މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ބ. ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކައުންސިލްގެ ގޮނޑިއެއް ހުސްވީ ކައުންސިލަރުން އިންތިހާޞުވިތާ ދެ ދުވަސް ނުވަނީ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި ކައުންސިލަރަކު އިސްތިއުފާދެއްވުމުންނެވެ. ތިން ކައުންސިލަރުން ތިއްބަވާ އެ ކައުންސިލްގައި މިހާރު ތިއްބެވީ ޕީޕީއެމް އާއި އެމްޑީޕީގެ ކައުންސިލަރެކެވެ
އިލެކްޝަންސް ކޮމިޝަނުން ބުނީ ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލޭ ބާ ޖަމާލުއްދީން ސްކޫލާއި ކަމަދޫގައި ކަމަށެވެ. މި އިންތިހާބުގައި ވާދަ ކުރަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަކާއި ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓެކެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 338 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 226 މީހުން ކަމަދޫގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލާއިރު 112 މީހުން ވޯޓު ލުމަށް ރެޖިސްޓްރީކޮށްފައިވަނީ މާލޭގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ.
މި އިންތިހާބުގައި މާލެ އާއި ކަމަދޫގައި އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި އަށް މީހަކު ހަރަކާތްތެރިވާނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ 12 އޮފިޝަލަކު އިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރިވާނެ އެވެ.
އީސީން ބުނީ ކަމަދޫއަށް ގެންދަން ޖެހޭ ވޯޓު ކަރުދާހާއި އެހެނިހެން ސާމާނާއި އެކު އިއްޔެ އެ ކޮމިޝަނަކުގެ ދެ މުވައްޒަފަކު އެ ރަށަށް ގޮސްފައިވާ ކަމަށެވެ.
މާދަމާ ބާއްވާ ބައިލެކްޝަންގައި ވޯޓު ލުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ.
އީސީން ވަނީ މިއަދު ހަވީރު 6:00 ން ފެށިގެން ކެމްޕެއިން ކުރުން މަނާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް