މިސްރުގަނދަކޯޅި އޮށާއި އިސްބަގުލު ބަނޑު ހިންދާލުމަށް ވަރަށް މޮޅު ކަމަށް ބުނޭ --
ބަރުދަން ލުއިކުރުމަށް ގިނަ ބަޔަކު ބޭނުންކުރާ މިސްރުގަނދަކޯޅި އޮށާއި އިސްބަގުލަކީ ސިފަ އެއްގޮތް ނަމަވެސް ހަށިގަނޑަށް މަސައްކަތްކުރާ ގޮތް ތަފާތު ދެ އޮށެކެވެ.
ފެނަށް ސްމޫތީއަށް ނުވަތަ ޔޯގަޓަށް އެޅި ނަމަވެސް މި ދެ ބާވަތުން ކުރެ އެއްވެސް ބާވަތެއް ސީދާ ބަނޑުގެ ސަރުބީ ވިރުވައެއް ނުލައެވެ. ނަމަވެސް ދެ ބާވަތް ވެސް ޞިއްޙީ ފައިދާތައް ގެނެސްދެނީ ތަފާތު ގޮތްގޮތަށެވެ.
އެހެންކަމުން ތިބާގެ ހަށިގަނޑަށް އެންމެ ބޭނުންތެރީ ކޮން ބާވަތެއްކަން ދެނެގަތުން މުހިންމެވެ.
މިސްރުގަނދަކޯޅި އޮށުގައި ގިނަ އަދަދަކަށް ސޮލިއުބަލް ފައިބަރާއި އޮމެގާ 3 ފެޓީ އެސިޑާއި ގަހުން ލިބޭ ޕްރޮޓީން ހިމެނެއެވެ. ފެނުގައި ފޯކުރުމުން ޖެލް ފަދަ ބައްޓަމެއް ހެދި ހަޖަމުކުރުން ލަސްވެ ބަނޑުހައިވާލެއް ކުޑަކޮށްދެއެވެ. ދަ ޖާނަލް އޮފް ނިއުޓްރިޝަނުގައި ޝާއިޢުކޮށްފައިވާ ދިރާސާއެއް ދައްކާ ގޮތުން ފައިބަރު ގިނައިން ބޭނުންކުރާ މީހުންގެ ކެލޮރީ ކޮންޓްރޯލްޑް ޑައެޓުތަކުން ރަނގަޅު ނަތީޖާ ނެރެވެއެވެ.
މިސްރުގަނދަކޯޅި އޮށް ބޭނުންކޮށްގެން ކުރި ކްލިނިކަލް ދިރާސާތައް ބުނާ ގޮތުން ބަރުދަން ބޮޑުތަނުން ނުލުއިވި ނަމަވެސް އުނަގަނޑުގެ ވަށަމިން ކުޑަ މިންވަރަކަށް ހިނދޭކަން ފާހަގަވެފައިވެއެވެ. އެހެންކަމުން މިސްރުގަނދަކޯޅި އޮށުން ހެޔޮ ބަދަލު ފެންނާނީ ދުވާލެއްގެ ކެއުމުގެ ތެރޭ ގަވާއިދުން ބޭނުންކޮށް ކަސްރަތާ އެކުގައެވެ.
އިސްބަގުލަކީ ފެނުގައި ވަރަށް އަވަހަށް ފޮއްސިވެ ބޮޑުވާ އޮށެކެވެ. ފުޑްސް ޖާނަލުގައި ޝާއިޢުކޮށްފައިވާ ދިރާސީ ކަރުދާހެއްގައިވާ ގޮތުން އިސްބަގުލުގެ 30 އިންސައްތައަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ ފައިބަރެވެ. މީގެ ސަބަބުން ހަޖަމުކުރުން ލަސްކޮށްދީ ކައި ނިމޭ ތާ ކުޑައިރުކޮޅެއް ތެރޭ ބަނޑު ފުރިފައި ހުރި ކަމުގެ އިޙުސާސް ގެނުވައެވެ.
ހަޖަމުގެ ނިޒާމާ ގުޅޭ އިތުރު ދިރާސީ ކަރުދާހެއް ފާހަގަކުރާ ގޮތުގައި ގޭސް ބަނޑު ފުފުން އަދި ކެއުމަށް ފަހު ބަނޑު ބަރުވުމުން އިސްބަގުލުން ލުޔެއް ލިބެއެވެ. ބައެއް މީހުންނަށް ބަނޑުގައި ސަރުބީ ހުރީ ކަމަށް ހީވިޔަސް ގިނަ ފަހަރު ހަޤީޤަތުގައި ފެންނަނީ ބަނޑު ފުފުމާއި ހަޖަމުގެ އުނދަގޫ ކަމަށް ވެއެވެ. އެހެންކަމުން އިސްބަގުލު ފައިދާ ކުރަނީ ހަޖަމު ރަނގަޅުކޮށް ކެއުމުގެ ވައްޓަފާޅި ހިފެހެއްޓުމަށެވެ.
ދެ ބާވަތުގެ މައިގަނޑު ތަފާތަށް ބާލާއިރު މިސްރުގަނދަކޯޅި އޮށުން ނަތީޖާ ފެންނާނީ ލަސްލަހުން ދިގު މުއްދަތުގައެވެ. ބަނޑުހައިވާލެއް ކުޑަކޮށް މެޓަބޮލިޒަމަށް ބާރު ފޯރުކޮށް ވަށަމިން ހިންދައިލުމަށް އެހީވެދެއެވެ. އިސްބަގުލުން ނަތީޖާ ފެންނާނީ ވަގުތުން ކަހަލަ ގޮތަކަށެވެ. ބަނޑުހައިކަން ފިލުވައިލައި ބަނޑު ފުފުން ކުޑަކޮށް އިތުރަށް ކެއުން ހުއްޓުވައިދެއެވެ.
ބައެއް ތަޖުރިބާކާރުން ލަފާ ދެނީ ދެ ބާވަތް ވެސް ބަދަލުކޮށްލަކޮށްލައި ބޭނުންކުރުމަށެވެ. ސަބަބަކީ ދެ ބާވަތް ވާދަ ކުރުމުގެ ބަދަލުގައި އެކަތި އަނެކައްޗާ ފުރިހަމަ ވާތީއެވެ.
މި ދެ ބާވަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް ކެއުމުގެ ކުރިން އެއް ސައިސަމުސާ ނުވަތަ ދެ ސައިސަމުސާ ފެނުގައި ފޯކޮށްގެން ބޭނުންކުރުން ރަނގަޅެވެ. ލުނބޯ ޖޫހަށް، ސްމޫތީއަށް ނުވަތަ ޔޯގަޓަށް ވެސް އެޅިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް