އޮސްޓްރޭލިއާގެ މަޖިލީސް މެންބަރެއް ކަމަށްވާ ޕައުލިން ހެންސަން އިސްލާމް ދީނާ ދެކޮޅުކަން ހާމަކޮށް އެ ގައުމުގައި ބުރުގާ މަނާ ކުރުވަން މަޖިލީސް ތެރޭގައި ވަރުގަދަ ޑްރާމާއެއް ކުޅެފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ އޭނާ މަޖިލީހުގެ ޖަލްސާއަށް ދިޔައީ މޫނު ބުރާ އަޅައިގެންނެވެ. އަދި ޖަލްސާގައި ވާހަކަދައްކަން ޖެހުމުން ވަރަށް ފިލްމީ ގޮތަކަށް ވަރަށް ބާރަށް ބުރުގާ ނަގާ އެއްލުމަށް ފަހު ވަނީ އޮސްޓްރޭލިއާގައި ބުރުގާ އެޅުން މަނާ ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
ޕައުލިން ވަނީ ވާހަކަދައްކަމުން އެހެން މެންބަރުންނަށް ނިސްބަތް ކުރައްވާ އޭނާ އާއި އެކު އެ ގައުމުގައި ބުރުގާ އެޅުން މަނާ ކުރަން ގާނޫނަށް ބަދަލު ގެންނަން މަސައްކަތް ކުރާނަންތޯ ސުވާލުކޮށްފައި އެވެ. އަދި އެ މަސައްކަތް ކުރަނީ ގައުމީ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރުމަށް ކަމަށް ބުންޏެވެ.
އެކަން އޮސްޓްރޭލިއާގެ މަޖިލީސް މެންބަރުންނަށް ވީ ބޮޑު ޖޯކަކަށެވެ. އިއްޔެގެ ޖަލްސާގައި ވާހަކަދެއްކި ހުރިހާ މެންަބަރުންވެސް ޕައުލިން އަށް މަލާމާތް ކުރުމުގެ ގޮތުން ބުނެފައިވަނީ އޭނާ މަލާމާތް އެ ކުރީ އެ މަޖިލީހަށާއި އޮސްޓްރޭލިއާގެ ގިނަ ރައްޔިތުންތަކެއް ތަބާވަމުންދާ ދީނަކަށް ކަމަށެވެ.
ބައެއް މެންބަރުން ވަނީ ޕައުލިން އަކީ ހައްދު ފަހަނައަޅާފައިވާ މީހެއްގެ ގޮތުގައި ސިފަކޮށް، އޭނާ މަސައްކަތް ކުރީ ނޫސްތަކުގެ ސުރުހީން ޖާގަ ހޯދަން ކަމަށް ބުނެފަ އެވެ. އަދި މުސްލިމުންނަށް މަލާމާތް ކުރި ވަގުތަކީ ހިތްދަތި އިހުސާސެއް ކުރެވުނު ވަގުތުކޮޅެއް ކަމަށްވެސް މެންބަރުން ބުންޏެވެ.
ޕައުލިން އަކީ މީގެ ކުރިންވެސް މަޖިލީހުގެ ތެރޭގައި ނަސްލީ ތަފާތު ކުރުން ގެންގުޅެފައިވާ މީހެކެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ މަޖިލީހަށް ހޮވުނު 1990 ގެ އަހަރުތަކުގައި ދިމާކޮށްގެން އުޅުނީ އޭޝިއާގެ މީހުންނާއި އެވެ. އެގޮތުން އޭޝިއާގެ ރައްޔިތުން ގޮސް އޮސްޓްރޭލިއާ ފުރާލާފާނެ ކަމުގެ ބިރު އެބައޮތް އޭރު ބުނުމުން މަޖިލީހުގައި ވަނީ އެފަހަރުވެސް އޭނާ އާއި ދެކޮޅަށް ވާހަކަދައްކާފަ އެވެ.
އޭގެ އެތައް އަހަރެއް ފަހުން އަލުން މަޖިލީހުގެ ގޮނޑި 2014 ވަނަ އަހަރު ކާމިޔާބު ކުރި ފަހުން މިހާރު އުޅެނީ މުސްލިމުންނާއި ޖައްސާލާ، ގާނޫނު މެދުވެރިކޮށް މުސްލިމުންނަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް