ބޯހިމެނުމުގައި ހަރަކާތްތެރިވި މީހުންގެ ތެރެއިން 100 އެއްހާ މީހުންނަށް އިތުރަށް ފައިސާ ދޫކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ސްޓެޓިސްޓިކްސް ޑިޕާޓްމަންޓް ހިންގެވުމާއި ހަވާލުވެ ހުންނެވި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ މުހައްމަދު ޒުހައިރު ވިދާޅުވީ އިތުރަށް ފައިސާ ދެވިފައިވާ 100 އެއްހާ މީހުންނަށް އިތުރަށް ދެވުނު ބައި އަނބުރާ ހަވާލު ކުރުމަށް އަންގަމުންދާކަމަށެވެ. އޭނާ ވިދާޅުވީ އިތުރަށް ފައިސާ ދެވެން ޖެހުނީ ވޯކްޝީޓުތައް ހެދުމުގައި ދިމާވި މައްސަލައަކުން ކަމަށެވެ.
އެކަން މިހާރު ހައްލުކޮށްފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިތުރަށް ދެވުނު މީހުންނަށް ގާތްގަނޑަކަށް 400 ރ އާއި 800 ރ އާއި ދެމެދުގެ އަދަދަކަށް ދެވިފައިވާ ކަމަށެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންނަށް ހަފްތާއަކަށް ދޭންޖެހެނީ 400 ރ އެވެ. އެހެން ނަމަވެސް ބޯހިމެނުމުގެ މުއްދަތު އިތުރު ކުރުމުން އޭގެ އިތުރަށްވެސް ވަނީ ފައިސާ ދޭން ޖެހިފައި އެވެ. ބޯހިމެނުމުގައި އަމަލީ ގޮތުން 3500 މީހުން ހަރަކާތްތެރިވެފައި ވެއެވެ.
އެ މީހުންނަށް ފައިސާ ދޭން ފަށާފައިމިވަނީ އެފައިސާ ދޭން ބުނެފައިވާ ތާރީހު ފަހަނަ އަޅައި ދިއުމުން ބައެއް ފަރާތްތަކުން ޝަކުވާކުރަމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް