އަގުބޮޑު އިނާމްތަކާއި އެކު ' އެނަރޖީ އެފިޝެންސީ ފޮޓޯގްރަފީ' ގެ ނަމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީގެ ފަރާތުން ފޮޓޯ ނަގާ މުބާރާތެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެމުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 32 އިންޗީގެ ޓީވީއެއް، ދެވަނައަށް ހޮވޭ ފަރާތަކަށް ސެމްސަންގ ގެލެކްސީ ޓެބް އީ 9 އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް ސެމްސަންގް ހޯމްތިއޭޓަރ ސިސްޓަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމެންޓުން ބުނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ކެޓަގަރީ އަކުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ ޓެބް 3 ނިއޯއެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ މުއްދަތު ހަމަ ވާނީ އަންނަ މަހުގެ 13 ވާ އާދިއްތަ ދުވަހުގެ 12:00 އަށެވެ.
އެ މުބާރާތުގެ ތީމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ މިއަހަރުގެ ހަކަތައިގެ ދުވަހު އިފްތިތާހު ކުރެވުނު ޝިއާރުކަމުގައިވާ "ލެޑް ސޭވްސް" އެވެ. ފޮޓޯތަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ހަ ކެޓަގަރީ އަކީ
- ކުރީގައި ބޭނުންކުރި ދިއްލުންތައް
- ޒީނަތްތެރިކުރުމަށް ދިއްލާ ދިއްލުންތައް
- އިމާރާތުގައި ގުދުރަތީ އަލި ބޭނުންކުރުން
- އިމާރާތްތަކުގެ ދިއްލުންތައް
- އިޖުތިމާޢީ ސަރަޙައްދުގެ ދިއްލުންތައް
- ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް އައި ތަރައްޤީ
އެ މުބާރާތަށް ހުށަހަޅާ ފޮޓޯތަކަކީ މީގެކުރިން އެއްވެސް މުބާރާތެއްގައި ބައިވެރިކުރެވިފައިވާ ނުވަތަ ޕަބްލިޝް ކުރެވިފައިވާ ނުވަތަ ވިޔަފާރީގެ ގޮތުން ވިއްކާފައިވާ ފޮޓޯއަކަށް ވެގެން ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ހުށަހަޅާ ފޮޓޯތަކުގެ ރިޒޮލިއުޝަން 70 ޑީޕީއައި އަށްވުރެ ދަށްވެގެން ނުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިމުބާރާތަށް ހުށަހެޅޭ ހަމައެކަނި ދިވެހިރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ މުބާރާތަކީ ހަކަތަ އިސްރާފުކުރުން މަދުކުރުމާއި ތިމާވެއްޓާއި ރައްޓެހިގޮތުހައި ހަކަތަ ބޭނުންކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން އާއްމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤުސަދުގައި ބޭއްވޭ މުބާރާތެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް