ފުލުހުންނާއި އިލެކްޝަނާއި އެޗްއާރުސީއެމުން އެމްޑީޕީއާއެކު ބައްދަލުވެއް ބާއްވަން ނިންމައިފި

މިމަހުގެ 27 ވާ ހުކުރު ދުވަހު، އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބޭއްވުމަށް ތައްޔާރުވަމުން އަންނަ މުޒާހަރާއާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަނާއި، ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނ...

18 Nov 2015 | 09:49

މިމަހުގެ 27 ވާ ހުކުރު ދުވަހު، އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބޭއްވުމަށް ތައްޔާރުވަމުން އަންނަ މުޒާހަރާއާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަނާއި، ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެމްޑީޕީއާއި ބައްދަލުކުރުމަށް ނިންމައިފި އެވެ.

މި ތިން މުއައްސަސާއިން އެމްޑީޕީއާއި ބައްދަލު ކުރުމަށް ނިންމާފައި ވަނީ އެ މުޒާހަރާއާއި ބެހޭގޮތުން ތިން މުއައްސަސާ ބައްދަލުކުރުމަށް ފަހުގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މުޒާހަރާއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި، ފުލުހުންނާއި، އެޗްއާރުސީއެމުން ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި މިއަދު 10:00 ގައި ކަމަށެވެ.

"މި ބައްދަލުވުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިންސިޔާސީ އެއްވުންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ބާރުއަޅާވާހަކަ ފާހަގަކޮށްފައި ވޭ، އަދި އެފަދަ ހަރަކާތްތަކަށް ފުލުހުންގެ އެއްބާރުލުން ލިބިގެން ދާނެކަން ފުލުހުން ފާހަގަކޮށްފައި ވޭ، ނަމަވެސް ގާނޫނާއި ގަވާއިދާ ހިލާފަށް، ސިޔާސީ ޕާޓީތަކުން ކުރާ ކަންތައްތަކާއިމެދު އެ ފަރާތްތަކަށް ނަސޭހަތްތެރިވެ ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް މި ކޮމިޝަނުން ބައްދަލުވުމުގައި ފާހަގަ ކުރީމު" އިލެކްޝަންސް އިން ބުނެ އެވެ.

އިލެކްޝަންސް އިން އިތުރަށް ބުނީ މިފަދަ ސިޔާސީ ހަރަކާތްތައް ވަރަށް ގާތުން ބައްލަވާނެ ކަމާއި އެ މައުލޫމާތުތައް އިލެކްޝަންސް އާއި ހިއްސާކުރާނެ ކަން އެޗްއާރުސީއެމުން ފާހަގަ ކުރި ކަމަށެވެ. އަދި ބައްދަލުވުން ނިންމާލީ ތިން މުއައްސަސާ އެކީގައި އެމްޑީޕީއާއި ބައްދަލުކުރަން ނިންމާފައި ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް