއެވެ.
މި މައްސަލައިގައި އަޑުއުފުލި މީޑިއާތަކަށާއި ސޯޝަލް މީޑިއާގެ ފަރާތްތަކަށް ސައީދު ޝުކުރު އަދާކުރެއްވިއެވެ. އަދި ރޭގަނޑުން ފެށިގެން ހެނދުނާ ހަމައަށް ސައީދާއެކު ވަގުތު ހޭދަކުރެއްވި އެ ދާއިރާގެ މަޖިލިސް މެންބަރު އިސްމާޢީލް ނިޒާރަށާއި، އާއިލާއާއި އަވަށްޓެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވެސް އޭނާ ޚާއްޞަކޮށް ޝުކުރު އަދާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް