''ނިދަނީތަ........ މާ ގިނައިން ކޭ ކޭނުން ތިޔޮތީ ނިދިއައިސްފަ ދޯ......'' ނޫރާ ހިނިތުންވެލިއެވެ.
''އާނ....... އެހާ މީރުކޮއްވިއްޔަ ކައްކާފަހުރީ....... ކޮބާ ދޮންތަމެން ދާކަށް ނޫޅޭތަ ........ ދަނީ އިނގޭ ދެން........ އަސުރު ފަހުން ޓެކްސީއަށް އަރަން ޖެހޭނެ...... އެހެންވެ އަދި ރެސްޓް ކޮއްލަން ބޭނުން.......'' ލަޔާލް ޖޯލިން ތެދުވަމުން ނޫރާގެ އުނގުގައި އިން ރޫބީއާ ސަމާސަ ކޮލްލިއެވެ.
''މިރޭ އާދެވޭނެތަ ބަލާ........... މަންމަ ވެސް އުޅެނީ އެއްކަލަ ފަޔަށް ތަދުވާތީ........'' ނޫރާ ސުވާލު ކޮއްލިއެވެ.
''އާނ......... ނޫރާ ފިހާރައަށް ގެންގޮސްދޭން ދޯ........ ގަޑި ކައިރި ކޮއްފަ ގުޅާލާތި........'' ލަޔާލް ދޮރާއްޓާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.
ފަހަކަށް އައިސް ގިނަފަހަރަށް، ނޫރާ ފިހާރައަށް ގެންގޮސްދެނީ ލަޔާލެވެ. ހަމްޒާގެ އެދުމުގެ މަތިންނެވެ. ކޮންމެ ފަހަރަކު ހިނގާފައި ނޫރާ ފިހާރައަށް ދިއުމަކީ ހަމްޒާ ބޭނުން ވާ ގޮތެއް ނޫނެވެ. މިކަން މިގޮތަށް ހިނގަމުންދާތަން ފެނުމުން ނޫރާގެ މަންމަ، ޒަރީނާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނޫރާ ބަލާއަންނަނީ ލަޔާލް ބޭނުން ވެގެން ކަމުގައި ޒަރީނާ ދެކެއެވެ. އެއީ ޒަރީނާ ކުރަމުން އައި އުންމީދެކެވެ. އެ އުންމީދު ފުރިހަމަ ވުމުގެ ފަހަތުގައި ފޮރުވިފައި ވާ ސިއްރު އޮތީ ޒަރީނާއަށް ވަންހަނާވެފައެވެ.
*******
ފިހާރަ ކައިރިއަށް ލަޔާލުގެ ކާރު މަޑުކޮއްލިވަގުތަކީ ނާޝިދާވެސް ފިހާރަ ކައިރިއަށް އައި ވަގުތެވެ. މުޖުތަބާގެ ސައިކަލު ފަހަތުގައި އިނދެފައި ނާޝިދާ އަވަސް އަވަހަށް ސައިކަލުން ފައިބައިފިއެވެ. ނިކަން ހަލުވިކޮށް ލަޔާލް ގެ ކާރު ކައިރިއަށް ނާޝިދާ އަތުވެއްޖެއެވެ. ނޫރާ ފައިބަން ވެގެން ދޮރު ހުޅުވާލުމުގެ ކުރިން ނާޝިދާ އެ ދޮރު ހުޅުވާލައިފިއެވެ.
''ނޫރާ........ ހާދަ ގަދަކޮއްލައިގެން މިހާރު ތިއުޅެނީ.........ލަޔާލް ކޮން އިރަކުން ސައި އޮތީ...........'' ނޫރާ ކާރުން ފޭބުމުން ނާޝިދާ ކާރުތެރެއަށް ބޯކޮއްޕާލަމުން ލަޔާލްއާ ސުވާލުކޮއްލިއެވެ.
''ކޮން ސައެއް.........'' ލަޔާލް އިނީ ސަމާސާ ކުރާ ކަހަލަ މޫޑެއްގަ އެއް ނޫނެވެ.
''ތި ދެމީހުންގެ ސައެއްނު.......... ދެން އަވަސްކުރަންއުޅޭ............ ކޮން އިރަކުން ނިންމަނީ........ '' ނާޝިދާ ހެމުން ހެމުން ސުވާލު ކުރިއެވެ. ނޫރާއަކަށް ނާޝިދާގެ އެ ވާހަކަތައް ކަމަކު ނުދިޔައެވެ. އެހެން ނޫނަސް އެބާވަތުގެ ގޮތަކަށް ނާޝިދާ ލަޔާލްއާ ވާހަކައްކާކަށް ނޫރާ ހިތްހަމައެއްވެސް ނުޖެހެއެވެ.
''ދެން ހިނގާ....... މިހާރު އެހެރީ ސައުދެބެ ނިކުމެ.........'' ނޫރާ އަވަސްއަވަސް އަވަހަށް ނާޝިދާގެ އަތުފައި ހިފާ ދަމާލިއެވެ. ނާޝިދާ ވެސް ކާރުގެ ދޮރު ލައްޕާލާފައި އެނބުރިލިއެވެ. އޭރު ސައުދުބެ ފިހާރައި ދޮރު ހުޅުވަނީއެވެ. އޭނާގެ ފަހަތުގައި ފިހާރައިގައި މަސައްކަތް ކުރާ ބިދޭސީ ތިން މީހުން ތިއްބެވެ.
''ވަރަށް ފޫހިވޭ.......... އަދި މިރޭ ޕާޓީއަކަށް ދާންވެސް އެބަޖެހޭ........ މިތަނަށް ވަދެލާފަ، ތަންކޮޅެއް އަވަހަށް ދާންކަމަށް މިއައީ........އެކަމަކު ދެން ނޭނގެދޯ ސައުދުބެ ފިހާރައިން ނުކުންނާނެ އިރެއްވެސް........ މި ޖެހުނީ އަނެއްކާ އަނެއްކަންތައް........'' ނާޝިދާ މަޑުމަޑުން ކުދި ކިޔާލިއެވެ. އަދި ފިހާރަތެރެއަށް ވަންނަމުން ބޭރުގައި މަޑުކޮށްގެން އިން މުޖުތަބާއަށް އަތުން އިޝާރާތްކޮށްލިއެވެ. ދެން ދާށޭ ބުނާފަދައަކުންނެވެ.
އާއްމުކޮށް ފިހާރަ ހުޅުވާ ގަޑިތަކުގެ އިތުރުން ރޭގަނޑު ބަންދު ކުރާ ގަޑީގައިވެސް ސައުދު ފިހާރައަށް ވަދެއެވެ. އަދި ހިސާބުކިތާބު ނިންމާލުމަށްފަހު އެތައް ވަގުތެއް އޭނާ ފިހާރަތެރޭގައި ހޭދަކުރެއެވެ. މާލެއިން ގެންނަންޖެހޭ މުދަލުގެ ލިސްޓްތައް ބަލާ މުސްތަފާއަށް ލިސްޓްތައް ފޮނުވަނީ ސީދާ ސައުދެވެ.
''ލަޔާލް ހާދަ ހިތްގައިމޭ ދޯ........'' ކައުންޓަރު ކައިރީގައި އިން ނޫރާގެ ގާތަށް ޖެހިލަމުން ނާޝިދާ ބުނެލިއެވެ. ނޫރާ އަޅާވެސް ނުލިއެވެ. އަޑުއިވުނު ކަމަށްވެސް ނުހަދައެވެ.
''އަގު ނުޖެހި ހުރި ތަކެތީގަ އަގުޖަހާލެވޭތޯ ބަލަންވާނެ މިރޭ....... އިއްޔެ ފިހާރައަށް ވެއްދި މުދާތައް ވެސް އެބަހުއްޓެއްނު...... އަދި އެ ސާމާނުތައް ފޮށިތަކުން ނަގާ ހަރުގަވެސް އަތުރާލަންވާނެ...... '' ކައުންޓަރު ކައިރިއަށް ހުއްޓެމުން ސައުދު ބުނެލިއެވެ.
''ލައްބަ .......... އަޅުގަނޑު މި މަސައްކަތް ނިންމާލާފަ ތިކަން ނިންމާލާނަން....... މުދާކޮޅު ފޮށިތަކުން ނަގުމުގެ މަސައްކަތް ފިހާރަ ބަންދުވީމަ ކޮއްލާނީ ދޯ ނާޝިދާ........'' ކައިރީގައި އިން ނާޝިދާގެ މޫނަށް ބަލާލަމުން ނޫރާ ހިނިތުން ވެލިއެވެ.
މިރޭ ނޫނަސް ރަނގަޅުވާނެ........ މިރޭ ހަމައެކަނި އަގު ޖަހާލަން ހުރި އެއްޗިހި ނިންމާލާ........ މާދަމާ ދެންހުރި މަސައްކަތް ކޮއްލާނީ ދޯ........'' ސައުދު ވާހަކަ ދެއްކީ ހިތްހެޔޮކަމާއެކުގައެވެ.
''މިރެއަކު އަހަންނަކަށް އެއްކަމެއްވެސް ނުވާނެ........ ނޫރާ ތިކަން ނިންމާފަ އެމީހުންނާ ހަވާލުކޮއްލާ....... އެހެން ނޫނަސް އަހަރެން ބަލާ އިރުކޮޅަކުން މުޖޭ އަންނާނެ......... ޕާޓީ ނިންމާފަ ވަގުތެއް އޮތިއްޔާ އަންނާނަން އިނގޭ.......'' ނާޝިދާއަށް ހިމޭނުން އިނދެވުނީ ސައުދު ފިހާރައިން ނުކުންނަންދެނެވެ.
''މިރޭ ބަންދުކުރާ ގަޑީގައި ސައުދުބެ އަންނަ އިރު އަހަރެން ނެތިގެން ސުވާލުކޮއްފިއްޔާ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ނޫރާ އަހަރެން ސަލާމަތް ކޮއްދޭތި......'' ސްޕާރީފުޅި އަނގަޔަށް އޮއްސާލަމުން ނާޝިދާ ބުންޏެވެ.
''ނުވާނެ......... ކޮންމެ ފަހަރަކު ތިޔަހެން ދޮގުހަދާކަށް އަހަންނަކަށް ނުކެރޭނެ.......... ނާޝިދާ ދަންޏާ ދޭ........ އަހަރެން ކައިރީ އަހައިފިއްޔާ ބުނާނަން ނާޝިދާ ދިޔައީ ޕާޓީއަކަށޭ.........'' އަގު ލިސްޓް ޗެކް ކުރަމުން ނޫރާ ޖަވާބުދިނެވެ. ނޫރާގެ ޖަވާބު އިވުމުން ނާޝިދާ ފޫހިކަމާއެކު ލޯއަޅާލިއެވެ.
''މި ނޫރާވެސް މިހާރު ވަރަށް ފޮނިވެއްޖެ .........'' ނާޝިދާ ތުން އަނބުރާލަމުން ހެޑްސެޓް ކަންފަތަށް ހެޔޮވަރުކޮއްލިއެވެ.
******
ހަމަ އެވަގުތެވެ. އޭޑީކޭ ހޮސްޕިޓަލުގެ ހަލަބޮލި މާހައުލެވެ. ސަކީނާގެ ހާލު ރަނގަޅުވަމުން އަންނާތީ މިހާރުވަނީ ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްފައެވެ. އެއީ މުސްތަފާ ބޭނުންވިގޮތެވެ. ވޯޑުގައި ސަކީނާ ބާއްވަން މުސްތަފާ ހިތްހަމަނުޖެހޭތީއެވެ.
ހަމްޒާ މަންމަ އޮތް ރޫމަށް ވަންއިރު އެތަނުގައި ހައެއްކަ އަންހެނުން ތިއްބެވެ. ހައްތަހާވެސް ތިމާގެ މީހުންނެވެ. ހަމްޒާގެ މަންމަ ފަރާތު ދެ ދައްތައަކާ އެމީހުންގެ ދަރިންނެވެ. އެމީހުން އަތަށް ހަމްޒާ ގެނައި ކޮތަޅު ދިއްކޮއްލުމަށްފަހު އެބަ އަންނަ ކަމަށް ބުނެ، ހަމްޒާ ނުކުތީ ބޭރަށެވެ. ހަމްޒާ ގުޅާލީ އޭނާގެ ބައްޕަ އަށެވެ.
''ބައްޕަ ކޮންތާކު.......'' ހަމްޒާ ބޭނުންވީ ވީހާވެސް އަވަހަކާ އޭނާގެ ބައްޕައާ ބައްދަލުކުރާށެވެ.
''ރައްޓެއްސަކާއެކު ކެންޓީނުގަ........ ކިހިނެއްވީ........'' މުސްތަފާ ސުވާލުކޮއްލިއެވެ. ހަމްޒާ އެދުނީ ބައްޕަޔާ ވާހަކަދައްކާލަން ބޭނުން ކަމަށެވެ. މުސްތަފާ ހީކުރީ ސަކީނާގެ ކަމަކާ ހަމްޒާ ކަންބޮޑުވެފައި ހުރީކަމަށެވެ. އެހެންވެ އަވަސް އަވަހަށް ކޮފީތަށި ހުސްކޮއްލުމަށްފަހު އެތަނުން ނިކުތެވެ.
''ކިހިނެތްވީ........ ހާދަ ހާސްވެފަ...... '' މުސްތަފާ އައިސް ހަމްޒާ ކައިރިއަށް ހުއްޓުނެވެ.
ހަމްޒާ ބަލާލީ އޭނާގެ ބައްޕަ ގެ މޫނަށެވެ. ކިހިނެތްވީހޭ އަހާއިރު ބައްޕައަށް ހަމަ ނޭނގެނީހެއްޔޭ ހަމްޒާގެ ހިތައްއެރިއެވެ. ހަމްޒާ ހާސްވެ ކަންބޮޑުވާނެ ވަރާ ދެރަވާނެ ވަރު ހަމްޒާގެ މައިން ބަފައިންނަށް ނޭނގެންޏާ ދެން އެކަން އެނގޭނެ އެކަކުވެސް ނުހުންނާނެތާއެވެ.
''ބައްޕާ........'' ހަމްޒާ އަށް ގޮވާލެވުނެވެ. އަސަރާއެކުގައެވެ.
''އާދެބަލަ ......... ހިނގާބަލަ ތަންކޮޅެއް އެއްފަރާތަކަށް........ '' ހަމްޒާގެ ކޮނޑަށް މުސްތަފާ އަތް އަރުވާލިއެވެ. ހަމްޒާ ގަޔާ ގާތަށް ދަމާލަމުން މުސްތަފާ ކުރިއަށް ހިގައިގަތެވެ. ހަމްޒާ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔަ ނަމަވެސް އޭނާއެކޭ ބުދެކޭ އެއްގޮތެވެ. ކުރިއަށް ދެވެނީވެސް އޭނާގެ ބައްޕަގެ ބާރުގައިހެން ހީވެއެވެ. މުސްތަފާ އިށީނީ ހޮސްޕިޓަލުގެ ވެއިޓިން އޭރިޔާގައި، ތަންކޮޅެއް ވަކިން ހުރި ބެންޗެއްގައެވެ. އިށީނުމަށްފަހު، ހަމްޒާގެ އަތުގައި ހިފާ ކައިރީގައި ބޭންދިއެވެ.
''އާނ ދެން ކިޔާބަލަ........ ބައްޕަ އިންނާނަން އަޑުއަހަން......... '' މުސްތަފާ ހަމްޒާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ބުންޏެވެ. ހަމްޒާއަށް ވެފައި އިންގޮތް މުސްތަފާއަށް ނޭނގެނީކީ ނޫނެވެ. އެކަމަކު ނޭނގޭކަމަށް ހެދީއެވެ. ހަމްޒާ އަށް މިވަގުތު ވެފައި ހުރިގޮތް އެނގި، އެކަމަށް ހަމްދަރުދީ ވާން ވެއްޖެނަމަ، މުސްތަފާ ބޭނުންވާ ގޮތަށް ކަންކަން ނުދާނެކަން އޭނާގެ ތަޖުރިބާކާރު ސިކުނޑިއަށް ވިސްނެއެވެ.
ހަމްޒާ ހަމައެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނީއެވެ.
''ކޮބާ........ ބައްޕަ މީނީ އަޑުއަހަން......... '' ހަމްޒާއަށް ވެފައި އިންގޮތް މުސްތަފާއަށް އެނގެއެވެ. އޭނާގެ ލޯކުރިމަތީގައި ނުހަނު ލޯބިން ބޮޑުކުރި ދަރިފުޅުގެ މިޒާޖާ ތަބީއަތަށް އަންނަ ބަދަލުތައް ދެނެނުގަނެވި ހުންނާނީ ކިހިނެއް ހެއްޔެވެ. އެކަމަކު މުސްތަފާއަކީ އޭނާ ބޭނުންވާ ކަންކަން ހާސިލް ކުރުމުގައި ހިކުމަތްތެރިކަމާ ވިސްނުންތެރިކަން ބޭނުން ކުރާ މީހަކަށް ވުމުން، ހަމްޒާގެ ކުރިމަތީގައި އެކަންކަން ނޭނގޭކަމަށް ހަދަނީއެވެ.
''އަހަރެން ބޭނުން އެރަށަށް ގޮސްލަން..........'' ހަމްޒާ ބުނީ މިވަގުތު އޭނާ އެންމެ ކުރަން ބޭނުންވާ ކަންތަކުގެ ވާހަކައެވެ.
''ކޮންރަށަކަށް؟..........ކުޅުދުއްފުއްޓަށް......ކީއްކުރަން..........'' މުސްތަފާ ހަމްޒާގެ މޫނަށް ބަލާލިއެވެ.
''އެރަށަށް ގޮސް ނޫރާއާ ބައްދަލުކޮށް ........ނޫރާ ކައިރީގަ .............'' ހަމްޒާއަށް ބުނެވުނީ އެހިސާބަށެވެ. މުސްތަފާ އޭނާގެ ވާހަކަ ހުއްޓާލުމަށް އަތުން އިޝާރާތް ކުރިއެވެ.
''ހަމްޒާއަށް މިވަގުތުވެސް މުހިއްމުވީ އެރަށަށްގޮސް ނޫރާއާ ބައްދަލު ކުރުންތަ........... ހަމްޒާގެ މަންމައެއްނޫންތަ ހޮސްޕިޓަލުގަ އެޑްމިޓްކޮއްފަ އެއޮތީ......... ހަމްޒާ މިހާރު ނޫރާއާ ބައްދަލުކުރުން އެއީ ބައްޕަ ބޭނުންވާ ގޮތެއްނޫން.......އެރަށަށް ހަމްޒާ ދިޔަކަން އެނގިއްޖެއްޔާ ހަމްޒާގެ މަންމައަށް ވާނެ ގޮތަކާ ދޭތެރޭ ހަމްޒާ ނުވިސްނަންތަ........؟. މީގެ ކުރިންވެސް ހަމްޒާ ކައިރީ ބުނެފަ އޮތްގޮތަށް ކަންތައް ނުކުރެވެންވީ ކީއްވެކަމެއް ބައްޕައަކަށް ނުވިސްނުނު.......'' މުސްތަފާ އިނީ ހިތްހަމަނުޖެހިފައެވެ.
''ބައްޕާ ........ ނޫރާ ވަރަށް ދެރަވާނެ އަހަރެން އެހެން ހެދީމަ.......ނޫރާގެ އެއްވެސް ކުށެއް ނެތީސް އެހެން ހަދާކަށް ހެޔޮނުވާނެ......ނޫރާ.............'' ހަމްޒާއަށް ވަނީ ވަރަށްބޮޑަށް އަސަރު ކޮއްފައެވެ.
''މައިމީހާއަށް ވުރެ އެހެން އެއްވެސް މީހަކު އިސްވާން ޖެހޭ ހާލަތެއް ނާންނާނެ....... ނޫރާ ދެރަވިޔަސް، އެ ވާނީ ކުޑަ ދުވަސްކޮޅެއްގެ ކަމަކަށް......... އެހެން ނޫނަސް ހަމްޒާ ކުރަން ރަނގަޅު ކަމެއް ނޫން އެއީކީ......... އެމީހުންގެ ވިސްނުމާ ކަންތައްތައް ހުންނާނެ ގޮތް ދަރިފުޅަށް ނޭނގުނަސް ބައްޕައަށް ވަރަށް ރަނގަޅަށް އެނގޭ........'' މުސްތަފާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އިތުރު ވާހަކަ ދައްކާކަށް އޭނާ މަޑެއް ނުކުރިއެވެ. ހަމްޒާއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ދޭން އޭނާ ބޭނުން ނުވާކަހަލައެވެ. މުސްތަފާ އިންތަނުން ތެދުވެގެންގޮސް އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
ލޯ ފުރިފައިވާ ކަރުނައިގެ ތެރެއިން އެމަންޒަރު ބަލަން އިން ހަމްޒާގެ ހިތުގައި ބައްޕަ އާ މެދު ފުރަތަމަ ފަހަރަށް ނަފުރަތު އުފެދުނެވެ. ހަމްޒާ ދެލޯ ފޮހެލިއެވެ. އެވަގުތު އޭނާގެ ހިތުގައި އަޒުމެއް ކަނޑައެޅިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ލޯބީގެ ހުޅުކޮޅު ދުވަހަކުވެސް ނިވުނަ ނުދިނުމަށެވެ. ނޫރާއާ ދުރަށް ނުދިއުމަށެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އޭނާއަށް އެންމެ ރަނގަޅުކަމުގައި އޭނާގެ ހިތާހިތުން ބުނެލިއެވެ. ނޫރާއާ ދުރަށް ދާން އެންމެ ފިޔަވަޅެއް އެޅުމަކީވެސް އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 20 މާރިޗް، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް