ގަދަފަދަ ސިޓީ އާއި ޓޮޓެންހަމްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު 2-2 އިން އެއްވަރު ވެގެން ނިމިއްޖެއެވެ. ޕްރިމިއާ ލީގުގައި ޖެހިޖެހިގެން 16 މެޗުން މޮޅުވުމަށްފަހު، ސ...

18 Aug 2019 | 03:27

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު 2-2 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.

ޕްރިމިއާ ލީގުގައި ޖެހިޖެހިގެން 16 މެޗުން މޮޅުވުމަށްފަހު، ސިޓީ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް އައިއިރު، މިއީ އައު ސީޒަންގައި ސިޓީ އާއި ޓޮޓެންހަމް ވެސް ކުޅުނު 2 ވަނަ މެޗެވެ. ސީޒަންގެ ފުރަތަމަ މެޗުން ދެ ޓީމު ވެސް ވަނީ މޮޅެއް ހޯދާފައެވެ.

2-1 ގެ ނަތީޖާއިން ސިޓީ މޮޅުވާން ދަނިކޮށް، ފަހު ހާފުގައި ކުޅެންއެރި ލޫކަސް މޯރާ ވަނީ އޭނާ ކުޅެން އެރިތާ އެންމެ 19 ސިކުންތުގެ ތެރޭގައި ލަނޑެއް ޖަހައިގެން ޓޮޓެންހަމް ސަލާމަތް ކޮށްދީފައެވެ.

އެހެން ނަމަވެސް، ރޭގެ މެޗުގައި އެންމެ ބޮޑަށް ސަމާލުކަން ލިބުނީ ގަބްރިއެލް ޖީސުސް ޖެހި ލަނޑަކީ ލަނޑެއް ނޫންކަމަށް ވީއޭއާރ އިން ނިންމުމުންނެވެ. މިގޮތަށް ނިންމީ ލަނޑު ޖެހުމުގެ ކުރިން ސިޓީގެ ލަޕޯޓޭ ގެ އަތުގައި ބޯޅަ ޖެހިފައިވާތީއެވެ. މިއާއެކު ވަނީ ފާއިތުވި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ހިތި ހަނދާންތައް ސިޓީއަށް އާކުރުވާފައެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މި ދެ ޓީމު ބައްދަލުކުރިއިރު، ދެ ވަނަ ލެގުގެ މެޗުން ޓޮޓެންހަމް އަވޭ ގޯލް އެޑްވާންޓޭޖް އާއެކު ސަލާމަތްވަނިކޮށް ސިޓީގެ ރަހީމް ސްޓާލިން ލަނޑެއް ޖެހިއެވެ. އެހެނަސް، ވީއޭއަރ ރިވިޔުއަށް ފަހު އެ ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމުމުން ސިޓީ ކެޓީއެވެ.

ރޭގެ މެޗުގެ ކުރީކޮޅުން ފެށިގެން ސިޓީއިން ޕޮޒިޝަން ޑޮމިނޭޓް ކުރިއިރު، އެ ޓީމުން ވަނީ 20 ވަނަ މިނިޓުގައި ގޯލު ހުޅުވާލާފައެވެ. މި ލަނޑު ސިޓީއަށް ޖަހައިދިނީ ކެވިން ޑި ބްރޭނާ ނަގައިދިން ހުރަހަކުން ރަހީމް ސްޓާލިން އެވެ.

ސިޓީން ލަނޑު ޖެހިތާ އެންމެ 3 މިނިޓުގެ ތެރޭގައި ޓޮޓެންހަމްގެ ލަމޭލާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެހެނަސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނެއްކާ ވެސް ޑި ބްރޭނާގެ އެސިސްޓަކާއެކު ސާޖިއޯ އަގުއޭރޯ ޖެހި ލަނޑުން ސިޓީ ލީޑު ނެގިއެވެ.

ޓޮޓެންހަމަށް ދެ ވަނަ ފަހަރަށް، ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކުޅެން އެރިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ލޫކަސް މޯރާ ޖަހައިދިނީ ލަމޭލާ ދިން ބޯޅައަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީއަށް ދެން އޮންނާނީ ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗެވެ. ޓޮޓެންހަމް ނުކުންނާނީ ނިއުކާސަލްއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް