އަތޮޅު ތެރޭގެ ސްކޫލްތަކުގެ ތެރެއިން އާބާދީ މަދު ސްކޫލްތަކަށް ހާއްސަކޮށްގެން މަލްޓީ ގްރޭޑް ޓީޗިން ސިސްޓަށް ކިޔަވައިދޭން ފަށައިފި އެވެ.
ފެށުމުގެ ރަސްމިއްޔާތު ބޭއްވީ ރާއްޖޭގައި އެންމެ އާބާދީ މަދު އަތޮޅު ކަމަށްވާ ވ. އަތޮޅުގެ އަތޮޅު ތައުލީމީ މަރުކަޒުގައި އެވެ. ރަސްމީކޮށް މި ސިސްޓަމް ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސިސްޓަމް ގާއިމް ކުރުމުގެ މަގުސަދަކީ ގާބިލް ޓީޗަރުން މަދުވުމުން ލިބޭ އުނިކަން ކުޑަކުރުމާއި ދަރިވަރުންގެ އިޖުތިމާއީ ހުނަރު ތަރައްގީ ކުރުމުގެ އިތުރުން ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކޮށްދިނުމެވެ. އަދި ކްލާސް ރޫމުގައި ކުދިން މަދުވުމުން މުއާމަލާތް ކޮށްގެން ދަސްކުރާ މިންވަރު ދަށްވާތީ ދިމާވާ މައްސަލަތައް ކުޑަކުރުން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ދަރިވަރުން މަދުން ތިބުމުން ވިސްނުމާއި އެ ދަރިވަރުންގެ އިޖުތިމާއީ ތަރައްގީއަށް އަސަރުފޯރައި ޑިމޮކްރެޓިކް ވެއްޓެއްގައި ގިނަ ބަޔަކާއެކު އުޅުމުގެ ގާބިލްކަން ލިބުން ކުޑަވާކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެ އިތުރުން ހަރަދުގެ ގޮތުންނާއި އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކިޔަވައި ދިނުމުގެ އިތުރުން ކުދި ރަށްރަށުގެ ތައުލީމަށް ސަމާލުކަން ދިނުމަށް މިފަދަ ސިސްޓަމެއް މުހިންމު ކަމަށެވެ.
އިއްޔެ ތައާރަފު ކުރި މަލްޓި ގްރޭޑް ސިސްޓަމަށް ދަރިވަރުންގެ އަދަދު މަދު 44 ސްކޫލެއްގައި ވަނީ ކިޔަވައިދޭން ފަށާފައި އެވެ. މަލްޓި ގްރޭޑް ޓީޗިން އަކީ އާބާދީ މަދު ސްކޫލުތަކުގައި ރަނގަޅު ފެންވަރެއްގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް، ދަރިވަރުންނަށް ކްލާސްރޫމެއްގެ މާހައުލުން ލިބެންޖެހޭ މައުލޫމާތާއި ހުނަރުތައް ލިބިގަތުމަށްޓަކައި އެއް ގްރޭޑަަކަށް ވުރެ ގިނަ ގްރޭޑުތައް އެއްކޮށް، ދަރިވަރުންގެ ފެންވަރާ ގުޅޭގޮތުން އެއް ކްލާސްރޫމެއްގައި ކިޔަވައިދިނުމުގެ ނިޒާމެކެވެ.
މިނިސްޓްރީން މި ސިސްޓަމް 2015 ވަނަ އަހަރު ތައާރަފުކޮށް މިހާތަނަށް 400 އަށްވުރެ ގިނަ ޓީޗަރުން ތަމްރީން ކޮށްފައިވާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް