ވާހަކަ: މަންޒިލް ތިޔޭ – ތިރީސް ދެވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ކޮންމެ ގޮތެއް ހަދާފައިވިޔަސް އޭނަ ޖެހޭނީ ހާޖަރު އެކުރަން އުޅޭ ކަންތައް ހުއްޓުވާށެވެ. އެކަމަކު އެހެން ހަދައިފިނަމަ ރަޔަންގެ ހިތް ހަލާކު ވާނެއެވެ. ދެދަރިންވެސް އަމާންއަށް މުހިންމ...

14 Aug 2022 | 23:45

ކުރީގެ އަދަދާއި ގުޅޭ...

ކޮންމެ ގޮތެއް ހަދާފައިވިޔަސް އޭނަ ޖެހޭނީ ހާޖަރު އެކުރަން އުޅޭ ކަންތައް ހުއްޓުވާށެވެ. އެކަމަކު އެހެން ހަދައިފިނަމަ ރަޔަންގެ ހިތް ހަލާކު ވާނެއެވެ. ދެދަރިންވެސް އަމާންއަށް މުހިންމެވެ. އެހެނަސް ރަޔަން އުފާތައް ކަތިލާފައި ނަމަވެސް އޭނަ ރާނީއަށް އެއްބާރުލުން ދޭނެއެވެ.  ކުރިން ވައުދުވެވުނީ ރާނީ ކައިރީގައެވެ. ރާނީ ކުރަން އެއުޅެނީވެސް ނުލާހިކު މުހިންމު ކަމެކެވެ. އެކަން ކާމިޔާބު ވެއްޖެނަމަ ހާޖަރު ރާއްޖެ ދިއުމަށް އެއްވެސް ހުރަހެއް ނުވާނެއެވެ. ލަހެއް ނުވެ ހާޖަރު އޭނާއާ ދުރުވެފައިވާ ދަރިފުޅު ލިބިދާނެއެވެ. އަމާން ބަހެއް ބުނުމުގެ ކުރިން ހިނިތުންވެފައިވާ ރަޔަން އަށް ބަލައިލިއެވެ. އެދަރިފުޅުގެ ހިތްހަލާކު ކޮށްލަން ޖެހޭތީ އޭނާގެ ހިތް ރޯލިއެވެ.

" ރަޔަން!! ތި ކައިވެންޏަކީ ބައްޕަ މިހާރު އެހާ ރުހޭ ކަމެއް ނޫން..." ސީދާ ރަޔަންގެ މޫނަށް ނުބަލަން މަސައްކަތް ކުރަމުން އަމާން ބުންޏެވެ. އެމޫނަށް ބަލައިފިނަމަ ދެންމެ އޭނަ ދުލުން ބޭރު ކުރި ޖުމްލަ ބޭރު ނުކުރެވުނީހެވެ. ރަޔަން އާއި ހާޖަރު އަމާންއަށް ބަލައިލީ ލިބުނު ސިހުމުންނެވެ. ރަޔަންއަށް ވުރެވެސް ބޮޑަށް ހައިރާންވީ ހާޖަރެވެ. އަމާންއަކީ ދުވަހަކުވެސް އެގޮތަށް ދަރިންގެ އުފާތަކަށް ހުރަސް އެޅި މީހެއް ނޫނެވެ.

" އެކަމަކު ކީއްވެ ބައްޕާ..؟ " ރަޔަންގެ އަޑުގައި ރިހުމެއްވިއެވެ.

" މިބުނީނު ތިކަމަށް އަހަރެން ޤަބޫލެއް ނޫނޭ.. އެމީހުން ބޭނުންވާހާ ގޮތަކަށް ކަންތައްތަކެއް ނުވާނެ.. އަހަރެމެންގެވެސް އިއްޒަތަކާ ޤަދަރެއް އޮންނަންވާނެ.. މި މައުޟޫއަށް ދެން އިތުރަށް ވާހަކަ ދައްކަން އަހަރެން ބޭނުމެއް ނޫން.. " އުނގުމަތީގައި އަޅާފައި އޮތް ނެޕްކިން އިން އަނގަފޮހެލުމަށްފަހު އަމާން އިން ތަނުން ތެދުވެގެން ހިނގައިގަތެވެ. އިސްޖަހައިލި ގޮތަށް މާޔޫސްވެފައި ރަޔަން އިނެވެ.

" ރަޔަން..!! ދެރަނުވޭ ދަރިފުޅާ.. މަންމަ ވާހަކަ ދައްކާނަން ބައްޕަޔާ.. " ތެދުވެގެން އައިސް ރަޔަންގެ ބޮލުގައި ފިރުމާލުމަށްފަހު އަމާން ދިޔަ ދިމާލަށް ހާޖަރު ހިނގައިގަތެވެ.

ހާޖަރު ގޮސް ކޮޓަރިއަށް ވަންއިރު ޑްރެސިންގް ޓޭބަލް ކައިރީގައި ތައްޔާރުވާން އަމާން ހުއްޓެވެ.

" އަމާން ކީއްވެ އެހެން ބުނީ.. ރަޔަން ކިހާ ދެރަވާނެތަ؟ އަމިއްލަ ވަޒަނުގައި ކައިވެނި ކުރުވަން ބޭނުންވުމަކީ ގޯހެއްތަ؟ " ހާޖަރު ބުންޏެވެ.

" ބުނީމެއްނު ދެން އިތުރަށް ތި މައުޟޫއަށް ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫނޭ.." އަތުކުރީ ގޮށް އަޅުވަމުން އަމާން ވާހަކަ ދެއްކިއެވެ.

" އަމާން!!! " ލިބުނު ހިތްހަމަނުޖެހުމުގައި ހާޖަރަށް ގޮވައިލެވުނެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އަމާން ވާހަކަ ދެއްކި ގޮތެއް ނޫނެވެ. " ކޮން ގޮތަކަށް ތި ވާހަކަ ދައްކަނީ..؟ ކިހިނެއްވެފަ ތިހިރީ..؟ "

" ހާޖަރު ޕްލީޒް.. އަހަރެންނަށް އެއްވެސް ކަމެއް ނުވޭ.. އަހަރެންގެ ހަމައެކަނި އެދުމަކީ ރަޔަން އެކައިވެނި ކުރަން ނޫޅުން.. ޔައުލާއަށް ވުރެ ރަނގަޅު އެތައް ކުދިންނެއް ރަޔަންއަށް ވާނެ.. އަހަރެން މިދަނީ ކްލިނިކަށް..!! ގެއަށް އާދެވޭނީ ލަހުން.. " އެނދުމަތީގައި އޮތް ދަބަސް ހިފައިގެން އަމާން ހިނގައިގަތެވެ. ބަހެއް ބުނަންވެސް ނޭނގިފައި ހައިރާންވެފައި ހާޖަރު ބަލަހައްޓައިގެން ހުއްޓެވެ. އަމާން އަކީ އެއް އިރެއްގައިވެސް މީހުންނަށް އެހާ ނުބައި މީހެއް ނޫނެވެ. ޙާއްސަކޮށް ދަރިންނަށެވެ. އެހެން ހުރިހާ އެއްޗަކަށް ވުރެ އަމާންއަށް އަބަދުވެސް މުހިންމުވީ ދަރިންގެ އުފަލެވެ. ވީއިރު މިއަދު އެގޮތަށް ރަޔަންގެ ހިތްހަލާކު ކޮށްލީ ކީއްވެބާއޭ ހިތަށް އެރިއެވެ. ފުރަތަމަ ފަހަރަށް އަމާން އޭނާއަށް ކަމެއް ސިއްރު ކުރަނީބާއޭ ހާޖަރުގެ ހިތަށް އެރިއެވެ. އަމާން ހަމަ ހުރެފައި ދަރިއެއްގެ ހިތްހަލާކު ނުކޮށްލާނެ ކަމުގެ ޔަގީންކަން ހާޖަރަށް އޮތެވެ. އޭގެ ފަހަތުގައި ކޮންމެވެސް އެހެން ސަބަބެއް އޮތީއެވެ.

************************

ދުއާ ކެންޓީނަށް ވަދެގެން ދިޔައިރު އެއްފަރާތު މޭޒެއްގައި ލޫކަން އާއި އާރަވް ތިއްބެވެ. އާރަވްއާ ހަތަރުކަޅި ހަމަވެލުމާއެކު ދުއާ އިސްޖަހާލައިފިއެވެ. ކުރިއަށް ހިނގައިގަތްތަނުން އަނެއްފަރާތުން މޭޒެއްގައި ތާރާއާއި ރާނީގެ އިތުރުން ހަމަދް އިނެވެ. ތާރާ ދުއާއަށް ބަލަހައްޓައިގެން އިނީ މާޔޫސްވެފައެވެ. އެނބުރި އެތަނުން  ނިކުމެގެން ދާން ދުއާގެ ހިތަށް އެރިނަމަވެސް ދެން ތިބި މީހުން ހިތަށް އަރާނެ އެއްޗަކަށް ބަލާފައި ކުރިއަށް ދިޔައެވެ. ކައުންޓަރު ކައިރިއަށް ގޮސް ބޭނުންވާ އެއްޗެހި ހިފައިގެން އެނބުރުނު ހިނދު އަތުގެ އިޝާރާތުން އެތަނަށް އައުމަށް ހަމަދް ބުންޏެވެ. ނުފެންނަކަމަށް ހަދާފައި އެހެން މޭޒަކަށް ދާން އުޅުނުވަގުތު ރާނީވެސް ގޮވައިލުމުން އެމޭޒުގައި އިށީންނާކަށް ދުއާއަށް ނުކެރުނެވެ. ހުސް ގޮނޑިއެއް ހުރީ ތާރާ އާއި ރާނީއާ ދެމެދުން ނަމަވެސް އެތަނުގައި އިށީންނަން ނޫޅެ މޭޒުމަތީގައި ޓްރޭ ބަހައްޓާފައި އެހެން މޭޒެއް ކައިރީގައި ހުރި ގޮނޑިއެއް ހިފައިގެން އައިސް ހަމަދްއާއި ރާނީއާ ދޭތެރެއިން ބެހެއްޓުމަށްފަހު ދުއާ އިށީނެވެ. އެގޮތަށް ކަންތައް ކުރުމުން ރާނީ ހައިރާންވެފައި ދުއާ އާއި ތާރާއަށް ވަކިވަކިން ބަލައިލިއެވެ. އެދެމެދުގައި ކޮންމެވެސް މައްސަލައެއް ޖެހިއްޖެކަން ރާނީއަށް ޔަގީންވީ ތާރާގެ މޫނުމަތި މިލާފައިވާ ވާ ވަރު ފެނުމުންނެވެ. އެކަމާ އިތުރު ސުވާލެއް ކުރާކަށް ރާނީއަށް ނުކުރެނުނެވެ.

ދުއާ އެގޮތަށް ކަންތައް ކުރުމުން ތާރާ އިންތިހާއަށް ދެރަވެ ހިތުގައި ޖެހުނެވެ. ވަގުތުން ދުއާ ކައިރިން މައާފަށް އެދެން ބޭނުންވިއެވެ. ނަމަވެސް އެގޮތަށް ކަންތައްކޮށްފިނަމަ އެދެމެދުގައި ޖެހުނު މައްސަލަ ދެން ތިބި މީހުން އަހާނެއެވެ. ފަހަރެއްގައިވެސް ދުއާ ލަދުގަންނަ ފަދަ ކަމެއް ކުރާކަށް ތާރާ ބޭނުމެއްނުވިއެވެ. ދުއާ އޭނަ ދެކެ ރުޅި އައިސްފައި ހުރިކަން ތާރާއަށް އެނގެއެވެ. ނަމަވެސް އޭނާ ކައިރީގައި އިށީންނަންވެސް ބޭނުންނުވާ ވަރަށް ރުޅި އައިސްފާހުރެދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. ކޮންމެ ގޮތެއް ވިޔަސް ބުނަން ނުވާނެ ފަދަ އެއްޗެއް ބުނެ ދުއާ ދެރަކޮށްލެވުނީ އޭނާއަށެވެ. އެކަމާ ދުއާ ކައިރިން މައާފަށްވެސް އެދެން ޖެހޭނީ އޭނާއެވެ.

" ސޯ.. މިރޭގެ ބާބެކިއުއަށް ހުރިހާ އެންމެންވެސް އަންނަންވާނެ އިނގޭ..! އަހަރެންގެ ގޭގެ ޓެރޭސްގައި އޮންނާނީ.." ހަމަދް ބުނެލިއެވެ.

" ހުމް ދާނަމޭ ތިވަރަށް ނުކިޔަސް.. މިހާރު ޤުރޫޕްގަވެސް ތި ބާބެކިއުގެ ވާހަކަ ލިޔެފީމެއްނު.. " ރާނީ ބުނެލިއެވެ.

" ސޮރީ! އަހަރެންނަށް ހިޔެއް ނުވޭ ދެވޭނެހެން.. " އިސްޖަހާލައިގެން އިނދެ ކަމުން ދިޔަ ދުއާ ބުންޏެވެ. " އެބަޖެހޭ ކުޑަކަމެއް ކުރަން.. "

" ފްރެންޑްސް ގެޓް ޓުގެދަރ އަކަށްވުރެ މުހިންމު ކަމެއް އޮންނާނެތަ؟ އެހެންނޫނަސް ޤުރޫޕް އޮންލީ ކަމެއްގަ ރާނީ ބައިވެރިވާ ފުރަތަމަ ފަހަރު ޖެހޭނެއްނު އެންމެން ބައިވެރިވާން.." ހަމަދް ބުންޏެވެ.

" އެހެންވިޔަސް އަހަރެންނަށް ދެވޭކަށް ނެތޭ ހަމަދް.. ކައިވެސް ނިމުނީ މި.. ދިޔައީ އެނގޭ.. " ދުއާ ޓިޝޫއަކުން އަތް ފޮހެލުމަށްފަހު ތެދުވެ ގޮނޑީގައި އަޅުވާލެވިފައިވާ ހުދު ކުލައިގެ ކޯޓު ހިފައިގެން ހިނގައިގަތެވެ. ހަމަދް ކޮނޑު އަރުވާލަމުން ކަޑައެއް ނޫންހޭ ބުނެލިއެވެ. އިސްއުފުލާލަންވެސް ނުކުރިފައި ތާރާ އިނީ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އެހެން މީހަކަށް ފެނިދާނެތީއެވެ.

**************

" މިހާރު ލޫކް އާއި ދުއާ ވަރަށް ނުފެނޭ އެއްކޮށް..؟ ކިހިނެއްވީ އަނެއްކާ؟ މައްސަލައެއް ޖެހުނީތަ؟ " ދުއާ ދާ ދިމާލަށް ބަލަން އިނދެފައި އާރަވް އެހިއެވެ.

" ނޫނޭ.. ހަމަ ބިޒީކަމުން ވަގުތެއް ނުވަނީ... އަނެއްކާ ދުއާ އެއްޗެކޭ ބުނީތަ؟ " ލޫކަން އެހިއެވެ.

" ނޫނޭ.. ދެން އެނގެއެއްނު އަހަރެންނަކީ ދުއާ އެހާ ލައިކްވާ މީހެއް ނޫންކަން.. އަހަރެން ހަމަ އަހާލީ.. " އާރަވް ބުންޏެވެ.

" ދުއާތަ ރެވްއާ ލައިކް ނުވަނީ ނޫނީ ރެވް ތަ ދުއާ އާ ލައިކް ނުވަނީ.. ؟ " އެއްމިޔަކަނުން ހިނިތުންވެލައިގެން އިނދެ ލޫކަން ބުންޏެވެ. އާރަވް ހީނލިއެވެ.

" ވާހަކައެއް އަހާލަންތަ؟ ކުރިންވެސް އަހަން އުޅުނިން.. އެކަމަކު ހިތަށް އެރީ އަހަރެންނާ ބެހޭ ކަމެއް ނޫނޭ.. ލޫކް ދުއާ ދެކެ ލޯބިވޭތަ؟ " އާރަވްގެ ސުވާލުން ލޫކަންގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. އެވަގުތު އޭނާއަށް ބަލައިލެވުނީ ތަންކޮޅެއް ދުރުގައި އޭނާއަށް ފުރަގަސްދީގެން އިން ރާނީއަށެވެ.

" ވަރަށް ލޯބިވޭ!! މީހަކު މީހެއް ދެކެ ލޯބިވާނެ އެންމެ ބޮޑަކަށް... " އެހެން ބުނިއިރު ލޫކަންގެ ހިތާއި ސިކުނޑީގައި ދައުރުވަމުން ދިޔައީ ރާނީގެ ހިޔާލުތަކެވެ. އާރަވްއަށް ހިންދިރުވައިލެވުނެވެ. ތާރާ ބުނީ ތެދެކެވެ. އޭނާ އަށް އެޅޭ ކަތިފިޔަވަޅެއްގެ ސަބަބުން ލޫކަންގެ ހިތްހަލާކުވެދާނެއެވެ. ދުއާވެސް ލޯބިވަނީ ލޫކަން ދެކެއެވެ. އޭނާ ދެކެ ލޯބިވާނަމަ ލޫކަންއާ ކައިވެނި ކުރަން ނޫޅޭނެކަން ޔަގީނެވެ.

***********

ޑިއުޓީ ނިންމާފައި އަންހެނުންގެ ބަލިތަކުގެ ޑިޕާޓްމެންޓްގެ ސްޓާފް މީޓިންގެ އެއް އޮތެވެ. އިސްވެ ހުރެގެން މީޓިންގް ކުރިއަށް ގެންދިޔައީ ދުއާ އެވެ. މީޓިންގް ނިންމާފައި އެންމެން ދިއުމުން ދުއާ އާއި ރާނީ ތަނުގައި އެކަނިވިއެވެ. ދުއާ ދަބަސް ހިފައިގެން ދާން ހިނގައިގަތުމާއެކު ރާނީ ގޮވައިލިއެވެ. ދުއާ ހުއްޓުމުން ރާނީ އައިސް ދުއާ ކައިރިއަށް ހުއްޓުނެވެ.

" އަހަރެންނަށް އެނގޭ ދުއާ ބާބެކިއުއަށް އަންނަން އިންކާރު ކުރީ ތާރާއާ ކޮންމެވެސް މައްސަލައެއް ޖެހިގެން އުޅޭތީކަން.. އެއީ ކޮންމެ މައްސަލައެއް ތޯ އަހާކަށް އަހަރެން ބޭނުމެއް ނޫން.. އެއީ ދެއެކުވެރިންގެ ޒާތީ މައްސަލައަލަށްވީމަ.. އެކަމަކު ދުއާ އަށް ނޭނގުނަސް މިރޭ މީ ތާރާއަށް ވަރަށް މުހިންމު ރެއަކަށް ވާނެ.. ހުދު ތާރާއަކަށްވެސް ނޭނގޭނެ އެކަމެއް.. ޙަމަދް އުޅެނީ މިރޭ ތާރާއަށް ކައިވެންޏަށް ޕްރޮޕޯސްކުރަން ވެގެން.. އެފަދަ ދަނޑިވަޅެއްގައި އެންމެ ގާތް އެކުވެރިޔާ ކައިރީގައި ނެތިއްޔާ ތާރާ ނުލާހިކު ދެރަވާނެ.. އެހެންނޫނަސް އެހާ ގިނައިރު ވަންދެން އެކުވެރިއެއް ދެކެ ހިތްހަމަނުޖެހި ވާހަކަ ނުދައްކާ ހުންނާކަށް ނުވާނެ.. އެނގޭތަ އަހަރެންގެ މަންމަ އަބަދުވެސް ބުނާ ވާހަކައެއް.. ގާތް މީހެއް ދެކެ ކިތަންމެ ހިތްހަމަނުޖެހުނުނަމަވެސް ވާހަކަ ނުދައްކާ ނުހުންނައްޗޭ.. ދުނިޔެއިން ވަކިވެގެންދާނެ ވަކި ވަގުތެއް ނޭނގޭނޭ.. ނުރުހިފައި ހުއްޓާ ވަކިވެގެން ހިނގައްޖިއްޔާ ފަހުން އެކަމާ ކުރާ ހިތާމަ ބޮޑުވާނޭ.. އެހެންވީމަ އަހަރެން ނަޞޭހަތްތެރިވާނީ ވީހާވެސް އަވަހަކަށް ތިޖެހިގެން އުޅޭ މައްސަލަ ހައްލުކުރަން.. " ރާނީ ބުންޏެވެ. ދުއާ ދެލޯ ފެންކަޅިވެއްޖެއެވެ.

" މަންމައެއް ދުވަހަކުވެސް ދަރިއަކަށް ގޯސް ނަސޭހަތެއް ނުދޭނެ.. ހިތަށް އަރާ ތިފަދަ ނަސޭހަތެއް ދޭން އަހަރެންގެ މަންމަ ހުރިނަމައޭ.. ނޭނގެ ކީއްވެ ކަމެއް.. ރާނީގެ މަންމަގެ ނަސޭހަތް އިވުމުން ވަރަށް ހިތްހަމަޖެހިއްޖެ.. ތިފަދަ ނަސޭހަތެއް ދިން ހެޔޮ މަންމައަކާ ބައްދަކުކޮށްލުމުގެ ޝައުޤުވެރިކަން އިތުރުވެއްޖެ.." ދުއާ ބުންޏެވެ.

" އިރާދަކުރެއްވިއްޔާ އަދި ކޮންމެވެސް ދުވަހަކުން އަހަރެންގެ މަންމައާއި ދުއާ ބައްދަލުކޮށްދޭނަން.. ސޯ...... އެހެންވީމަ މިރޭ ބާބެކިއު އަންނަންވާނެ.. އައިސް ދެކުދިން ޕީސް ހަދަން ވާނެ.. " ދުއާގެ ކޮނޑުގައި ޖަހައިލަމުން ރާނީ ބުންޏެވެ. އެވަގުތު ދުއާ ރާނީ ގައިގާ ބައްދައިލިއެވެ.

" ތެންކިއު ރާނީ.. ރާނީ ތީ އަހަރެންގެ ކޮއްކޮއެއް ފަދަ ކުއްޖެއް.. އަބަދުވެސް ތިގޮތުގައި ހުރެދެއްޗެ.. " ދުއާ ބުނެލިއެވެ. ރާނީ ހިނިތުންވަމުން ބޯޖަހައިލިއެވެ. ދުއާ ރާނީއާ ދުރުވެލުމުން ދެކުދިން އެކީގައި ވާހަކަ ދައްކަމުން ގޮސް އެތަނުން ނިކުތެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 16 އޯގަސްޓް ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް