''ޒީ ހަމަ ފުރަނީތަ؟'' ޒީޝާން ފޮއްޓަށް އެއްޗެހި އަޅަމުން ދަނިކޮށް ކޮޓަރީގެ ދޮރުމައްޗަށް އައިސް ހުއްޓުނީ ނަވީލެވެ. ''ހޫނ. އަނެއްކާ ކިހިނެއްވީތަ؟'' ޒީޝާން ނަވީލަށް ބަލާލަމުން ބުނެލިއެވެ. ''ޒީދިޔައިމަ ދެން ނުހުންނާނެ އަހަންނާއި އަނގައިން ބުނެލާނެ މީހެއްވެސް މިގެއަކު. އޭރުން ހާދަ ފޫއްސެއް ވާނެއޭ.''ނަވީލް މަޑުމަޑުން ބުނެލިއެވެ.''ނުދާންވީތަ؟'' ޒީޝާން ނަވީލުގެ މޫނަށް ބަލާލަމުން ބުއްޏެވެ.
''އަހަރެންމީ ކާކު ޒީ ގާތު ނުދާށޭ ބުނަށް. އެހެންނޫނަސް ޒީވެސް ދާންވާނެތާ ޒީގެ އާއިލާ ގާތަށް. ރަށަށް ގޮސްފަވެސް އަހަރެން މަތިން ހަނދާން ކުރައްޗޭ. އުއްމީދުކުރަން ގުޅާނެ ކަމަށް.'' ނަވީލް އެހެން ބުނުމަށް ފަހު ޒީޝާނުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްވެސް ނެތި ހިނގައިގަތެވެ.
އަޖައިބެއް ކަހަލަ އިންސާނެކެވެ. ބައެއް ފަހަރު އޭނާއަށް ޒީޝާނު ވަރުގެ މީހެއް ނެތެވެ. އަނެއްބައި ފަހަރު ޒީޝާނަކީ އޭނާގެ ބޮލަށް ސަވާރުވެގެން އުޅޭ ބޮޑު އުނދަގުލެކަށް ވެއެވެ. އެފަދަ މީހަކު ދަސްކުރާނީ ކިހިނެއް ބާވައޭ ޒީޝާން ހިތަށް އަރައެވެ.
ޒީޝާން އާއި ދިމްނާ ފުރަން ހަމަ ޖެހިފައިވަނީ އެރޭ ދިހައެއްގެ ފުލައިޓުންނެވެ. ދަތުރު އެރެހެއްޓުމަށްޓަކައި ޝާހިދާއާއި ހިޝާމާއި ނޫރާއާއި ޔޫހާ އަދި އެދެމީހުންގެ އެންމެގާތް އެކުވެރިޔާ ނީލާވެސް އެއާރޕޯޓަށް އައެވެ. އެންމެ ހަފުތާއަކަށް ލޯމަތިން ގެއްލުނު ނަމަވެސް ޔޫހާގެ ލޮލުން ޒީޝާނާއި ވަކިވުމުގެ އަލާމާތްތައް ދިޔައީ ފެންނަމުންނެވެ. އެކުޑަކުޑަ ދެލޮލުގައި ޒީދައްތައާއި ވަކިވުން ކަރުނައިގެ މުތީތަކެއް ފަދައިން ވިދަވިދާ ހުއްޓެވެ. ޒީޝާން އެންމެފަހުގެ ސަލާމްވެސް ކޮށްލީ ޔޫހާއާއިއެވެ. ޔޫހާ މެޔާލާބޮނޑިކޮށްލަމުން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޒީދައްތަ ޔުހާއްކޮ ގާތަށް އަންނާނަމޭ ބުނެފައި ފުރާގެމަތައާއި ދިމާއަށް ހިނގައިގަތެވެ.
''ކޮން އިރަކު ޒީއައީ.'' ގެއަށް އައިސް ވަން ޒީޝާންގެ ދޮންބެ ދައްތަ ނާފިޔާއަށް ގޭތެރޭގައި އިން ޒީޝާން ފެނުމުން އަހާލެވުނެވެ. ''ދޮންބެދައްތާ. މިހާރު ކިހާދުވަހެއް އަހަރެން އައިސްގެން އުޅޭތާ. މިގެއަށް ނާންނަ މީހަކަށް ނުފެންނާނެއެއްނު.'' ޒީޝާން ހިނިތުން ވެލަމުން ބުއްޏެވެ. ''ކިހާ ދުވަހެއް ނުވާނެ. އަހަރެން އިއްޔެވެސް މިގެއަށް އައިމޭ. ގައިމުވެސް އިއްޔެއަކު ޒީއެއް ނާދޭ. އެކަމަކު މަންމަ ބުނި ޒީ ޗުއްޓީއެއްގަ އަންނަށް ވާހަކަ. ކިތަށް ދުވަހުގެ ޗުއްޓީއަކަށްތަ ތިއައީ.'' ނާފިޔާ އަހާލިއެވެ.
''މާގިނަ ދުވަހެއް ނޫން. އެއްހަފުތާ'' ޒީޝާން މަޑުމަޑުން ބުއްޏެވެ. ''އެންމެ ހަފުތާއަކަށް ތިއައީ. އަޅެދެން ކީއްކުރަން ތިއައީ.'' ނާފިޔާ ބުއްޏެވެ. ''އައިސްގެން ނުވާނެތަ؟'' ޒީޝާން ބުނެލިއެވެ. ''ނޫނޭ. އެހެނެއް ނޫން މިބުނީކީ. ދުވަސްކޮޅު މާ މަދީއެއްނުދޯ. ކޮބާ ދޮންތަ؟'' ނާފިޔާ ބަދިގެ ފަރާތަށް ހިނގައިގަންނަމުން ބުއްޏެވެ. ''އަމަންކޮއްކޮ ގޮވައިގެން ޑޮކްޓަރަށް ދައްކަން ގޮސްހެން ހީވަނީ.'' ޒީޝާން ބުއްޏެވެ. " އެހެންތަ؟ އަދިވެސް އެސޮރުގެ ހުންގަނޑު މައިތިރި ނުވަނީތަ؟" ނާފިޔާ ބުނެލިއެވެ. "ހޫނ........... " ޒީޝާންވެސް ވަނީ ގޮސް ކޮޓަރިއަށެވެ.
ހަލީމާ އިނީ ގޯތިތެރޭގައި ހުރި ބަނބުކެޔޮގަސް ދޮށުގައެވެ. ގާތުގައި ހައެއްކަ ބަނބުކެޔޮ އޮތެވެ. ހަލީމާ އިނީ އެބަނބުކެޔޮތައް ފަޅައިގެން މަށާށެވެ.
''މަންމާ. ތީ ކޮންކަމެއް؟'' ޒީޝާން އެތަނަށް އައިސް ހުއްޓެމުން ބުއްޏެވެ. ''މިއުޅެނީ ދަރިފުޅު ދާންވާއިރަށް ބަނބުކެޔޮކޮޅެއް ތެލުލަންކަމަށް. ޝާހިދާގެ ހުންނަ ކުޑަމައްޖެއަށް ވަރަށްމީރު އެއްޗެއްނު ތެލުލި ބަނބުކެޔޮމީ. މަންމަ ގުޅާލާ ކޮންމެ ދުވަހަކު ބުނާނެ ހަލީމައްތާއޭ ކޮއްކޮއަށް ތެލުލިބަނބުކެޔޮ ފޮނުވާށޭ. އެކަމަކު ކިހިނެއް އެހިސާބަށް ފޮނުވާނީ.'' ހަލީމާ ބުއްޏެވެ.
''އާނ. މަންމަ ތިހެން ބުނިމަ މިހަނދާންވީ. އިއްޔެ އަހަރެން ގުޅީމަވެސް ޔުހާއްކޮ ބުއްޏޭ ޒީދައްތާއޭ ތެލުލިބަނބުކެޔޮ ގެންނާށޭ. އޭނައަށް ވަރަށް މީރު އެއްޗެއް އެއީ. ޝާހިދައްތަ ބައެއް ފަހަރު ފޭދޫން ގަނެގެންވެސް ގެންނާނެ ވަރަށް ގިނައިން.'' ޒީޝާން ބުއްޏެވެ. ''ދަރިފުޅާ ދޭ ބަލަ ދޮންބެދައްތަމެން ގެއަށް ގޮސް ތޫނު ވަޅިއެއް ހިފައިގެން އަންނަށް. މިވަޅިކޮށިކަމުން އެއްކަމެއް ނުވެއޭ. ދާ މަގުމަތީގަ އާބިދައްތަމެން ގޭގައި އަމަންކޮއްކޮ ހުރިތޯވެސް ބަލާލައްޗޭ.'' ހަލީމާ އެހެން ބުނުމުން ޒީޝާން ހިނގައިގަތެވެ.
ހޫނުގަދަ ދުވަހެއްގެ މެންދުރުގެ ވަގުތެވެ. ޒީޝާން ދޮރާށި ދޮށަށް ނިކުތީ ފިނިކޮށް ލުމަށްޓައެވެ. މަދުމަދުން އެހެން ކާރެއް ނުވަތަ ސައިކަލެއް ދިޔަނަމަވެސް އެވަގުތުގައި މަގުމަތި ވަރަށް އަމާނެވެ. ވުމާއެކު އޭނާ މަގުގެ އަނެއްފަރާތުގައި ހުރި ހިޔާދޭ ބޮޑުގަހާއި ދިމާއަށް ދިޔައެވެ. އެތާގައި ނޫކަށިފުރައިގެ ދެތިން އަންހެންކުއްޖަކު މަޖާހަދައިގެން ކާންތިއްބެވެ. އެތަނުން އެއްކުއްޖަކު ޒީޝާނަށް އެގުނު ނަމަވެސް ދެންތިބިކުދިންނަކީ އޭނާއަށް އެއްގޮތަކަށް ވެސް އެގޭ ކުދިންނެއް ނޫނެވެ.
''ޒީދައްތާ. އާދެބަލަ މިތަނުން މަޖާކޮޅެއް ކާލަން.'' ޝުވޭހާ ގޮވާލިއެވެ. ''ޝުވޭ ދަންނަ މީހެއްތަ އެއީ.'' ލުބާ ޒީޝާނާއި ދިމާއަށް ބަލާލަމުން ބުއްޏެވެ. ''އާނ. އެއީ ޖީހާންދައްތަމެންގޭ މީހެކޭ. އަހަރެން ކުޑައިރު ޤުރުއާން ކިޔަވަން ދިޔައީ އެގޭ ހަލީމައްތަ ގާތަށޭ. ޒީދައްތައަކީ ހަލީމައްތަގެ އެންމެ ހަނގުދަރިފުޅު. އޭނަ ހުންނަނީ އައްޑޫގަ.'' ޝުވޭހާ އޭނާއަށް އެގޭ މަޢުލޫމާތެއް ވިއްޔާ ކިޔާލިއެވެ. ''ހާދަމީރުކޮށް ތިކަނީ. ހަމަ އެހާ މީރުތަ.'' ޒީޝާން ގޮސް އެކުދިން ގާތަށް ހުއްޓެމުން އަހާލިއެވެ. ''އާނ. ވަރަށް މީރު. މިތަނުން އެތިކޮޅެއް ކާލަންވީއެއް ވީއެއްނު.'' ޝުވޭހާ ޒީޝާނަށް ބަލާލަމުން ބުއްޏެވެ. ''އަޅެދީބަލަ މަޖާކޮޅެއް. އެކަމަކު މަށަށް ހީވަނީ ތިކައިގެން ފާޚާނާއިން ނުނިކުމެކަން ނޭނގެ އިންނަށް ޖެހޭނީ.'' ޒީޝާން ހީލަމުން ބުއްޏެވެ. އެކުދިންވެސް އެކުދިން ގާތުގައި ހުރި ކުޑަބޯތައްޓެއް ކަހަލަ އެއްޗަކަށް މަޖާއަޅާފައި ޒީޝާނަށް ދީފިއެވެ.
ޒީޝާންވެސް އެކުދިން ގާތު އިށީއްނުމަށް ފަހު ކުޅިކަމުން ޗޫސް ދަމަދަމާފައި ކާންފެށިއެވެ. އެކުޅިކަމުން ގޮސް ޒީޝާންގެ ދެލޮލުންވަނީ ކަރުނު ފާއްދާލާފައެވެ.
''އައްސަލާމް އަލައިކުމް. އައްސަލާމް އަލައިކުމް.'' ދިމްނާ ސަލާމް ގޮވަމުން ދިޔައީ ޒީޝާންމެންގޭ ދޮރުމަތީގައި ހުރެއެވެ. ''ވައަލައިކުން ސަލާމް. ކާކުތަ؟ މާވަރަކަށް ސަލާމް މިގޮވަނީ.'' ޖީހާން ކޮޓަރިން ނިކުނަމުން ބުއްޏެވެ. ''ޖީހާންދައްތާ މީމަށޭ.'' ދިމްނާ ހިނިތުން ވެލަމުންބުއްޏެވެ. ''ކޮން މަށެއްތަ؟ ހޫ. ދިމްނާދޯ. ކޮބާ ކިހިނެއްތަ ހާލުކޮޅު.''
''އިރާދަކުރެއްވިއްޔާ ރަނގަޅު. ކޮބާތަ ޒީ.'' ދިމްނާ އަހާލިއެވެ. ''ވެއްޖެ ކޮޓަރީގަ.'' ''މިގަޑީގަ. ކޮޓަރީގަ ކީއްކުރަނީ.'' ދިމްނާ ހިނގައިގަތީ ޒީޝާނުގެ ކޮޓަރިއާއި ދިމާއަށެވެ. ''ހަމަ ދެންމެއޭ މިތާ އިނދެފަ އެވަނީ.'' ޖީހާން މަޑުމަޑުން ބުއްޏެވެ.
ދިމްނާ ގޮސް ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލިއެވެ. އެތެރޭން ހުރީ ތަޅުލާފައި ނޫންކަމުން ވަރަށް ފަސޭހަކަމާއެކު ދޮރުހުޅުވިއްޖެއެވެ.
''އޭތް. މިގަނޑީގަވެސް ނިދަނީތަ؟'' ދިމްނާ ކޮޓަރިތެރެއަށް ވަންނަމުން ބުނެލިއެވެ. ''ސާބަހޭ ދިމް. މަށެއް ނުނިދަމޭ. ފޫހިވާތީ ހަމަ އޮތީ. ކޮބާ ދަތުރު ކަންތައް ކިހިނެއް.'' ޒީޝާން އަހާލިއެވެ. ''މަވެސް މިއައީ ތިވާހަކަ ދައްކާށޭ. ޝިޔާޒު ބުނި ސަޓަޑޭ ނައިޓުގަ ފުލައިޓެއް ނޯވެޔޯ ގަމަކަށް. ދެން ކިހިނެއް ހަދާނީ.'' ދިމްނާ ބުނެލިއެވެ. ''ދޮންތަބޭ ބުނި ކައްދޫން މާދަމާ ރޭ ފުރާ ފުލައިޓު ކާޑެއްދޫގަ ޖައްސަޔޯ. އެއިން ދާންވީނުން. އޭރުން ސަޓަޑޭގަ ޝައިފާމެންނާއި އެކު އައްޑުއަށް ދެވޭނެ.'' ޒީޝާން ބުއްޏެވެ. ''ތީވެސް ރަނގަޅު ގޮތެއް. އެކަމަކު ހާދަ ލާރިއެއް ދާނެއޭ.'' ދިމްނާ ބޯކަހާލަމުން ބުއްޏެވެ. ''ދިމް. ލާރިއަށް ވުރެ ބޮޑަށް މިހާރުވިސްނަށްވީ އަހަރެމެންގެ ކޯހާއި މެދުއެއްނު. ކޯސް ނިމުނީމަ ލާރި އޮންނާނީ ލިބެން. އެޓެންޑެންސް ރަނގަޅު ވެއްޖެއްޔާ ކޯހުގެ ކަންތައްތައް ދާނީ ރަނގަޅަށްށޭ އެއްދުވަހަކު ވީނާ މެޑަމް ބުނި ހަނދާން ވޭތަ؟'' ޒީޝާން ބޭނުންވީ ކޯހުގެ އެންމެ ދުވަހެއްވެސް މިސްކޮށް ނުލާށެވެ.
''ތީ ވެސް ރަނގަޅު ވާހަކައެއް. އެހެންވީމަ ހިނގާ މާދަމާރޭ ފުލައިޓުން ކާޑެއްދުއަށް ދަމާ. ''ދިމްނާ އެއްބަސްވިއެވެ. ''ހޫނ. ދިމް ރެޑީތަ؟'' ޒީޝާން އަހާލިއެވެ. ''އާނ. އަހަރެން ރެޑީ. އެކަމަކު ރަށަށް އައިސްފަ އަސްލު ދާހިތެއް ނުވޭ. މާކުޑަކުޑަ ޗުއްޓީގަނޑެއް ވިއްޔާ ލިބެނީދޯ.'' ދިމްނާ މަޑުމަޑުން ބުއްޏެވެ. ''އަސްލު ދާހިތް ނުވަނީއެއް ނޫންދޯ. މާހިލް ދޫކޮށްލާފަ ދާން ޖެހޭތީ ހިތަށް އަސަރު ކުރަނީދޯ.'' ޒީޝާން ހީގަންނަމުން ބުއްޏެވެ.
''އެއްކަލަ ޒީ ފެށީދޯ.'' ދިމްނާ މަޑުމަޑުން ބުއްޏެވެ. ''އޭ ދިމް. މަބުނެފާނަށް މޮޅުގޮތެއް.'' ''ކޮން ގޮތެއް އަނެއްކާ.'' ދިމްނާ އަހާލިއެވެ. ''ހިނގާ މާހިލް ގޮވައިގެން ދަމާ. އޭރުން އަބަދު ފެންނަށް ހުންނާނެއެއްނު.'' ޒީޝާން ހެމުން ބުއްޏެވެ. ''ދެން މިޒީވެސް ދައްކާ ވާހަކަ. ހިނގާބަލަ އެއްކަލަ ރިޔާމެންގެއަށް ދާން. މަންމަ ބުނި އޭނާ މާލެއިން އައިސްފިޔޯ އިއްޔެ.'' ދިމްނާ ވާހަކަ ބަދަލު ކޮށްލިއެވެ. ''އާނ. ތިހެން ބުނީމަ މިހަނދާންވީ. ދޮންތަވެސް ބުއްޏޭ އޭނަ ވިހޭވާހަކަ. އެކަމަކު ރަށަށް އައި ވާހަކައެއް ނުބުނޭ. ފުރުމުގެކުރިން ވާނެތާ އެގެއަށް ވެސް ވަދެލަންދޯ. ހިނގާދާން'' ޒީޝާންވެސް ތެދުވެގެން ދިމްނާގެ ފަހަތުން ހިނގައިގަތެވެ.
======== ނުނިމޭ ==========
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް