ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ދޭން އިންކާރު ކުރާނަމަ ވަގުތުން ހައްޔަރު ކުރަނީ

ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ނުދޭމީހުން ވަގުތުން ހައްޔަރު ކުރެވޭގޮތަށް ފުލުހުންގެ ޓީމަކާއި އެކު ވެކްސިން ދޭން ހެލްތް މިނިސްޓްރީން ނުކުންނަން ފަށައިފި އެވެ. ދީނީ އެކި ސަބަބުތައް ދެއްކުމަށްފަހު ކުދިން...

18 Nov 2014 | 07:19

ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ނުދޭމީހުން ވަގުތުން ހައްޔަރު ކުރެވޭގޮތަށް ފުލުހުންގެ ޓީމަކާއި އެކު ވެކްސިން ދޭން ހެލްތް މިނިސްޓްރީން ނުކުންނަން ފަށައިފި އެވެ.

ދީނީ އެކި ސަބަބުތައް ދެއްކުމަށްފަހު ކުދިންނަށް ވެކްސިން ނުދިނުމަކީ ޕާކިސްތާނުގައި ވަރަށް އާންމު ކަމެކެވެ. އެގޮތުން މިދިޔަ ތިން އަހަރު ދަރިންނަށް ވެކްސިން ނުދޭ މީހުން ތިބި އަވަށެއް އޮވެގެން އެ ގައުމުގެ ސަރުކާރުން ވަނީ އެފަދަ ބެލެނިވެރިންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައި އެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ ހާއްސަ ސަމާލުކަމެއް ދީގެން ޕޯލިއޯ ވެކްސިން ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އަންގަވާފައި އެވެ.

އެހެންވެ ހެލްތް މިނިސްޓްރީގެ ޓީމަކުން ވަނީ ފުލުހުންނާއި އެކު ނުކުމެ ޕޯލިއޯ ވެކްސިން ދޭން ފަށާފައި އެވެ. ފުލުހުންގެ މި ޓީމްގައި 300 ފުލުހުން ހަރަކާތްތެރިވެ އެވެ. ހެލްތް މިނިސްޓްރީން ނިންމާފައިވަނީ ވެކްސިންދޭން ގޮސް އެކަމަށް އެއްބަސްނުވެއްޖެނަމަ އިތުރު ފުރުސަތެއް ދޭށެވެ. އަދި އެ ފުރުސަތުގެ ބޭނުން ނުހިފައިފި ނަމަ ވަގުތުން އެ ކުއްޖެއްގެ ބެލެނިވެރިއަކު ހައްޔަރު ކުރާށެވެ.

ވެކްސިންގ ނުދޭ މައްސަލައިގަ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނު ސަރުކާރުން ވަނީ ދީނީ އިލްމުވެރިންނާއި ބައްދަލުކޮށް އެފަދަ ބެލެނިވެރިންނަށް ވެކްސިން ދިނުމަށް ނަސޭހަތްތެރިވެދިނުމަށް ބާރު އެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ޕޯލިއޯ ގައުމުން ނައްތާލުމަށް ކުރާ މަސައްކަތުގައި އިހުމާލުވާ ސިއްހީ ދާއިރާގެ ފަރާތްތައް ވަޒީފާއިން ވަކިކޮށް ގޭބަންދު ކުރުން ފަދަ ފިޔަވަޅުތައްވެސް ނަވާޒް ޝަރީފުގެ ސަރުކާރުން ވަނީ އަޅަންފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް