ދަތުރުވެރިންގެ މާރުކޭޓު އިތުރަށް ތަރައްޤީކުރުމުގެ ގޮތުން އެތަން ބަންދުކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ، ދަތުރުވެރިންގެ މާރުކޭޓް ތަރައްޤީކުރުމަށް އެތަން ބަންދުކުރުމަށްފަހު، އަލުން އެތަން ހުޅުވަން މަސް ދުވަސް ނަގާނެ ކަމަށެވެ.
އެހެންކަމުން އެތަނުގައި މިހާރު ހިންގާ ގޮޅިތައް މިމަހުގެ ނިޔަލަށް ހުސްކުރުމަށް އެކައުންސިލުން ވަނީ ވިޔަފާރިވެރިންނަށް އަންގާފައެވެ.
ސިޓީ ކައުންސިލުން ބުނީ، މާރުކޭޓް ތަރައްޤީކޮށް ނިމޭއިރު އެތަނުގައި ހުރި ގޮޅިތައް މިހާރަށްވުރެ މަދުވާނެކަމުގައެވެ. އެގޮތުން ދެން ހުޅުވޭއިރު ހުންނާނީ 63 ގޮޅި ކަމަށާއި، ގޮޅިތައް މަދުނަމަވެސް ޖާގައިގެ ގޮތުން ގޮޅިތައް ބޮޑުވާނެ ކަމުގައެވެ. އެގޮތުން ގޮޅިތަކުގެ ބޮޑުމިނުގައި 8 ފޫޓާއި 10 ފޫޓް ހުންނާނެ ކަމަށް އެކައުންސިލުން މައުލޫމާތު ދެއެވެ. މިހާރު މާރުކޭޓްގެ ގޮޅިއެއްގައި ހުންނަނީ 4 ފޫޓާއި 7 ފޫޓެވެ.
ދަތުރުވެރިންގެ މާރުކޭޓްގައި މިހާރު ޖުމްލަ 160 ގޮޅި ހުރެއެވެ. މާރުކޭޓު ތަރައްޤީކުރެވުމުން، ހިނގާ މަގުތައްވެސް ފުޅާވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި 160 ގޮޅި މިވަގުތު ހުރިއިރު އެތަނުގައި މިހާރު މަސައްކަތް ކުރަމުން ދަނީ ފަންސާހަކަށް ދިވެހިންނެވެ. ދެން އުޅެނީ ހުސް ބިދޭސީންނެވެ. އެތަނުގައި ޤަވާއިދާ ހިލާފަށް ބައެއް ފަރާތްތަކުން ވިޔަފާރިކުރަމުން އަންނަ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް