ގްރީން ޓެކްސް ނެގުމާއި ބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސްއެއް ނެގުމާއި ބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގ...

18 Nov 2014 | 05:21

ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސްއެއް ނެގުމާއި ބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުނޅަދުތަކަށް އަންނަ ޓޫރިސްޓުން ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން ކޮންމެ މީހެއްގެ އަތުން ގްރީން ޓެކްސްއެއް ދައުލަތަށް ނެގޭނެ ކަމަށެވެ. މީގެ ތެރޭގައި ޓޫރިސްޓް ގެސްޓް ހައުސްތަކެއް ނުހިމެނެ އެވެ.

ދައުލަތަށް އިތުރު އާމުދަނީއެއް ހޯދުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސްއެއް ނެގުމަށް ސަރުކާރުން ނިންމާފައިވާކަން ފުރަތަމަ އިއުލާނު ކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓާ ވިދާޅުވެފައިވަނީ ގްރީން ޓެކްސްގެ ގޮތުގައި ނަގާނީ 10 އެމެރިކާ ޑޮލަރު ކަމަށެވެ.

މިކަމާ ގުޅިގެން ޓޫރިޒަމް ދައިރާގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.

ރާއްޖެ އަށް އަންނަ ޓޫރިސްޓެއްގެ އަތުން އަލަށް ނެގުމަށް ސަރުކާރުން ހުށަހެޅި ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް