ޒީޝާން ގޮސް ނޫރާގެ ކޮޓަރިއަށް ވަންއިރު ނޫރާ އިނީ ކޮންމެވެސް ކުއްޖަކަށް ގުޅައިގެން މާ އޮލަވާހަކައެއްގައެވެ. ވުމާއެކު ޒީޝާންވެސް ނޫރާއަށް އުނދަގޫ ނުކުރަންވެގެން ގޮސް އިށީއްނީ ތަންކޮޅެއް ދުރުގައެވެ.ނަމަވެސް ނޫރާއަށް ޒީޝާން ވަންތަން ފެނުމުން މާގިނައިރު ފޯނުގަ އިންނާކަށް ބޭނުމެއް ނުވިއެވެ. ފަހުން ގުޅާލާނަމޭ ބުނެފައި ފޯނު ބާއްވައިފިއެވެ.
''ކާކަށް ގުޅައިގެންތަ މާއޮލަވާހަކައެއްގައި ތީނީ.'' ޒީޝާން މަޑުމަޑުން އަހާލިއެވެ. ''އެއީ ރައްޓެހިކުއްޖެއް. އޭނާ ވަރަށް އަވަހަށް މެރީކުރާވާހަކަ ދެއްކީ.'' ނޫރާ ޒީޝާނަށް ބަލާލަމުން ބުއްޏެވެ. ''އެހެންތަ. ދެން ނޫރާ ކޮންއިރަކުންތަ މެރީ ކުރަނީ؟'' ޒީޝާން އަހާލިއެވެ. ''އަދި ތިކަމާއި އުޅެވޭނީ މީހަކުވެސް ހުރިނަމަތާ.'' ނޫރާ ހީލަމުން ބުއްޏެވެ.
''ތީގެ މާނައަކީ ނޫރާ ހިތަކީ އަދި މުޅިން ހުސް އެއްޗެކޭދޯ.'' ޒީޝާން ބުނެލިއެވެ. ''ހޫނ. ތިހެންވެސް ބުނެވި ދާނެ.'' ނޫރާ އެއްބަސްވިއެވެ. ''ތިހިތަށް ކަމުދަނީ އަނެއްކާ ކޮންކަހަލަ ސިފަތަކެއްގެ ވެރިއެއްތަ؟'' ޒީޝާން އަހާލިއެވެ. ''ކިހިނެއްވީ އަނެއްކާ؟'' ނޫރާ ޒީޝާނަށް ބަލާލަމުން ބުއްޏެވެ. ''އޭރުންތާ މަށަށްވެސް އެހީއެއް ވެވޭނީ.'' ޒީޝާން ހިނިތުން ވެލަމުން ބުއްޏެވެ. ''އެހެންތަ. ބުނަށްވީތަ؟'' ނޫރާ ހިނިތުން ވެލަމުން ބުއްޏެވެ.
''ހޫނ. ދެން ދަންބެރަށް ވުރެ ތަގުޅި ދިގުނުކޮށް ބުނެބަލަ. މީދީ އަޑު އަހާށޭ.'' ޒީޝާން ޝަޢުޤުވެރިކަމާއި އެކު ބުއްޏެވެ. ''މާ ދޮންވެގެން ކަމަކު ނުދާނެ.'' ''މާކަޅުވެގެންވެސް ކަމަކު ނުދާނެދޯ.'' ޒީޝާން ނޫރާގެ ވާހަކަ މެދު ކަނޑާލަމުން ބުއްޏެވެ. ''ހޫނ. އިސްކޮޅުން ދިގުވާން ޖެހޭނެ.އަމިއްލަ މަސައްކަތުން ދިރިއުޅެވޭވަރު ވާންޖެހޭނެ. މީހުންނަށް ކެއާރ ކުރާ އެހެންމީހުންގެ އިޚްސާސްތައް ދަންނަ މީހަކަށް ވާންޖެހޭނެ. ދެން ހުރިހާ ގޮތަކުންވެސް ވަރަށް ސުމާޓުވާން ޖެހޭނެ.'' ނޫރާ ބުނެލިއެވެ.
''އެކަމަކު މަށަށް ތިބުނާ ސްމާޓުގެ މާނަ އޮޅިއްޖެ. އަސްލު ކޮބާ އޭގެ މާނައަކީ.'' ޒީޝާން ހައިރާންވެފައި އަހާލިއެވެ. ''މިބޮލަކަށް ދުވަހަކު އެކައްޗެއްވެސް ވިސްނޭކަމަކަށް ނުހަދާނެ. އެއީ ދެން ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅުވާން ޖެހޭނޭ މިބުނީ.'' ނޫރާ ޒީޝާންގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ބުއްޏެވެ.
''އޯހ .އެހެންދޯ. އެކަމަކު ރުޅި ނާންނަށްޏާ ވާހަކައެއް ބުނެފާނަށް.'' ޒީޝާން ބުނެލިއެވެ. ''ބުނެބަލަ. ރުޅިއެއް ނާންނަމޭ.'' ނޫރާ ބުއްޏެވެ. ''ނޫރާ ތިކީ ހުރިހާ ސިފަތަކެއްވެސް ހުރިމީހެއް އަހަރެން ދަންނަށް. އެއީ....އެއީ......''
''އެއީ އަނެއްކާ ކާކުތަ؟ ބުނެބަލަ. ބުނީމައެއްނު އެނގޭނީ.'' ނޫރާ އަވަސް އަވަހަށް ބުއްޏެވެ. ''އެއީ މާން.'' ޒީޝާން އަޅަ އަޅައި ގަންނަ ކަހަލަގޮތަކަށް ބުއްޏެވެ. ''އޭނ. ކީކޭ؟ މާންސަރތަ؟ ޒީވެސް ހާދަ ގޯހޭ.'' ނޫރާ އެނދުމަތިން ބާލީހެއް ނަގާ ޒީޝާނާ ދިމާއަށް އެއްލަމުން ބުއްޏެވެ. ''މަށަށް ހީވާ އެއްޗެކޭ މިބުނީ. އަޅެ ނޫންތަ؟'' ޒީޝާން ބާލީހުގައި ހިފަމުން ބުއްޏެވެ. ''އެކަމަކު އެއީ އަހަރެންގެ ބޮސް އޭ. ތިނޫން މީހެއް ނަމައެއްނު.'' ނޫރާ ގޮސް ޒީޝާން ގާތު އިށީއްނަމުން ބުއްޏެވެ.
''ބޮސްއަށް ވިއްޔާ ކީއްތަވާނީ. އެއީ ހަމަ ނޫރާ ކަހަލަ ހުސްސަރިބައި ސޮރެކޭ. ނޫރާއަށް ނުކެރެއްޏާ އަހަރެން އޭނާ ގާތު ބުނެފާނަމޭ ނޫރާއަށް މާން ވަރަށް ކަމުދާވާހަކަ. އޯކޭތަ؟'' ޒީޝާން ހީނގަންނަމުން ބުއްޏެވެ. ''ޒީ. ދެންތީ ކޮންކަހަލަ ސަމާސާއެއްތަ؟'' ނޫރާ ރަކިވާގޮތްވިއެވެ. ''އަސްލުވެސްމީ ސަމާސާއެއް ނޫނޭ. އެއްދުވަހަކު މާން ބުނި އަހަރެން ގާތު މާންއަށް އައްޑޫ އަންހެންކުދިން ވަރަށް ރީއްޗޭ. އެދުވަހު އަހަރެން ބުނިން އިރާދަކުރެއްވިއްޔާ އަހަރެން މާންއަށް އައްޑޫ އަންހެންކުއްޖެއް ހޯދަދޭނަމޭ. މާން ބުނި ކިހިނެއްހޭ ޒީއަށް މަށަށް މީހަކު ހޯދާދެވޭނީ. ދޮގުނުހަދާ ތެދަށް ބުނެބަލަ. ނޫރާއަށް އަނެއްކާ މާން ކަމުދޭތަ؟'' ޒީޝާން އަހާލިއެވެ.
''ދެން ޒީވެސް ދައްކާ ވާހަކަ ދޯ. ކިހިނެއް އެގެނީ މާންސަރ އުޅެނީ ކުއްޖަކާއި ރައްޓެހިވެގެން ނޫން ކަމެއް.'' ނޫރާ މަޑުމަޑުން ބުއްޏެވެ. ''ތިބުނާ މާންސަރއެއް ނޫރާއަށް ވުރެ ބޮޑަށް އެނގޭނީ މަށަކަށްނު. އަދި އެއީ ހަމަ ނޫރާ ކަހަލަ ވަރަށް ސާފު ހިތެއްގެ ވެރިއެކޭ. ދެން ސަމާސާ ކަނޑާފައޭ. ނޫރާއަށް ކަމުދޭތަ އޭނަ.'' ޒީޝާން ހީގަންނަމުން ބުއްޏެވެ.
''ކާކު ކަމުދާ ވާހަކައެއްތަ ތިދައްކަނީ.'' ކޮޓަރިއަށް އައިސް ވަތް ޝާހިދާ އަހާލިއެވެ. ''މިދައްކަނީ ރިއުމާންގެ ވާހަކަ.'' ޒީޝާން ހެމުން ހެމުން ބުއްޏެވެ. ''އޭނ. ރިއުމާނުގެ ވާހަކައޭ. އަނެއްކާ ރިއުމާން ކާކަށް ކަމުދާ ވާހަކައެއްތަ ތިދައްކަނީ.'' ޝާހިދާ އަހާލިއެވެ. ''ޒީއަށް މާކަމުދާ މީހެކޯއެއީ.'' ނޫރާ އަވަސް އަވަހަށް ބުއްޏެވެ. ''ޒީއަށް އަބަދުވެސް ރިއުމާން ކަމުދާކަން ތިއްތައަށް އެގެއޭ. އެކަމަކު މަށަށް ހީވަނީ މިފަހަރު ތިއުޅެނީ ޒީއަކަށް ނޫންކަން ނޭނގެ ރިއުމާން ކަމުގޮސްގެން.'' ޝާހިދާ ހިނިތުންވެލަމުން ބުއްޏެވެ.''ތިއްތާ. ދެން ތިއްތަވެސްތަ؟'' ނޫރާއަށް ބުނެލެވުނެވެ.
''ކޮބާ މިހާރު އެގިއްޖެއެއްނު ހިޔަޅުގެ ހުރި މަކަރު ދޯ ޒީ.'' ޝާހިދާ ހީގަތެވެ. ''ޝާހިދައްތާ. އަހަރެން ބުނީމަ އެކަމަކު އެއްބަހެއް ނުވިއޭ.'' ޒީޝާން ވެސް ޝާހިދާއާއި އެއްބައި ވެލިއެވެ. ''ދެން ހެވޭ ދެމީހުން ވެގެން ކިތައްމެ ވަރަކަށް ދިމާކުރިޔަސް. ކޯއްޗެއްތަ މާވަރަކަށް ތިހޯދަނީ.'' ކޮޓަރިއަށް ވަންސުރެން ޓީވީ ރެކުމަތީގައި ހުރި ސީޑީތައް ހާވަމުން ދިޔަ ޝާހިދާއަށް ބަލާލާފައި ނޫރާ ބުއްޏެވެ. ''ކޮބާތަ ތިއްތަބޭ ކުރީ ދުވަހަކު ގެނައި ސީޑީ.'' ޝާހިދާ ނޫރާއަށް ބަލާލަމުން ބުއްޏެވެ. ''ސާބަހޭ ތިއްތާ. މިއޮތީއޭ.'' ނޫރާ ސީޑީ ނަގާ ދިއްކޮށްލަމުން ބުއްޏެވެ. ޝާހިދާ ސީޑީ ހިފައިގެން ހިގައިގަތީ ކޮޓަރިން ނިކުންނާށެވެ. ނޫރާއާއި ޒީޝާންވެސް ޝާހިދާގެ ފަސް ފަހަތުން ނިކުތެވެ.
ނަވީލް އޮތީ އަނބުގަހުގައި އެލުވާފައި އޮތް ޖޯލީގައެވެ. އޭނާ އޮތީ ކުޑަކޮށް ނިދިޖެހޭގޮތް ވެފައެވެ. މޫނުމަތިން ފެންނަނީ ވަރުގަދަ ވޭނެއް ތަހައްމަލް ކުރަމުންދާ ކަމުގެ އަސަރުތަކެވެ. ކުޑަކުޑަޔޫހާއަށް އެދިމާއަށް އާދެވުނީ ކާފަ ބުނެގެން ތުއްތުބޭ ހޯދަމުން ހޯދަމުންނެވެ. ޖޯލީގައި ނިދިފައި އޮތް ނަވީލް ފެނުމުން އޭނާ މަޑުމަޑުން ގޮސް ނަވީލް ގާތަށް ހުއްޓުނެވެ. ''ތުއްތުބޭ. ތުއްތުބޭ. ކާފަ އެބަ ހޯއްދަވައޭ.'' ޔޫހާ ނަވީލްގެ ކޮޑުގައި ކޮއްޓާލަމުން ގޮވާލިއެވެ.
''ކިހިނެއް ވެގެންތަ ތިއުޅެނީ.'' ނަވީލް ހަޅޭލަވައިގަތެވެ. ''ކާފަ އެބަހޯއްދަވައޭ.'' ނަވީލް ހަޅޭލަވައިގަތްލެއް ބާރުކަމުން ޔޫހާއަށް ހުރީ ރޮވޭގޮތް ވެފައެވެ. ''ދެންޖެހޭތަ މީހަކު ނިދާފަ އޮތަސް އައިސް ކަންފަތްދަށުގަ ހަޅޭލަވަން.'' ނަވީލް އޮތީ ހިތްހަމަ ނުޖެހިފައެވެ. ''ސޮރީ ތުއްތޫ. ދެން ޔުހާއްކޮ އެކަހަލަ ކަމެއް ނުކުރާނަމޭ.'' ޔޫހާ ރޮމުން ވާހަކަ ދެއްކިއެވެ. އެވަގުތު ނަސީމަށް ވެސް އެތަނަށް އާދެވުނެވެ. ޔޫހާ ރޯތަން ފެނުމުން ނަސީމުގެ ހިތައް ވަރަށް އަސަރު ކުރިއެވެ.
''ކާފަގެ ލޯބިލޯބި ދަރިފުޅު ރޮނީ ކީއްވެތަ؟'' ނަސީމުގޮސް ޔޫހާ ގާތަށް ހުއްޓެމުން އަހާލިއެވެ. ''ތުއްތު ޔުހާއްކޮ ގޮވީމަ ރުޅިއައީ ކާފާ.'' ޔޫހާ ދެރަވެލާފައި ބުއްޏެވެ. ''އެހެންތަ. އެކަމަކު ހަމަ ދެންމެއެއްނު ދަރިފުޅު ކާފަގާތު ބުނީ ތުއްތު ދަރިފުޅު ދެކެ ވަރަށް ލޯބިވާ ވާހަކަ.'' ނަސީމު އެހެން ބުނީ ނަވީލަށް ބަލާލަމުންނެވެ. ނަމަވެސް ނަވީލް އިނީ ވަރަށް ރުޅިއައިސްފައިކަން އިން ގޮތުންވެސް ނަސީމަށް އެގުނެވެ.
''ޔުހާއްކޮ ވަރަށް ދެރަވޭ ތުއްތު ރުޅިއައިމަ.'' ޔޫހާ ގިސްލަ ގިސްލާފައި ވާހަކަ ދެއްކިއެވެ. ''ތުއްތު ރުޅިއެއް ނާދެއޭ ދަރިފުޅު ދެކެއެއް. ތުއްތު ސިހުނީއޭ ދަރިފުޅު ތުއްތު ނިދާފަ އޮއްވާ ގޮވީމަ. ގޮސް ތުއްތު ގާތު މިހާރުވެސް އަހާބަލަ ރުޅިތޯ.'' ނަސީމު އެހެން ބުނުމުން ޔޫހާ މަޑުމަޑުން ގޮސް ނަވީލްގެ ކުރިމައްޗަށް ހުއްޓުނެވެ. ''ތުއްތޫ. ސޮރީ.'' ޔޫހާ ދެރަވެލާފައި ބުއްޏެވެ. ނަވީލަށް ޔޫހާ ދެރަވެފައި ހުރި މަންޒަރު ފެނުމުން އައިސްފައިވާ ރުޅިގަނޑު ކުޑަވަގުތުކޮޅަކަށް ނަމަވެސް ފިނިވާގޮތްވިއެވެ.
''ތުއްތުގެ ލޯބިގަނޑާ. ތުއްތު ރުޅިއެއް ނޫނޭ.'' ނަވީލް ޔޫހާ ގެނެސް މެޔާއި ލާ ބޮޑިކޮށްލަމުން ބުއްޏެވެ. ''ތުއްތު ރުޅިއައިމަ ޔުހާއްކޮ ވަރަށް ދެރަވޭ.'' ޔޫހާ ނަވީލްގެ ގައިގައި ބައްދާލަމުން ބުއްޏެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި ނަސީމުގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނުތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. ނަވީލް އަބަދުވެސް އުފަލުގައި ހުރުމަކީ އޭނާ އެދޭގޮތް ނަމަވެސް އެގޮތްވާކަށް ނެތެވެ. އެދަރިފުޅުގެ މުޅި ހަޔާތްވަނީ ނޭނގޭ ރޫހާނީ ބާރެއްގެ އަތްދަށުލާފައެވެ. ރޭނގަޑުވުމުން އޭނާއަށް ތަފާތު އުނދަގޫތަކާއި ކުރިމަތި ލާންޖެހެއެވެ. ބައެއް ފަހަރު އޭނާގެ ރުހުމުގައި ނަމަވެސް އަނެއްބައި ފަހަރު އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. ބައެއް ދުވަސްވަރު އެކަންތައް ހައްދު ފަހަނަޅާގޮސް އޭނާއަށް ހެދޭ ނުހެދޭއެއް ނޭނގޭ ހިސާބަށް އޭނާގެ ކަންތައްތައްވެސް ދެއެވެ. ނަސީމަށް ފައިސާ އިން ކުރެވޭކަމެއް ވެއްޖެއްޔާ މިހާރު އޭނާގެ ދަރިފުޅަށް އާހަޔާތެއްވެސް ހޯދާދީފީހެވެ. ނަމަވެސް އެއީ ފައިސާއަށް ވުރެ މާބާރުގަދަ އެއްޗެކެވެ. ފަންޑިތައާއި ސިހުރު ހާހުރައިގެ ސަބަބުން އެދަރިފުޅުގެ ހަޔާތް އަނދިރި ކޮށްލާފައި އެވަނީ އޭނާއާއި ދުރުމީހެއް ވެސް ނޫނެވެ. އޭނާގެ އުފަން މަންމައެވެ. ދަރިއަކަށް މަންމައަކު އެފަދަކަމެއް ކޮށްފާނެކަމަކަށް ބުއްދިސަލާމަތުން ހުރި އެއްވެސް މީހަކަށް ޤަބޫލެއްވެސް ނުކުރެވޭނެއެވެ. ނަމަވެސް އެއީ ނަވީލްގެ ހަޔާތް ބަނަކޮށްލީ އޭނާގެ އުފަން މަންމައެވެ.
ޒީޝާން ކާގެއަށް ދިޔައީ ޔޫހާއަށް ބުއްތައްޓެއް ހަދާށެވެ. ނަމަވެސް ކާގޭ ދޮރާއިކައިރިވީތަނާ އޭނާއަށް ކާގެތެރެއިން އަޑު އިވުނީ ބޮޑުދައިތައާއި ނަސީމުބޭ ދައްކަމުން ދިޔަ ވާހަކަތަކެވެ. އެމީހުންގެ ވާހަކައިގެ އަސްލު މައުޟޫއަކީ ނަވީލެވެ. ޒީޝާން ދޮރާއި ނިވާވެލިއެވެ. ''ކޮއްކޯ. ބޮޑުދައިތައަށް ހީވަނީ މިހާރު އަނެއްކާވެސް ނަވީލްގެ ބަލިގަނޑު ހިލިއްޖެހެން.'' ބޮޑުދައިތަ ބުއްޏެވެ.
''ކީއްވެ ބޮޑުދައިތަ ތިހެން ތިބުނީ.'' ނަސީމު އަހާލިއެވެ. ''މިހެން މިބުނީ ކުރީ ރެއަކުވެސް ބޮޑުދައިތަ ދަމުނަމާދަށް ހޭލައިގެން ބޭރަށް ނިކުން އިރު ދުށިން ނަވީލް އެފަރާތުގަ އެހެރަ ދުގެތިގަސްތަކުގެ ތެރޭގައި ހުއްޓާ. ބޮޑުދައިތަ ބަލަން ހުއްޓާ އޭނައައިސް ގެއަށް ވަނީވެސް. އެހެންވެ މިހެން މިބުނީވެސް.'' ބޮޑުދައިތަ ދައްކާ ވާހަކަތައް ޒީޝާނަށް އަޑުއިވެނީ ވަރަށް މަޑުންނެވެ. ''އަހަންނަށްވެސް ތިހެން ހީވާތާ ދެތިން ދުވަސްވެއްޖެ. އެކަމަކު ނަވީލް އަހަރެން ގާތު ވަޢުދުވި ރޭގަނޑު ބޭރަށް ނުދާނެކަމަށް.'' ނަސީމު ބުނެލިއެވެ.
''ކޮއްކޯ. އެއީ ނަވީލްގެ އަމިއްލަ އިޚްތިޔާރުގައި ކުރާކަންތައްތަކެއް ނޫނޭ. އެއީ ނޭނގޭ ރޫޚާނީ ބާރެއްގެ ސަބަބުން އޭނާއާއި ކުރިމަތި ވަމުންދާ ކަންތައްތަކެއް. އަހަންނަށް ވެސް އެނގޭ އޭނާގެ އަމިއްލަ އިޚްތިޔާރުގަ އެފަދަކަންތައްތަކެއް އޭނާ ނުކުރާނެކަން.''
''ބޮޑުދައިތާ. ދެން އަހަރެން ހަނދާނީ ކިހިނެއް؟ އަހަރެން ވަރަށް ދެރަވޭ ނަވީލްގެ ހާލު ފެނުމުން. އެކަމަކު މިބައްޕައަށް އޭނާއަށް ކޮށްދެވޭނީ ކޮންކަމެއް.'' ނަސީމުގެ އަޑުގައި ރިހުން އެކުލެވެއެވެ. ޒީޝާނަށްވެސް އެއަޑުތައް އަހަން އުނދަގޫ ވިއެވެ. ވުމާއެކު އޭނާ އެތަނުން ދިޔުމަށް މަޑުމަޑުން ހިނގައިގަތެވެ. އޭނާއަށް އޭނާ އެތަނަށް އައި ބޭނުންވެސް ހަނދާން ނެތުނެވެ. ވާނީވެސް އެހެންތާއެވެ.އިންސާނެއްގެ ހިތުގެ ހާލު އަނެއް އިންސާނަކަށް އެނގޭ ހިނދު އޭނާއަށް ނުހަނު ގިނަގުނަ އަސަރުތަކެއް އެއިން ކުރާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. އެއީ ޔަޤީންވާކަމެކެވެ.
======== ނުނިމޭ ============
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް