ޑޭން ޔޫރަޕްގެ ކްރޫއިން މިހާރު ތިބީ ސައިޓުގައި ކަމަށް ބުނެފައިވޭ -
ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑު ހޯދުމަށް ފޮނުވި ފިންލެންޑް ޓީމް ރާއްޖެ އައިސް، މިއަދު ހެނދުނުގެ ޑައިވަށް ތައްޔާރު ވަމުންދާ ކަމަށާއި، ފުރަތަމަ ޑައިވް ނިމެންދެން އެއްވެސް އޮޕަރޭޝަނަލް ތަފްޞީލެއް ހާމަ ނުކުރާނެ ކަމަށް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން ޔޫރޮޕް) އިން ބުނެފިއެވެ.
ޑޭން ޔޫރޮޕުން ރޭގައި ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި 48 ގަޑިއިރު ތެރޭ ރެކްރޫޓް ކުރި ފިންލެންޑުގެ ތިން ޚާއްޞަ ކޭވް ޑައިވަރުން ކަމުގައިވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަލަންޑް، ޕެޓްރިކް ގްރޯންކްވިސްޓް، ރައްކާތެރިކަމާ އެކު ރާއްޖެ ފޯރައި، ސާމާނު ޗެކް ކުރުމާއި ގޭސް ލޮޖިސްޓިކްސް އާއި ތިމާވެށީގެ ހާލަތު ބެލުމާއި ޑައިވް ޕްލޭނިން ކުރިއަށް ގެންދާ ކަމަށެވެ.
"މި މަރުހަލާގައި ޑޭން ޔޫރޮޕުން އިޙުތިރާމާ އެކު އެދެނީ ޑައިވިން ކޮމިއުނިޓީ އާއި މީޑިއާ ޕާޓްނަރުންނާއި ޢާންމުން، އޮޕަރޭޝަން ޓީމަށް ވަގުތާއި ފޯކަހާއި ސަމާލުކަން ދެއްވުމަށް. އެންމެ ރައްކާތެރި ހާލަތުގައި މި މިޝަން ކާމިޔާބު ކުރެވޭނީ އެ ގޮތުން. ޓީމުގެ ފުރަތަމަ ޑައިވް ނިމެންދެން އެއްވެސް އޮޕަރޭޝަނަލް ތަފްޞީލެއް ހިއްސާ ނުކުރެވޭނެ" ކަމަށް ޑޭން ޔޫރޮޕުން ބުނެފައި ވެއެވެ.
ޑޭން ޔޫރޮޕްގެ ސީއީއޯ ލައުރާ މައްރޯނީ ވިދާޅުވީ ފާއިތުވި ދެ ދުވަހު ޑޭންގެ އެންމެ ބޮޑު އެއް އިސްކަމަކީ އެންމެ ރަނގަޅު މީހުންނާއި އެންމެ އެކަށީގެންވާ ސާމާނާއި އެންމެ ވަރުގަދަ ކޯޑިނޭޝަނާ އެކު މި އޮޕަރޭޝަނަށް ސަޕޯޓް ދިނުން ކަމަށާއި ޓީމް މިހާރު ސައިޓުގައި މަސައްކަތް ކުރަމުން އަންނައިރު މި ވަގުތުން ފެށިގެން ފޯކަސް ހުރީ މިޝަނަށް ކަމަށެވެ.
މިއީ ފުން ބަންދު ވެށީގައި ކުރިއަށް ގެންދާ ވަރަށް ނާޒުކު، ރިސްކު ބޮޑު އޮޕަރޭޝަނެކެވެ. ޑޭން ޔޫރޮޕްގެ މެޑިކަލް ޑައިރެކްޓަރ ޑރ. ކިއާރާ ފެރީ ވިދާޅުވީ "ދުރު ރަށެއްގައި، ކްރިޓިކަލް ކެއާ ސަޕޯޓާއި އާޖެންޓް ހައިޕަބެރިކް ޓްރީޓްމެންޓް ބޭނުންވީމާ ކްލިނިކަލް މެނޭޖްމެންޓް ނާޒުކު ވެދާނެ. އެހެންވެ އޮޕަރޭޝަނަލް ގޮތުންނާއި މެޑިކަލް ގޮތުން ޚާއްޞަ ޕްލޭނިން ކޮންމެހެން ބޭނުން" ކަމަށެވެ.
މި ޓާސްކް ފޯސް މަސައްކަތް ކުރާނީ އެމްއެންޑީއެފާ ފުރިހަމަ ކޯޑިނޭޝަނުގައި، އަދި އިޓަލީ ޚާރިޖީ ވުޒާރާ އާއި ކޮލޮމްބޯ އެމްބަސީ އާއި މާލޭ ކޮންސިއުލޭޓް ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް