ދެ މީހެއްގެ ހަށިގަނޑު މާދަމާ އަދި ދެ މީހެއްގެ ހަށިގަނޑު އަނެއް ދުވަހު ނަގާނެ: ތަރުޖަމާނު

ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑު މިއަދު ފެނިފައި ވާ އިރު، އަންގާރަ ދުވަހު ދެ ހަށިގަނޑު އަދި ބުދަ ދުވަހު ބާކީ ދެ ހަށިގަނޑު ހޮހޮޅައިން ނެގުމަށް ރާ...

18 May 2026 | 14:13
ތަރުޖަމާނު މުންދު -

ތަރުޖަމާނު މުންދު -

ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑު މިއަދު ފެނިފައި ވާ އިރު، އަންގާރަ ދުވަހު ދެ ހަށިގަނޑު އަދި ބުދަ ދުވަހު ބާކީ ދެ ހަށިގަނޑު ހޮހޮޅައިން ނެގުމަށް ރާވާފައި ވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު ސީއެންއެން އަށް ވިދާޅުވީ ހަތަރު ހަށިގަނޑު ވެސް ފެނުނީ ހޮހޮޅައިގެ އެންމެ ފުން ހިސާބުން ކަމަށެވެ. މި ހޮހޮޅައިގެ އެންމެ ފުން ހިސާބަކީ 70 މީޓަރު (230 ފޫޓު) އެވެ.

ހަށިގަނޑުތައް ފެނުނީ، ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން ޔޫރޮޕް) އިން ފޮނުވި ފިންލެންޑުގެ ތިން ކޭވް ޑައިވިން ތަޖުރިބާކާރުންނާއި އެމްއެންޑީއެފް ކޯސްޓް ގާޑާއި ފުލުހުން ގުޅިގެން މިއަދު ހެނދުނު ހިންގި ފުރަތަމަ ޓެކްނިކަލް ކޭވް ޑައިވުގައެވެ. ޑޭން ޔޫރޮޕުން ބުނީ މި ޑައިވް ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެން ދިޔަ ކަމަށެވެ.

ޑައިވަރުން ބޭނުން ކުރީ ކްލޯޒްޑް-ސާކިޓް ރީބްރީދާ (ނޭވާ ރީސައިކަލް ކުރެވޭ ނިޒާމެއް)، ހައި-ޕާފޯމެންސް އަންޑާވޯޓާ ސްކޫޓާ، އަދި ފުލީ ރިޑަންޑެންޓް ލައިފް-ސަޕޯޓް ސިސްޓަމް ފަދަ ޒަމާނީ ޓެކްނިކަލް ސާމާނެވެ. ޔޫކޭ އާއި އޮސްޓްރޭލިއާ އިން ވެސް ޚާއްޞަ ސާމާނު ފޯރުކޮށްދީފައި ވެއެވެ.

ޑޭން ޔޫރޮޕްގެ ސީއީއޯ ލައުރާ މައްރޯނީ ވިދާޅުވީ "މިއަދުގެ ނަތީޖާ އަކީ ޚާއްޞަ ތައްޔާރީ، ޓެކްނިކަލް ހުނަރުވެރިކަން، އަދި ޓީމް ވޯކުގެ ނަތީޖާ" ކަމަށެވެ.

ދެ ދުވަހުން ހަށިގަނޑު ނެގުމަށް ރާވައިފައި ވަނީ، ކޮންމެ ޑައިވެއް ގާތްގަނޑަކަށް ތިން ގަޑިއިރަށް ލިމިޓް ކުރެވޭތީ އާއި، ހޮހޮޅައިގެ ހަނި ދޭތެރެ ތަކުން ހަށިގަނޑު ނެރުމަކީ ވަރަށް ނާޒުކު މަސައްކަތެއް ކަމަށް ވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް