ދިރާގު ރޯޑް ރޭސް ހުކުރު ދުވަހު

ދިރާގުން ކޮންމެ އަހަރަކުވެސް ކާމިޔާބު ކަމާއި އެކީ ބާއްވާ "ދިރާގު ރޯޑް ރޭސް" ހުކުރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ދިރާގުން މިފަހަރު ރޯޑް ރޭސް ބާއްވާއިރު، ދެ ދުވުން...

18 Sep 2019 | 09:38

ދިރާގުން ކޮންމެ އަހަރަކުވެސް ކާމިޔާބު ކަމާއި އެކީ ބާއްވާ "ދިރާގު ރޯޑް ރޭސް" ހުކުރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން ދިރާގުން މިފަހަރު ރޯޑް ރޭސް ބާއްވާއިރު، ދެ ދުވުން އޮންނާނީ ދެ ވަގުތެއްގައެވެ. މިމަހުގެ 20 ވާ ހުކުރު ދުވަހުގެ ހެނދުނު 10 ކިލޯމީޓަރުގެ ދުވުން ފެށޭނީ ހެނދުނު 6:00 ގައެވެ. އަދި ފަސް ކިލޯމީޓަރުގެ ދުވުން ހުކުރު ދުވަހުގެ 4:30 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުން މިއަދު ވަނީ މި ރޯޑް ރޭސްގައި ބައިވެރިވާ ރާއްޖޭގެ ބައެއް ޕްރޮފެޝަނަލް ދުވުންތެރިންނާއިއެކު ރަސްމިއްޔާތެއް ބާއްވާފައެވެ. ދިރާގު ހެޑް އޮދީހުގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ދުވުންތެރިންގެ ތަޖުރިބާއާއި މި ރޭހަށް ވަމުންދާ ތައްޔާރީތައް ހިއްސާކޮށްފައިވެއެވެ. ދުވުންތެރިން މިފަހަރު އެންމެ ހިތްހަމަޖެހޭ ކަމަކީ ދެ ދުވުން ދެ ވަގުތުގައި ބޭއްވުމަށް ހަމަޖެހިފައި ވާތީ ކަމަށް ދުވުންތެރިން ވަނީ ބުނެފައެވެ.

ފާއިތުވި އަހަރުތަކުގައިވެސް ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދިޔަ މި ރޯޑް ރޭސްގައި ވަނަތައް ހާސިލުކޮށްފައިވާ ދުވުންތެރިން މިއަދުގެ ބައްދަލުވުމުގައި ވަނީ ބައިވެރިވެފައެވެ. ދުވުންތެރިންގެ ނަސޭހަތަކީ، މިފަދަ ދުވުމަކަށް ދާއިރު ހަމަ ހުރެފައި ދުވަން ނުފެށުން ކަމަށާއި، އަބަދުވެސް މިކަމުގެ ތަމްރީނުތައް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. ދެ ދުވުން ދުވާ މީހުން، ފުރަތަމަ ދުވުން ނިންމައިލުމަށްފަހު ރަގަޅަށް ރެސްޓު ކުރުމަށްފަހު އަނެއް ދުވުމަށް ދިއުމަށްވެސް މި ދުވުންތެރިން ވަނީ އާންމުންގެ ފަރާތުން އެދިފައެވެ.

ރާއްޖޭގެ ޕްރޮފެޝަނަލް ދުވުންތެރިން މި ދުވުމުގައި މިފަހަރުވެސް ބައިވެރިވާއިރު، މިފަހަރުވެސް ކާމިޔާބު ވަނަތަކެއް ހޯދުމަކީ އެބޭފުޅުންގެ އަމާޒެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް ވެސް މިއިވެންޓުގައި ބައިވެރިވާނެއެވެ. ދިރާގުން ބުނީ، މި ދުވުމަކީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެއް ކަމުގައެވެ.

"ދިރާގު ރޯޑް ރޭސް" އަކީ 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ ވަރަށް ކާމިޔާބު ރޭހެކެވެ. މިއީ މި ރޭސް ބާއްވާ 13 ވަނަ އަހަރެވެ. މިރޭހުގައި ޕްރޮފެޝަނަލް ދުވުންތެރިންގެ އިތުރުން، އާންމުގެ ގިނަ ބަޔަކު ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް