އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން "ރަންވޭލާ" ކެމްޕެއިން ޅ އަތޮޅުގެ ރަށްތަކުގައި ކުރިއަށްގެންގޮސްފި

ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހިންގާ "ރަންވޭލާ" ކެމްޕެއިންގެ ޕްރޮގްރާމްތައް ޅ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށްގެންގޮސްފިއެވެ. މިނިސްޓްރީން ހާމަކުރަ...

18 Jul 2017 | 06:55

ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހިންގާ "ރަންވޭލާ" ކެމްޕެއިންގެ ޕްރޮގްރާމްތައް ޅ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށްގެންގޮސްފިއެވެ.

މިނިސްޓްރީން ހާމަކުރައްވާގޮތުގައި "ރަންވޭލާ" ކެމްޕެއިންގެ ދަށުން މިނިސްޓްރީއިން ޅ.އަތޮޅުގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތަކާ ގުޅިގެން އަތޮޅުގެ ހުރިހާ ރަށެއްގައި ދޮށީ އުމުރުގެ މީހުންނަށް ހެލްތު ސްކްރީނިންގ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހެލްތު ސްކްރީނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވި އުމުރުން 65 އަހަރުން މަތީގެ 178 މީހުންގެ ހަކުރު، ބްލަޑް ޕްރެޝަރ، އަދި "ބޮޑީ މާސް އިންޑެކްސް" (ބީ.އެމް.އައި) ވަނީ ޗެކްކޮށްފައި ކަމަށާއި އަދި، ދޮށީ އުމުރުގެ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ޅ.އަތޮޅުގައި މަސައްކަތްކުރާ 19 ހެލްތު ކެއަރ ވަރކަރުންނަށާއި އިޖްތިމާޢީ ޚިދުމަތްތެރިންނަށްވެސް މި ކެމްޕެއިންގެ ދަށުން ޚާއްޞަ ވޯކްޝޮޕެއް ވަނީ މިމަހު 14 އިން 15 އަށް ހިންގާފައި ކަމުގައި މިނިސްޓްރީން ހާމަކުރެ އެވެ.

މިނިސްޓްރީން ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުތުތަމަޢުގައި އިތުރުކުރުމަށާއި، އެފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށާއި، އެފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމުކަމާމެދު ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ވަނީ އަތޮޅުގެ ހުރިހާ ރަށެއްގައި ހިންގާފައެވެ. މި ސެޝަންތަކުގައި 120 އަށް ވުރެ ގިނަ ދޮށީ އުމުރުގެ މީހުން ވަނީ ބައިވެރިވެފައި ކަމަށެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށާއި، އެފަރާތްތަކަށް ޒުވާނުންގެ ފަރާތުން ލިބޭ އެހީތެރިކަން އިތުރު ކުރުމަށްޓަކައި ޅ.އަތޮޅުގެ ޒުވާނުންނަށްވެސް ވަނީ ޚާއްޞަ ސެޝަންތަކެއް ވަނީ ހިންގާފައި ކަމުގައިވެސް މިނިސްޓްރީން ހާމަކުރައްވަ އެވެ.

"ރަންވޭލާ" ކެމްޕެއިނަކީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން 2016 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން އިފްތިތާޙްކޮށްފައިވާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ހަރަކާތްތައް މިހާރު ވަނީ ބ.އަތޮޅު އަދި މ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފައެވެ. އަދި، މިކެމްޕެއިންގެ ހަރަކާތްތައް ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގުމަށް މިނިސްޓްރީން ވަނީ ރާވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް