ރާއްޖެ - އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފާހަގަ ކުރުމަށް ސެމިނާ އެއް ބާއްވައިފި

ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމް ކުރިތާ 60 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އާޓްސް އާއި ރާއްޖޭގައި ހ...

18 May 2026 | 06:59
N/A

N/A

ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމް ކުރިތާ 60 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އާޓްސް އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގުޅިގެން ޚާއްޞަ ސެމިނާ އެއް ބާއްވައިފިއެވެ.

މި ސެމިނާގެ ޗީފް ގެސްޓެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ރާއްޖެ އަށް ކަނޑައަޅުއްވައިފައި ވާ އިންޑިއާ ހައި ކޮމިޝަނަރ ޖީ. ބާލާސުބްރަމާނިއަން އެވެ. ސެމިނާ ފެށީ ހައި ކޮމިޝަނަރ ވަޑައިގެންނެވުމާ އެކު ފޮޓޯ މައުރަޒެއް ބެއްލެވުމުންނެވެ.

ސެމިނާގައި ފާއިތުވި 60 އަހަރު ދެ ޤައުމުގެ ދެމެދުގައި ހިންގާފައި ވާ ގުޅުންތައް ދައްކުވައިދޭ ޕްރެޒެންޓޭޝަންތަކެއް ހުށަހެޅިއެވެ. އެ ގޮތުން މޫސުމީ ބަދަލާއި ދެމެހެއްޓެނިވި ތަރައްޤީ، ތާރީޚީ އަދި ސަގާފީ ގުޅުންތައް، ޞިއްޙީ ޚިދުމަތުގައި ގުޅިގެން ކޮށްފައި ވާ މަސައްކަތް، ކާނާގެ ރައްކާތެރިކަން، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރި، ތަޢުލީމާއި އިންސާނީ ވަސީލަތް ތަރައްޤީ ކުރުން، އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއި ބިންގާ ހެދުމުގެ ދާއިރާ އަށް ޕްރެޒެންޓޭޝަންތައް އަމާޒު ކުރެވުނެވެ.

ދަރިވަރުންނާއި ހުށަހެޅި ފަރާތްތަކުން ދެ ޤައުމުގެ ގުޅުމުގެ ފުންމިން ދިރާސާ ކޮށް، ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ ގުޅުންތައް ފާހަގަ ކުރިއެވެ. ހައި ކޮމިޝަނަރ ބާލާސުބްރަމާނިއަން ވެސް ބައިވެރިންނާ މުޚާޠަބު ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި ރަޙުމަތްތެރިކަން ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ސެމިނާ ނިންމައިލީ އިންޑިއާ އާއި ރާއްޖޭގެ ސަގާފީ ހުށަހެޅުންތަކަކުންނެވެ. ދިވެހި ދަރިވަރުން ހުށަހެޅި ފަތި ގަނޑު ނެށުމާއި ބޮޑުބެރާއި ސަގާފީ ނެށުމުގެ ހުށަހެޅުންތައް ހިމެނުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް