ރާއްޖެ އައި ޓީމުގެ ދެ ލީޑު ޑައިވަރު ސާމީ އާއި އަނެއް ޕާޓްނަރު -
ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ފަތުރުވެރިންގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ފެނިއްޖެ ކަމަށާއި، ފުރަތަމަ އޮޕަރޭޝަނަލް ޑައިވް ކާމިޔާބު ކަމަށް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން ޔޫރޮޕް) އިން ކަށަވަރު ކޮށްދީފިއެވެ.
ޑޭން ޔޫރޮޕުން މިއަދު ނެރުނު ރަސްމީ ބަޔާނެއްގައި ބުނީ، ދެކުނު ކަނޑު (ޑެކެނު ކަންޑު) ސައިޓުގައި މިއަދު ހެނދުނު ގާތްގަނޑަކަށް 8:30 (ސީއީޓީ) - (ރާއްޖޭ ގަޑީން ބަލަނީނަމަ 11:30) ގައި ފެށި ފުރަތަމަ ޓެކްނިކަލް ކޭވް ޑައިވް ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެން ދިޔަ ކަމަށެވެ.
މި ފުރަތަމަ ޑައިވުގައި ތަޖުރިބާކާރު ޓީމުން ކާމިޔާބު ކަމާ އެކު ހޮހޮޅައިގެ ނިޒާމް އެކްސްޕްލޯ ކޮށް، ތިމާވެށީގެ ހާލަތު ބެލައި، ގެއްލުނު ހަތަރު ފަރާތުގެ ހަށިގަނޑު ފެނިފައި ވާ ކަމަށާއި، ކުރިއަށް ހުރި ރިކަވަރީ މަރުހަލާތައް ރޭވުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު އެއްކުރެވުނު ކަމަށް ޑޭން ޔޫރޮޕުން ބުނެފައި ވެއެވެ.
"މިއީ ޓެކްނިކަލީ ޑިމާންޑިން، ޖަޒްބާތީ ގޮތުން ދަތި، އަދި އޮޕަރޭޝަނަލީ ނާޒުކު އޮޕަރޭޝަނެއްގައި ހާސިލް ކުރެވުނު މުހިންމު މައިލް ސްޓޯނެއް" ކަމަށް ޑޭން ޔޫރޮޕުން ސިފަ ކޮށްފައި ވެއެވެ.
ޑައިވަރުން ބޭނުން ކުރީ ކްލޯޒްޑް-ސާކިޓް ރީބްރީދާ (ނޭވާ ރީސައިކަލް ވާ ނިޒާމެއް)، ހައި-ޕާފޯމެންސް ޑީޕީވީ (ފެނުގެ ތެރޭ ދުއްވާ އުޅަނދު)، އަދި ފުލީ ރިޑަންޑެންޓް ލައިފް-ސަޕޯޓް ކޮންފިގަރޭޝަން ފަދަ ޒަމާނީ ޓެކްނިކަލް ނިޒާމުތަކެވެ.
ޑޭން ޔޫރޮޕުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ހަށިގަނޑު ނެގުމުގެ ނާޒުކު މަސައްކަތް ކުރާނެ ކަމަށެވެ. އޮޕަރޭޝަން ޕްލޭނިން އާއި ރިކަވަރީ ޓައިމްލައިނާ ގުޅޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ގަޑިތަކުގެ ތެރޭގައި ހާމަ ކުރާނެ ކަމަށެވެ.
ޑޭން ޔޫރޮޕްގެ ސީއީއޯ ލައުރާ މައްރޯނީ ވިދާޅުވީ "މިއަދުގެ ނަތީޖާ އަކީ ޚާއްޞަ ތައްޔާރީ، ޓެކްނިކަލް ހުނަރުވެރިކަން، އަދި ޓީމް ވޯކް ގެ ނަތީޖާ. ސައިޓުގައި ތިބެ ޕްރޮފެޝަނަލް ކަމާއި އިންސާނިއްޔަތާ އެކު ދަތި ވެށީގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރުންނަށް ފުން ޝުކުރެއް ދަންނަވަން" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް