ކުޅިވަރު ހަރަކާތްތައް ހިންގުމަށް މިދިޔަ ދެ އަހަރު ތެރޭގައި 50 މިލިއަން ރުފިޔާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހަރަދުކޮށްފައިވާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ޒުހޫރު މިހެން ވިދާޅުވެފައިވަނީ، ޒުވާނުންގެ އެވޯޑް ހާސިލްކުރި ފަރާތްތަކަށް އެވޯޑް ހަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
"ގައުމީ އެސޯސިއޭޝަންތައް ހިންގުމަށް 50 މިލިއަން ރުފިޔާ ވަނީ މި ދެއަހަރުތެރޭ ހަރަދުކުރެވިފައި. ޕްރެފެޝަނަލް ސްޕޯޓްސްމަނުންގެ މުސާރަ އެލަވަންސް ވަނީ ގައުމީ ކުޅިވަރު ކުޅުންތެރިންނަށް ފުރަތަމަ ފަހަރަށް މިދިޔަ އަހަރުތެރޭގައި ދެވެން ފަށްޓާފައި،" އޭނާ ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ، ކުޅިވަރުގެ ރޮނގުން ޕްރޮފެޝަނަލް ކުޅުންތެރިން އުފެއްދުމަށްޓަކައި ގާނޫނެއް ވުޖޫދަށް ގެނެސްފައިވާ ކަމަށާއި އެ ގާނޫނުގައިވާގޮތުން ކުޅިވަރުތައް ހަރުދަނާވެގެންދާނެ ކަމަށެވެ.
"މި ގާނޫނުން ޕްރެފެޝަނަލް އަދި ރެކްރިއޭޝަން ކުޅުންތެރިން ގިންތި ކުރެވިގެންދާނެ. ސްޕޯޓްސް އިންސްޓިޓިއުޓް އުފެދި ޒުވާނުންގެ ހަރަކާތްތައް އިތުރުވެގެންދާނެ. އަދި ކުޅިވަރު މަޖިލިސް އެއް އުފެދި، ކުޅިވަރު ހަރަކާތްތަކުގައި އެސޯސިއޭޝަންތަކާއި ޖަމްއިއްޔާތްތައް މިހާރަށްވުރެ ހަރުދަނާ ޑިމޮކްރެޓިކް އުސޫލަކުން ކުރިއަށްދާނެ،" ކުޅިވަރާބެހޭ ވަޒީރު ވިދާޅުވި އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި 8 ފަރާތަކުން ވަނީ މިއަހަރުގެ ޒުވާނުންގެ އެވޯޑް ހާސިލްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް