ޖަމާޢަތުގެ ފައިދާއަށް ހިންގާ މަޝްރޫޢުތަކަށް ފައިސާގެ އެހީ ދިނުމަށް 4 ރަށެއްގެ ކައުންސިލާއެކު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސޮއިކޮށްފިއެވެ.
ހޯމް މިނިސްޓްރީ އިން މިހާތަނަށް ސޮއިކުރީ އއ.ހިމަންދޫ ކައުންސިލާއި، ނ.ހޮޅުދޫ ކައުންސިލާއި، ތ.ވިލުފުށި ކައުންސިލާއި، ނ.ކުޑަފަރި ކައުންސިލާއެކުއެވެ.
ކުޑަފަރި ކައުންސިލަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މަގުބައްތި ޖެހުމަށެވެ. މިއެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،00 އެވެ. އަދި ވިލުފުށި ކައުންސިލަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ ކުޑަކުދިންގެ ޕާރކެއް އެޅުމަށެވެ. މިމަޝްރޫއަށް މިނިސްޓްރީން ޚަރަދުކުރާނީ 289،131.15 އެވެ.
މިމަހުގެ 8 ވަނަ ދުވަހު ނ.ހޮޅުދޫ ކައުންސިލަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. އެކައުންސިލަށް ފައިސާދެނީ ކޮމިއުނިޓީ ޕާކެއް ހެދުމަށެވެ. އެމަޝްރޫއަށް މިނިސްޓްރީން ޚަރަދުކުރަނީ 284،450.00 އެވެ. އަދި މިމަހުގެ 7 ވަނަ ދުވަހު ހިމަންދޫ ކައުންސިލާއެކުވެސް ވަނީ ސޮއި ކޮށްފައެެވެ. އެ ކައުންސިލާއި އެކު ސޮއިކުރީ ކުޑަކުދިންގެ ޕާރކެއް ހެދުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައެވެ. އެމަޝްރޫއަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،00.00 އެވެ.
މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެން ކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް