ވާހަކަ: މަންޒިލް ތިޔޭ – ތިރީސް ތިންވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ "ތެންކިއު ރާނީ.. ރާނީ ތީ އަހަރެންގެ ކޮއްކޮއެއް ފަދަ ކުއްޖެއް.. އަބަދުވެސް ތިގޮތުގައި ހުރެދެއްޗެ.. " ދުއާ ބުނެލިއެވެ. ރާނީ ހިނިތުންވަމުން ބޯޖަހައިލިއެވެ. ދުއާ ރާނީއާ ދުރުވެލުމުން ދ...

18 Aug 2022 | 18:30

ކުރީގެ އަދަދާއި ގުޅޭ

"ތެންކިއު ރާނީ.. ރާނީ ތީ އަހަރެންގެ ކޮއްކޮއެއް ފަދަ ކުއްޖެއް.. އަބަދުވެސް ތިގޮތުގައި ހުރެދެއްޗެ.. " ދުއާ ބުނެލިއެވެ. ރާނީ ހިނިތުންވަމުން ބޯޖަހައިލިއެވެ. ދުއާ ރާނީއާ ދުރުވެލުމުން ދެކުދިން އެކީގައި ވާހަކަ ދައްކަމުން ގޮސް އެތަނުން ނިކުތެވެ.

*************

އޮފީސް ނިމުނު ގަޑިއަށް އަންގާވެސް ނުލާ ރަފާ އައުމުން ޔާނިޝްއަށް ލިބުނީ ހައިރާންކަމެކެވެ. ހާއްސަކޮށް ރަފާގެ ތުންފަތްމަތިން ފެންނަމުން ދިޔަ ހިނިތުންވުމުގެ ސަބަބުން ލިބިފައިވާ ހައިރާންކަން އިތުރުވިއެވެ. އެދުވަހުގެ ރަފާ އޭނާއާ ވާހަކަ ނުދައްކައި ހުރެފައި ކުއްލިއަކަށް އޮފީހަށް އައިސް އެގޮތަށް ހިނިތުންވެ ހުރުމުންނެވެ.

" ޔާން!! ނިމުނީތަ؟ " އޮފީހަށް ވަން ގޮތަށް ރަފާ އެހިއެވެ.

" މިނިމުނީ... ކިހިނެއްވީ.. މިހާރު ރުޅި މަޑުވީތަ؟ " ދަބަހަށް ފައިލްތަކެއް ކަމުން ޔާނިޝް ވާހަކަ ދެއްކިއެވެ.

" އަހަރެން ކޮންއިރަކު ޔާން އާ ރުޅިވީ.. އަސްލު އެހެން ކަމަކާ އޭރު އަހަރެން ވިސްނަމުން ދިޔައީ.. " މޭޒު ކައިރީގައި ހުރި ގޮނޑި ދަމާލާފައި ރަފާ އިށީނެވެ.

" ކޮންކަމަކާ..؟ ރަފް ކަމަކާ ވިސްނަންޏާ އެންމެ ކުރިން ބުނާނީ އަހަރެން ކައިރީ.. މިފަހަރު ކީއްވެ ނުބުނީ.. " ފައިލްތައް ލައި ނިންމާލަމުން ދަބަހުގައި ޒިބު އަޅުވައިލުމަށްފަހު ކޮނޑި އަޅާލިއެވެ. އެންމެ ފަހު ކަމަކަށް މޭޒު މަތީގައި އޮތް ކާރުގެ ތަޅުދަނޑި ނަގައިގެން އެތަނުން ނިކުންނަން ހިނގައިގަތެވެ. ޔާނިޝްގެ ފަހަތުން އިންތަނުން ތެދުވެގެން ރަފާ ވެސް ހިނގައިގަތެވެ.

" އަހަރެން މިވާހަކަ ޔާން ކައިރީ ބުނަން ވަރަށް މަސައްކަތް ކުރިން.. ވާހަކައިގެ ޒާތުގެ ގޮތުން ބުނަން ނުކެރިފަ ހުރީ.. އެކަމަކު މިހާރު މިވާހަކަ ނުބުނެ ވާކަށް ނެތް.. ހިނގާ ކާރަށް އަރާފަ ކިޔައިދޭނަން.. " ރަފާ ބުންޏެވެ. ޔާނިޝް ރަފާއަށް ބަލައިލަމުން ދެބުމަ ގޮށް ޖަހައިލިއެވެ. އޭނާ ކައިރީ ނުބުނެވޭވަރުގެ ކަމަކަށް ރަފާ ކުރީ ކޮންކަމެއްބާއޭ ހިތަށް އެރިއެވެ.

" ހުމް ދެން ކިޔާބަލަ.. " ކާރަށް އަރާ ހަމަޖެހިލުމަށްފަހު ޔާނިޝް ބުންޏެވެ. އެވަގުތު ރާނީ ދެއްކި ވާހަކަތައް ރަފާ ހަނދާންކޮށްލިއެވެ. ރާނީ ބުނިގޮތުގައި އެންމެ ފުރަތަމަވެސް ވާހަކަ ފެށުމުގެ ކުރިން މޫނުމައްޗަށް ލަދުރަކި ކަމުގެ ކުލަވަރު ގެންނަން ވާނެއެވެ. އޭރުން ދައްކަން އުޅެނީ އޭގައި ހަޤީޤަތް އެކުލެވިގެންވާ ވާހަކައެއްކަން ޔާނިޝްއަށް ޔަގީން ކުރެވޭނެއެވެ. ރާނީ ބުނި ގޮތަށް މޫނުމައްޗަށް ލަދުރަކިކަމުގެ ކުލަވަރު ގެންނަން މަސައްކަތް ކުރަމުން ހިނިތުންވެލިއެވެ. ރަފާ އަނގަޔަށާއި މޫނަށް ހަދާ ގޮތުން ޔާނިޝް ހައިރާންވެފައި ރަފާއަށް ބަލަހައްޓައިގެން އިނެވެ.

" ކޮން ވައްތަރުތަކެއްތަ ތި ޖައްސަނީ.. އަނެއްކާ ހަމަތަ؟ " އެންމެ ފަހުން ޔާނިޝް އަހާލައިފިއެވެ.

" އަހަރެން... އަހަރެން ކުއްޖަކާ ރައްޓެހި ވެއްޖައިން.. " އިސްޖަހާލަމުން ރަފާ ބުނެލިއެވެ.

" ވަޓް... ދޮގު ދޯ.. މިއަދު ކިހިނެއްވެފަ ތިއިނީ.. ރަފްއަށް ނޭނގެއެއްނު ދޮގެއް ހަދާކަށްވެސް... ؟ " ރަފާ ބުނި ވާހަކަ ޔާނިޝްއަށް ޤަބޫލެއް ނުކުރެވުނެވެ.

" އަސްލަށޭ... އެދުވަހު އަހަރެމެން ދަނިކޮށް ދިމާވިއެއްނު ކުރީގެ ފްރެންޑަކާ.. އޭނަ.. ހުޝާމް.. އަސްލު އޭނަ ލޯބި ހުށައެޅީމަ އަހަރެން އެކަމާ ވިސްނީ.. އަސްލު އަހަރެންވެސް ވަރަށް ލައިކްވޭ އޭނަ ދެކެ.. އަހަރެން ބޭނުން ހުޝާމްއާ މީޓް ކޮށްލަން ދާން މިރޭ.. އެހެންވެ އެކަމަކަށް އެހީވެދޭށޭ ބުނަންވެގެން މިއައީ.." ރަފާ ބުނެދިނެވެ. ޔާނިޝް ކިޔާނެ ބަހެއް ނޭނގިފައި ރަފާއާ ދިމާލަށް ބަލަހައްޓައިގެން އިނެވެ.

" ޔޫ އާރ ނޮޓް ސީރިއަސް ދޯ..؟ " އަދިވެސް ޔާނިޝްއަށް ޤަބޫކުކުރަން ދައްޗެވެ.

" ނޫނެކޭ ޔާން.. ޤަބޫލުނުކުރެވެންޏާ ދައްކަފާނަން އަހަރެމެން ދެމީހުން މެސެޖުން ދައްކާފައި ހުރި ވާހަކަތައްވެސް.... ބަލާ..! " ރަފާ އޭނާގެ ފޯނު ސްކްރީން ޔާނިޝްއަށް ދައްކައިލަމުން ބުންޏެވެ. އެންމެ ފުރަތަމަވެސް ޔާނިޝްގެ ލޮލުގައި އަޅައިގަތީ ސްކްރީނުން ފެންނަމުން ދިޔަ ރަތްކުލައިގެ ހިތްތަކެވެ. އިތުރަށް ބަލަން ބޭނުންނުވީ ކީއްވެ ކަމެއް ނޭނގުނެވެ. އަވަހަށް ކުރިއަށް ނަޒަރު ހުއްޓައިލިއެވެ.

" އަހަރެން ނޫޅެން ބަލާކަށް... ތިވަރުގެ ބޮޑު ކަމެއްވީއިރު އަދި ކިރިޔާތަ އަހަރެން ކައިރީ ބުނަން އެނގުނީ.. ބެސްޓް ފްރެންޑޭ އަހަރެންނަށް ކިޔަނީ ނަމެއްގަ ދޯ.. އެހެންނޫނަސް މީހަކު ރައްޓެހިވަން އެހުޝާމް އެއީ ކާކުތަ؟ ހަރުދަނާ އެއްވެސް ސިފައެއް އޭނަގެ ކިބައިން ފެންނާކަށް ނެތް.. ނޯ ވޭ ރަފާ.. ތިކަމަށް އަހަރެން އެއްބާރުލުމެއް ނުދޭނަން... " ޔާނިޝް ބުނެލިއެވެ. ރަފާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ރާނީ ބުނީ ތެދު ވާހަކައެއް ކަމުގައި ހިތް ބުންޏެވެ. ދެވަނަ ސިކުންތުގައި ހިނިތުންވުން ފޮރުވައިލަމުން މޫނުމައްޗަށް ސީރިއަސްކަން ގެނައެވެ.

" ޔާންއަށް އެންމެ ފަހަރަކު އޭނަ ފެނިގެން ތިހެން ތިބުނަނީ.. އަސްލު އެއީ ވަރަށް ސްވީޓް ލަވިންގް އެންޑް ކެއާރިންގް ކުއްޖެއް.. ޕްލީޒް ހެލްޕް މީ.. އަހަރެން ވަރަށް ބޭނުން ހުޝާމްއާ މީޓްކޮށްލަން ދާން.. ހުޝާމްގެ މޫނުކޮޅު މިރޭ ނުފެނުނިއްޔާ އަހަރެންނަކަށް ނުވެސް ނިދޭނެ. ޕްލީޒް ޔާން.. ޕްލީޒް ޕްލީޒް.. " އާދޭހުގެ ރާގެއްގައި ރަފާ ބުންޏެވެ.

" މިބުނީނު ނޫނެކޭ.. އެހެންނޫނަސް ކީއްކުރަން މީޓް ކުރަނީ.. އެހާ ރަފާއާ ބައްދަލުކޮށް މާފޮޅުވަން ބޭނުންވަންޏާ އޭނަ ކައިރީގައި ބުނެބަލަ ގެއަށް އައިސް ރަފާގެ ކައިވެންޏަށް އެދެން.. ތިގޮތަށް އަންހެން ކުދިން ގެންގޮސްގެން މީޓް ކުރަން ނޫޅޭނެ ރަނގަޅު ކުއްޖެއް.. " ޔާނިޝް ހިތްހަމަނުޖެހިފައި ބުންޏެވެ. " ދެން އިތުރަށް ތިވާހަކަ އަހަރެން ކައިރީ ނުދައްކާތި.. ނޫނީ އަހަރެން ތިވާހަކަ މާމަ ކައިރީގައި ދައްކަން ޖެހިދާނެ.. "

" ރިލޭކްސް ކީއްވެތަ ތި ރުޅި އަންނަނީ...؟ ޔާން ހެލްޕް ނުވަންޏާ އަހަރެން ކޮންމެވެސް އެހެން ގޮތެއް ހަދާފާނަމޭ.. " ރަފާ ބުންޏެވެ.

" ކިހިނެއްވެގެންތަ ތިއުޅެނީ.. މީޓް ނުކުރިޔަކަސް ހެޔޮ.. ތަނަކުން މީހަކު ފެންނައިރަށް ޖެހޭތަ ރައްޓެހިވާން.. " ކާރު ދުއްވައިލަމުން ޔާނިޝް ބުނެލިއެވެ.

" އެކްސްކިއުޒްމީ؟؟ އަހަރެންނަށް އަމުރުކުރަން ޔާން ތީ ކާކު؟ " ރުޅި އަންނަ ކަމަށް ހެދެމުން ރަފާ ބުންޏެވެ.

" ހެވެއްނު ކޮންމެ މީހަކަސް.. މިބުނީނު ގޮސްގެން ނުވާނޭ.. " ޔާނިޝް ބުންޏެވެ.

" ޔޫ ކާންޓް ޑޮމިނޭޓް މީ މިސްޓަރ ޔާނިޝް.. " ރަފާ ހަރުއަޑުން ބުނެލިއެވެ.

" ވަޓްއެވަރ.........." ޔާނިޝްވެސް ބުނެލިއެވެ. އެއަށްފަހު ދެމީހުންވެސް ހިމޭންވެއްޖެއެވެ. ގެއާ ހަމައަށް ދެވެންދެކަށްވެސް އެކަކުވެސް އަނގައިން ނުބުނެއެވެ.

***********

އިޝާ ނަމާދުކޮށްގެން ބާބެކިއުއަށް ދިއުމަށްޓަކާ ރާނީ ތައްޔާރުވާން ފެށިއެވެ. ރީނދޫކުލައިގެ އަތްދިގު ޓީޝާޓުގެ މަތިން ލާފައި ވަނީ އަތް ކެނޑި ޑެނިމް ޖެކެޓެކެވެ. އިސްތަށިގަނޑުގައި ފުނާ އަޅައިލުމަށްފަހު ފަހަތަށް ދޫކޮށްލިއެވެ. ލުއިލުއިކޮށް ތުންފަތުގައި ފިޔާތޮށި ކުލަ ޖައްސާލުމަށްފަހު އެނބުރެން އުޅުނު ވަގުތު ކުއްލިއަކަށް އައިސް ރަފާ ބައްދާލައިފިއެވެ.

" ސިއްސައިގެން އެދިޔައީ.. ކިހިނެއްވީ އަނެއްކާ. ޔާން ލޯބިވާ ވާހަކަ ބުނީތަ؟ " ރާނީ ބުނެލިއެވެ.

" އަދި އިރާދަކުރެއްވިއްޔާ ތި ދުވަސްވެސް އަންނާނެ.. އެނގޭތަ މިއަދު ރާނީ ބުނި ގޮތަށް ކަންތައް ކުރުމުން ޔާން ދިން ޖަވާބު.. " ރާނީ ގައިން ދޫކޮށްލުމަށްފަހު އައިސް  އޭނާ ކުރިމައްޗަށް ހުއްޓެމުން ރަފާ ބުންޏެވެ. އެއަށްފަހު ކަން ހިނގައިދިޔަ ގޮތް ރާނީއަށް ކިޔައިދިނެވެ.

" ކޮބާ އަހަރެން ބުނީމެއްނު.. ޔާން އަށް އަދި އިހުސާސް ނުވަނީ.. އެކަހަލަ މީހުންނަށް ޖެހޭނީ އިހުސާސް ކޮށްދެން.. " ރާނީ ބުންޏެވެ. އެއަށްފަހު އަލަމާރިން ލައިގެން ހުރި ޓީޝާޓާ ގުޅޭ ދަބަހެއް ނެގުމަށްފަހު ކޮނޑުގައި އަޅުވައިލިއެވެ.

" ތަނަކަށް ދަނީތަ؟ " ރާނީ ތައްޔާރުވެގެން ހުރި ގޮތް ފެނި ރަފާ އެހިއެވެ.

" ހުމް.. ބުނީމެއްނު ބާބެކިއު އެއް އޮތް ވާހަކަ.. ރާއްޖޭގެ ފުރަތަމަ ބާބެކިއު ވީމަ ކުރިއަށް ދާ ގޮތް ބަލައިލަން ވާނެއްނު.. " ރާނީ ބުންޏެވެ.

" ރާއްޖޭގެ ބާބެކިއުތައް ހަމަ ހަބޭސް ވާނެ.. ކާކު ބަލާ އަންނަނީ.. ރެވްތަ؟ " ރާނީގެ ކޮނޑުގައި ޖެހިގަންނަމުން ސަމާސާ ރާގެއްގައި ރަފާ އެހިއެވެ.

" ސާބަސް ރަފާ.. ބުނީމެއްނު އަހަރެމެންގެ ތި ހީކުރާކަހަލަ ގުޅުމެއް ނެތޭ.. އެހެންނޫނަސް ރެވް އުޅުން އަހަރެން ބަލާ އަންނަން އެކަމަކު މިރޭ ދާން ހަމަޖެހިފަ އޮތީ ދުއާ އާ އެކު.. " ރާނީ ބުންޏެވެ.

************

ލޫކަން ކާރުގައި އައިސް މަޑުކޮށްލީ ދުއާ ގޭޓު ކުރިމަތީގައި ހުންނަތާ އިރުކޮޅެއް ފަހުންނެވެ. ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ދުއާ ގޮސް އަނެއްފަރާތުން އަރާ އިށީނެވެ.

" ކިހިނެއްވީ ކުއްލިއަކަށް ދާން ހިޔާލުކުރީ.. ހަމަދް ބުނި ދުއާ ނާންނާނެ ވާހަކަ.. " ކާރު އަނބުރާލުމަށްފަހު ކުރިއަށް ދުއްވައިލަމުން ލޫކަން އެހިއެވެ.

" އޭރު ކަމަކާ މޫޑު އޮފްވެފަ ހުރީމަ.. އެކަމް މިހާރު އޯކޭ.. " މާބޮޑު ތަފްސީލަކަށް ނުގޮސް ދުއާ ބުންޏެވެ. ލޫކަން ދުއާ އަށް ފުންނަޒަރެއް ދިނުމަށްފަހު އަނެއްކާވެސް ކުރިއަށް ބަލައިލިއެވެ.

" ވަރަށް ދުވަސްވެއްޖެ ދޯ މިގޮތަށް ވާހަކަ ދައްކާ ނުލެވޭތާ.. ސޮރީ އިނގޭ.. ހަމަ ބިޒީ ކަމުން.. " ލޫކަން ބުނެލިއެވެ. ދުއާއަށްވެސް އެކަން އިހުސާސްވީ ލޫކަން އެހެން ބުނުމުންނެވެ. މިވީހާ ދުވަހު އެކަން އޭނާއަށް އިހުސާސް ނުވީތީ ހައިރާންވިއެވެ. ލޫކަންއަށް ބަލައިލަމުން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ.

" އަދި ހަނދާން ނެތިފައޭ މިއިންނަނީ.. ރާނީ ވެސް ނަގައިގެން ދެވޭނީ.. އަހަރެން ބުނިން ރާނީ ޕިކް ކުރަން ދާނެ ވާހަކަ.. " ދުއާ ބުނެލިއެވެ. ރާނީގެ ނަން އިވުމާއެކު ލޫކަންގެ ހިތުގެ ތެޅުމަށް އެނގުން ވެލިއެވެ.

" ރާނީ......؟ އޭނަ މި ކާރަށް އަރާނެތަ؟ " ލޫކަންއަށް އެހެން ބުނެވުނީ ބޭއިޙްތިޔާރުގައެވެ.

" ތިބުނީ.. ؟ " ދުއާ ހައިރާންވެފައި އެހިއެވެ.

" މިބުނީ އަހަރެން އިނީމަ ފަހަރަކު ލަދުން ނާރަފާނެއްނު.. " ލޫކަން ބުންޏެވެ.

" އަރާނެ ހެން ހީވަނީ.. އަހަރެންނަށްވެސް ވަރަށް ފާހަގަ ކުރެވޭ ލޫކް ހުންނަ ތަންތާ ރާނީ ނުހުންނަކަން. ވާހަކަ ދައްކާތަނެއްވެސް ނުފެނޭ.. " ދުއާ ވިސްނާލަމުން ބުންޏެވެ. ލޫކަން އިތުރަށް  އެމައުޟޫއަށް ވާހަކައެއް ނުދެއްކިއެވެ.

*****************

ރާނީ އުޅޭ ގެއަށް ދެވުނީ ގޫގްލް މެޕްގެ އެހީގައެވެ. ލޫކަންއަށް މާލޭގެ ހުރިހާ މަގެއްވެސް އެނގޭތީ މާ ބޮޑު އުނދަގުލަކާ ނުލާ އެގެއަށް ދެވިއްޖެއެވެ. ކާރު މަޑުކޮށްލުމާއެކު ދުއާ ދަބަހުން ފޯނު ނަގަމުން ކާރުން ފޭބިއެވެ. ކުރިމަތީގައި ހުރި ބޮޑު ގެއަށް ނަޒަރު ހުއްޓާލައިގެން ހުރެ ދުއާ ރާނީއަށް ގުޅިއެވެ. ރާނީ އެބަ ނިކުންނަމޭ ބުނުމުން ދުއާ ފޯނު ބޭއްވިއެވެ. ނޭނގޭ ސަބަބަކާ ހުރެ ދުއާއަށް އެގެއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެހެން ހުއްޓާ ރާނީ ނިކުމެގެން އަންނަތަން ފެނުނެވެ.

ހިނިތުންވެ ހުރެ ކާރާ ދިމާލަށް އަންނަމުން ދިޔަ ރާނީއަށް ބަލަން އިނދެފައި ލޫކަން ހިނިތުންވެލިއެވެ. އެއަންނަނީ އޭނާގެ ހިތުގެ ހަމަޖެހުމެވެ. ދުވަހެއް ދުވަހަކަށްވުރެ ރާނީގެ ރިތިކަން ދަނީ އިތުރުވަމުންނޭ ހިތަށް އެރިއެވެ. ލައިގެން ހުރި ރީނދޫ ކުލައާއި ރާނީއާ ނުހަނު ގުޅެއެވެ. ހަނދާންވީ ދުބާއީގާ ރާނީއާ ބައްދަލުކުރަންދާ ކޮންމެ ފަހަރަކު ރާނީއަށް ތައުރީފުކޮށްލުމުން ލަދުރަކިވެފައި ހުރެ ރާނީ ހިނިތުންވެލާ ގޮތެވެ.

" ވަރަށް ލަސްވެއްޖެތަ ހުންނަތާ.. ؟ " ދުއާ ކައިރިއަށް އައިސް ހުއްޓެމުން ރާނީ އެހިއެވެ.

" ނޫނޭ އަވަހަށް އަރާ.. އަނެއްކާ ތާރާ ކައިރީ ބުނިންތަ އަހަރެން އަންނަ ވާހަކަ..؟ " ދުއާ އެހިއެވެ. ދެފަރާތަކަށް ބޯހޫރައިލަމުން ރާނީ ކާރުގެ ދޮރު ހުޅުވާލާފައި އަރާ އިށީނެވެ. ޑްރައިވަރު ސީޓުގައި އިން ލޫކަން ފެނުމާއެކު ރާނީގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފަނޑުވެލިއެވެ. އެތައް ދުވަހަކަށްފަހު ނުރަސްމީކޮށް ހެދުން އަޅާއިގެން އިން ލޫކަން ފެނުމުން އެހިތުގެ ތެޅުން އަވަސްވެލިއެވެ. ހުދުކުލައިގެ ސްވެޓްޝާޓުގައި އިން ލޫކަންގެ ރީތިކަމަށް އެހިތް ތައުރީފުކޮށްލިއެވެ. އިރުކޮޅެއްނުވެ ކާރުގެ ދޮރު ހުޅުވާލާފައި ދުއާ އަރާ އިށީނެވެ. އެއާއެކު ރާނީ އިސްޖަހައިލިއެވެ. އެވީހާއިރު ލޯގަނޑުން ރާނީއާ ދިމާލަށް ބަލަހައްޓައިގެން ލޫކަންވެސް އިސްޖަހައިލިއެވެ.

" އަހަރެން ހީކުރީ ދުއާ އެކަނިކަމަށް އަންނާނީ... ؟" ލޫކަން ކާރު ދުއްވާލުމާއެކު ރާނީ ބުނެލިއެވެ.

" އެކަނި އަންނަން އުޅުނީ.. އެކަމަކު އިރުކޮޅެއްކުރިން އެނގުނީ ލައިސެންސް މުއްދަތު ހަމަވެފައި އިންކަން.. " ދުއާ ބުންޏެވެ.

" ކިހިނެއްވީ ރާނީ..؟ އަހަރެން އިނީމަ ހިތްހަމަނުޖެހުނީތަ؟ " ލޫކަން ބުންޏެވެ. ރާނީއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ލޫކަންގެ ސަމާސާއެއްކަމަށް ބަލާފައި ދުއާ ހިނިތުންވެލިއެވެ.

" ސާބަސް !! ލޫކް އިނީމަ ރާނީ ކީއްވެ ހިތްހަމަނުޖެހެންވީ..  ދޯ ރާނީ.. " ރާނީ ރަކިވީ ކަމަށް ހީކޮށްފައި ދުއާ ބުނެލިއެވެ. ރާނީ ވަކި އެއްޗެއް ނުބުނެ ބޭރުބަލަން ފެށިއެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 21 އޯގަސްޓް ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް