އިންޑިއާގައި ރޭޕުގެ ޝިކާރައަކަށްވި ހަތަރު އަހަރުގެ އަންހެން ކުއްޖަކު މަރުވީ ދެ ހަސްފަތާލަކުންވެސް ފަރުވާދޭން ދެކޮޅު ހެދުމުން ކަމުގެ އިލްޒާމް !

އިންޑިއާގެ ޣާޒިއާބާދުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ހަތަރު އަހަރުގެ އަންހެން ކުއްޖަކު މަރުވީ، ޒަޚަމްވެ ލޭ އަންނަ ހާލުގައި ދެ ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް ފަރުވާ ދޭން ދެކޮޅުހެދުމުން ކަމަށް އެ ކު...

18 Jun 2026 | 05:31
N/A

N/A

އިންޑިއާގެ ޣާޒިއާބާދުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ހަތަރު އަހަރުގެ އަންހެން ކުއްޖަކު މަރުވީ، ޒަޚަމްވެ ލޭ އަންނަ ހާލުގައި ދެ ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް ފަރުވާ ދޭން ދެކޮޅުހެދުމުން ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އަށް ދިން އިންޓަވިއުއެއްގައި އެ ކުއްޖާގެ ބައްޕަ ބުނީ، ޒަޚަމްވެފައި އޮތް ދަރިފުޅު އުރައިގެން ދެ ޕްރައިވެޓް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އެހެން ނަމަވެސް ދެ ތަނުންވެސް ކުއްޖާ ބަލާލަންވެސް ދެކޮޅުހެދި ކަމަށެވެ.

ބައްޕަ ބުނީ ދެ ހޮސްޕިޓަލުން ފޮނުވާލުމަށްފަހު ސަރުކާރު ހޮސްޕިޓަލަށް ދިޔައިރު ގަޑިއެއްހާއިރު ފާއިތުވެފައިވާ ކަމަށާއި، އެ ހޮސްޕިޓަލުން ދަރިފުޅު މަރުވެފައިވާ ކަމަށް ކަނޑައެޅި ކަމަށެވެ. "ދެ ހޮސްޕިޓަލުން ފަރުވާ ދިން ނަމަ އަޅުގަނޑުގެ ދަރިފުޅު ސަލާމަތްވީސް،" ޓީއޯއައި އަށް އޭނާ ބުންޏެވެ.

މި ހާދިސާ ހިނގީ 16 މާޗުގައި ކަމަށާއި، ގޭ ކައިރީގައި ކުޅެން ހުއްޓައި ކުއްޖާ ގެއްލިގެން، ހޯދަން ފެށިތާ ދެ ގަޑިއެއްހާއިރު ފަހުން ޒަޚަމްވެ ލޭ އަންނަ ހާލުގައި ފެނުނު ކަމަށް ޓީއޯއައި އިން ރިޕޯޓުކޮށްފައިވެއެވެ. ޕޯސްޓްމޯޓަމުން ކުއްޖާގެ ހަށިގަނޑުން 11 ޒަޚަމް ފެނުނެވެ.

މި މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓުން ބެލީ 16 ޖޫން ގައެވެ. ކޯޓުން ކަނޑައެޅި ޚާއްސަ ތަޙުޤީޤު ޓީމަކަށްވެސް، ދެ ޕްރައިވެޓް ހޮސްޕިޓަލުން އަވަސް ފަރުވާ ދޭން ދެކޮޅުހެދި ކަމުގެ ހެކި ފެނުނު ކަމަށް ޓީއޯއައި އިން ބުނެފައިވެއެވެ. ކޯޓުން ވަނީ ބަދަލުގެ ގޮތުގައި ދޭނީ ކިހާ ވަރެއްތޯ ހޮސްޕިޓަލުތަކާ ސުވާލުކޮށްފައެވެ. ނަމަވެސް ބައްޕަ ބުނީ ބަދަލަށްވުރެ ބޮޑަށް ބޭނުމީ ޒިންމާ ކަށަވަރުކުރުން ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ، ކުއްޖާގެ އަވަށްޓެރިއަކު ވަނީ ހައްޔަރުކޮށްފައެވެ. ޤަތުލާއި ހެކި ނައްތާލުމާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ދައުވާތައް ހިމެނޭ 900 ޞަފްޙާގެ ދައުވާ ފޯމެއް 3 އޭޕްރިލް ގައި ކޯޓަށް ހުށަހެޅި ކަމަށް ޓީއޯއައި އިން ބުންޏެވެ. މީގެ އިތުރުން، ހާދިސާގެ ވާހަކަ ނުދެއްކުމަށް އަންގައި ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށް އަނިޔާކުރި ކަމަށް ބުނެ، ފުލުހުންގެ ޢަމަލުތަކަށްވެސް ކޯޓުން ފާޑުކީ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް