އެންއެންޔޫއިން ކުރިޔަށް ގެންދިޔަ މަންހަޖު ތައްޔާރުކުރުމުގެ ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޕޮލިސިންގ އާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއަށް ޚާއްޞަ ކޮލެޖުގެ މުވައްޒަފުންނަށް މަންހަޖު ތައްޔާރުކުރުމާ ބެހޭ ވޯކްޝޮޕެއް އިއްޔެ ބާއްވައިފިއެވެ.
ޔުނިވަރސިޓީން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އަށް ބޭއްވި މި ވޯކްޝޮޕުގައި 35 ފަރާތަކުން ބައިވެރިވި އެވެ. ބައެއް ބައިވެރިން ސީދާ ހާޒިރުވި އިރު، އަނެއް ބައެއް ބައިވެރިވީ އޮންލައިންކޮށެވެ.
ޔުނިވަރސިޓީން ބުނީ، ފައިދާހުރި ގޮތެއްގައި މަންހަޖު ތައްޔާރުކުރުމާއި ކޮލިޓީ އެޝުއަރެންސްގެ އުސޫލުތައް ބައިވެރިންނަށް ރަނގަޅަށް ދެނެގަތުމުގެ ފުރުޞަތު މި ވޯކްޝޮޕުން ލިބިގެން ދިޔަ ކަމަށެވެ.
ނޫސް ބަޔާނުގައިވާ ގޮތުން، އިލްމު އުފައްދައި، ރައްކާކޮށް، ފަތުރައިގެން ރައްޔިތުންގެ ދިރިއުޅުމާއި ދިރިއުޅުމުގެ ވަސީލަތްތައް ރަނގަޅުކޮށް، ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ހިއްސާވުމަކީ އެ ޔުނިވަރސިޓީގެ މިޝަނެވެ. މި މަސައްކަތަކީ އެ މިޝަނާ އެއްގޮތަށް ކުރި ކަމެއް ކަމަށް ޔުނިވަރސިޓީން ބުނެއެވެ.
އަދި މި ވޯކްޝޮޕުން ދާއިމީ ތަރައްޤީގެ އެތައް އަމާޒަކަށް ވާސިލުވުމަށް އެހީތެރިވާ ކަމަށް ޔުނިވަރސިޓީން ބުނެއެވެ. މަސައްކަތުގެ ދާއިރާގައި ދަސްކުރުމުގެ ތެރެއިން ފެންވަރު ރަނގަޅު ތަޢުލީމާ ބެހޭ ހަތަރުވަނަ އަމާޒަށާއި، ފުލުހުންނާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ ޤާބިލުކަން ބިނާކުރުމުގެ ތެރެއިން ސުލްހައާއި އިންސާފާއި ވަރުގަދަ މުއައްސަސާތަކާ ބެހޭ 16 ވަނަ އަމާޒަށް އެހީތެރިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. މަތީ ތައުލީމު ދޭ މުއައްސަސާތަކާއި މަސައްކަތުގެ ތަމްރީނު ދޭ މުއައްސަސާތަކުގެ ދެމެދުގައި ގުޅިގެން މަސައްކަތްކޮށް އިލްމު ހިއްސާކުރުމުގެ ތެރެއިން ބައިވެރިވުމާ ބެހޭ 17 ވަނަ އަމާޒަށް ވެސް މިކަމުން ތާއީދު ލިބޭ ކަމަށް ޔުނިވަރސިޓީން ބުނެއެވެ.
މިފަދަ މަސައްކަތްތަކުގެ ތެރެއިން ތަޢުލީމުގެ ފެންވަރާއި މުއައްސަސާތަކުގެ ދެމެދުގެ ގުޅުން ވަރުގަދަކޮށް، ދާއިމީ ތަރައްޤީއާއި ޤައުމީ އިސްކަންދޭ ކަންކަމަށް ދެމުންދާ ހިއްސާ ކުރިއަށް ގެންދާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް