އިކޮނޮމިކް މިނިސްޓްރީގެ ލިޔެކިޔުންތަކެއް ނައްތާލަމުން ދާ ވާހަކަ މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.
އެ މިނިސްޓްރީގެ ލިޔެކިޔުންތަކެއް ނައްތާލަމުންދާ ކަމަށް އަޑުފެތުރުނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ މިނިސްޓްރީގެ އިމާރާތަކުން ގިނަ އަދަދެއްގެ ލިޔެކިޔުންތަކަކާއި ބައެއް އެހެން ސާމާނު ޕިކަޕަކަށް އަރުވައިގެން ގެންދާ ވީޑިއޯއަކާ އެކު އެވެ.
މި އަޑުތައް ފެތުރެންފެށީ، ބޮޑުތަކުރުފާނު މަގުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އިމާރާތަކުން ނެރުނު ގިނަ އަދަދެއްގެ ލިޔުންތަކާއި، ބައެއް އެހެން ސާމާނު އަރުވައިގެން ގެންދާ މަންޒަރުގެ ވީޑިއޯއެއް ޓުވިޓާގައި އާންމުވުމުންނެވެ.
އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް އައިމިނަތު ނާދިޔާ ވިދާޅުވެފައިވަނީ އެއްވެސް ލިޔުމެއް ނައްތާލުމުގެ މަސައްކަތް ކޮށްފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި، ނަމަވެސް މިނިސްޓްރީގެ އެތެރެ އެހެން ގޮތަކަށް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ކުރީގެ ބައެއް އެއްޗެހި ގުދަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ ބައެއް ލިޔެކިޔުން ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
އަދި ހަމައެއާއެކު ސަރުކާރުގެ އެއްވެސް އޮފީހެއްގެ ލިޔެކިޔުން ނައްތާލާ ނަމަ އެކަން ކުރާ މުވައްޒަފުން ނުވަތަ ބަޔަކު ސީދާ ޒިންމާ އުފުލަން ޖެހޭނެ ކަމަށްވެސް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ ބުނެފައެވެ.
ދައުލަތުގެ ލިޔުންތައް ނައްތާލަމުން ދާ ކަމަށް ބުނާ ވާހަކަ ސަރުކާރުން ވަނީ ރަސްމީކޮށް ދޮގު ވެސް ކޮށްފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައި ވަނީ "ކުނިބުންޏަށްވާ" ތަކެތި ނައްތާލަމުން ދިޔަ ނަމަވެސް މުހިންމު އެއްވެސް ލިޔުމެއް ނައްތާނުލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް