''މިއުޅެނީ މެންދުރު ކާން އައިސް ބޮޑުދައިތަ ގޭގައޭ........ މިއަދު ނޫރާ މިއޮތީ ވަރަށް މީރުކޮށް ކައްކާފަ........ ދޯ ނޫރާ.........'' ފޯނު ސްޕީކަރަށް ލަމުން ލަޔާލް ކައިރީގައި ހުރި ނޫރާއާ ދިމާއަށް ބަލާލަމުން އޭނާ ހިނތުންވެލިއެވެ.
''ކާކު.......'' ނޫރާ ހައިރާން ވެފައި މޭގައި އަތްޖައްސާލަމުން ފަހަތަށް ޖެހިލިއެވެ.
'' ސާބަހޭ........ ހަމްޒާގެ ކޯލެކޭ.......ހިފާބަލަ.........'' ލަޔާލް ވަގުތުން ނޫރާ އަތަށް ފޯނު ދިއްކޮއްލިއެވެ. އަދި ދުރަށް ހިނގައިގަތެވެ. ހަމްޒާއާ ވާހަކަދައްކަން ނޫރާއަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
''ހަލޯ.......'' ނޫރާ ފޯނުގެ ސްޕީކަރު ކަނޑާލަމުން ކަންފަތުގައި ޖައްސާލިއެވެ. ހަމްޒާގެ އަޑު އަހާލަން އޭނާ ކެތްމަދުވެފައި ހުންނަތާ އެތައްއިރެކެވެ.
''ނޫރާ........ ކިހިނެއްތަ؟..........'' ނޫރާއާ ވާހަކަ ދައްކަން އުނދަގޫ ވަނީ ކީއްވެކަމެއް ހަމްޒާއަކަށް ނޭނގުނެވެ.
''ރަނގަޅު........ ހާދަ ފާޑަކަށް........ ހަމްޒާ ރަނގަޅުތަ......'' ނޫރާވެސް ކޮއްލީ ސުވާލެކެވެ. ހަމްޒާގެ އަޑާ ވާހަކަދެއްކުމުގައި އެހެންޏާ ނުހުނަ ގޮތެއް ހުރިހެން ނޫރާއަށް ހީވިއެވެ.
''ރަނގަޅު.........'' ހިންދިރުވާލަމުން ހަމްޒާ ބުނެލިއެވެ. ހަމްޒާ ޖަވާބުދިންގޮތުން ހީވަނީ ނުދަންނަ މީހަކާ ވާހަކަ ދައްކާހެނެވެ. ހަމްޒާއަކީ އެހެންޏާ ނިކަން އުފަލުން، ގަޔާވެގެން ނޫރާއާ ވާހަކަދައްކާ މީހެކެވެ. އެކަމަކު މިއަދު އޭނާގެ ހިތް ބިރުގަންނަނީއެވެ. މޭތެޅޭތީ ވާހަކަދައްކަން ޖެހިލުންވަނީއެވެ.
''ހަމްޒާ ކިހިނެތްވީތަ........ ހީވަނީ ކޮންމެވެސް ކަމެއް ވެފަ ހުރިހެން..........'' ނޫރާ މާޔޫސްވާގޮތް ވިއެވެ. ވާހަކަދައްކަން ފަށައިފިއްޔާ ގަޑި ދެގަޑިއިރު ވިޔަސް، ފޫހިކަމެއް އިހްސާސް ނުވާ މީހަކު މިއަދު އެހާ ތަފާތުވީ ކީއްވެ ކަމެއް ނޫރާއަކަށް ނޭނގުނެވެ. ހަމްޒާގެ ކަންތައް މިއަދު ހުރި ގޮތުން ނޫރާއަށް އުނދަގޫ ވެއްޖެއެވެ. ނޭނގޭ ކޮންމެވެސް އިހްސާސަކުން އޭނާގެ ހިތަށް އުނދަގޫވެއްޖެއެވެ.
''މަންމަ ބަލިވީ.......'' ނޫރާ ތަކުރާރުކޮށް އަހަންފެށުމުން ހަމްޒާއަށް ޖެހުނީ ކޮންމެވެސް ޖަވާބެއް ދޭށެވެ.
''ބަލިވީޔޭ......... ނުވެސް ބުނަމެއްނު........ ހެނދުނު ގުޅިއިރުވެސް ނުބުނަމެއްނު....... މަންމައަށް ކިހިނެތްވީ؟....... މިހާރު ކޮބާ މަންމަ.......'' ނޫރާ ކަންބޮޑުވިއެވެ. ހަމްޒާގެ މަންމައާމެދުގައެވެ.
''ހޮސްޕިޓަލުގައި........'' ހަމްޒާގެ ޖަވާބުތައް އައީ ނިކަން ކުރުކޮށެވެ. ހީވަނީ މަޖުބޫރުން ވާހަކަދައްކާ މީހެއް ހެނެވެ.
އެވަގުތު ހަމްޒާގެ މަންމައާ މެދު ނޫރާގެ ހިތުގައި ހަމްދަރުދީއާ ލޯބި އުފެދުނެވެ. ހަމްޒާގެ މަންމައަށް ވީތީއެވެ. އެއިވެސް ހަމްޒާ ދެކެ ނޫރާވާ ސާފު ތެދުވެރި ލޯބީގެ ހެއްކެވެ.
''ހަމްޒާ ކަމެއް ކޮއްދީފާނަންތަ؟.......... '' ނޫރާ އެދުނެވެ. އަދި ހަމްޒާގެ ޖަވާބަކަށް އިންތިޒާރު ކުރަން ފެށިއެވެ.
''ކޮންކަމެއް...........'' ވާހަކައިގެ މިސްރާބު ހަމްޒާ ބޭނުން ނުވާ ދިމާއަކަށް ނުދަނީސް، އޭނާ ބޭނުމީ ފޯނު ބާއްވާށެވެ. އެހެނަސް ފޯނު ބޭއްވޭނީވެސް އެކަމަށް ކޮންމެވެސް ސަބަބެއް ދައްކައިގެންނެވެ. ދައްކާނެ ސަބަބެއް، ބަހަނާއެއް، ބުނާނެ އެއްޗެއް ނޭގިފައި ހަމްޒާ ހުރި އިރު، އޭނާއަށް ބުނަން ނޭނގޭ އެތައް އިހްސާސެއް ކުރެވެމުން ދިޔައެވެ. ނޫރާ ކައިރީ ދުވަހަކުވެސް ދޮގެއް ހަދާކަށް ހަމްޒާ ބޭނުމެއް ނޫނެވެ. އަދި ނޫރާއަށް އެއްވެސް ކަމެއް އޮޅުވާލާކަށްވެސް ހަމްޒާ ބޭނުމެއް ނޫނެވެ.
''މަންމަ އޮތް ވޯޑަށް ގޮސް ގުޅާބަލަ....... ބޭނުން މަންމައާ ވާހަކަ ދައްކާލަން.......ވާނެ ތަ......'' ނޫރާ އެދުނީ އޭނާ މިވަގުތު އެންމެ ބޭނުވެފައިހުރި ކަންތަކެވެ.
ހަމްޒާ ކުޅުދުއްފުށިން ފުރަމުން ނޫރާ ގާތުގައި ބުނެފައިވަނީ، މާލެ ދެވުމުން މަންމަ މެންނަށް ނޫރާ ތައާރަފް ކޮށްދޭނެ ކަމަށެވެ. އެހެންކަމުން، ނޫރާއަށް ހީކޮށްގެންހުރީ، ހަމްޒާ ބުނި ފަދައިން މިހާރު ނޫރާއާ ހަމްޒާގެ ގުޅުން އޮންނާނީ ހަމްޒާގެ މަންމަ މެންނަށް އެނގިފައި ކަމަށެވެ.
''މަންމަ އޮތީ ނިދިފައި........ ހޭލެވުނީމަ ގުޅާނަން...........'' ހަމްޒާ އަވަސް އަވަހަށް ބުނެލިއެވެ. އަނެއްކާވެސް ކަމަކަށް އެއްބަސް ވެވުނީއެވެ. އެވެސް ނުކުރެވޭވަރުގެ ބޮޑުކަމަކަށެވެ. ހަމްޒާ ބޮލުގައި އަތުންޖަހާލިއެވެ.
''ނޫރާ........ލަޔާލްއަށް ގޮވާބަލަ.......... ވަރަށް މުހިއްމު ކަމަކު އޭނާ މި ހޯދަނީ.......... '' ހަމްޒާ އެދުނެވެ.
ނޫރާ އިތުރު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހަމްޒާ ދެރަވެފައި ހުރިވަރުން ދެން މިވަގުތަށް ރަނގަޅުވާނީ ހަމްޒާ ބުނާގޮތަކަށް ކަންތައް ކުރުން ކަމުގައި ނޫރާއަށް ގަބޫލު ކުރެވުނެވެ. އެހެންކަމުން ނިކަން ހަރުކޮށް ހިނގާފައި ގޮސް ކާ މޭޒު ކައިރީގައި އިން ލަޔާލް އަތަށް ފޯނު ދިއްކޮއްލިއެވެ.
''އައްދެ ...... އަދިވެސް...........'' ލަޔާލް ބަލާލިއިރު ކޯލު ނުކެނޑި އިނުމުން ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ.
ހަމްޒާ އެދުނީ މީހުންތެރޭގައި ހުރިނަމަ ލަޔާލް ދުރަށް ޖެހިލުމަށެވެ. ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުންކަމަށެވެ. އެހެންކަމުން ލަޔާލް އަވަސް އަހަވަހަށް ނިކުމެގެން ގޮސް ގޯތިތެރޭ، ގެއާ ތަންކޮޅެއް ދުރުގައި ހުރި ޖޯލިފައްޗެއްގައި އިށީނެވެ.
''ހަމްޒާ........ ކަމެއް ގޯސްވީތަ.......؟ ލަޔާލް ޖޯލީގައި ހަމަޖެހިލަމުން އަހާލިއެވެ.
ހަމްޒާ ހުރިހާ ވާހަކައެއް ލަޔާލްއަށް ކިޔައިދީފިއެވެ. ނޫރާއާ ހަމްޒާ ގުޅެން ހަމްޒާގެ މަންމަމެން ނުރުހޭ ވާހަކައެވެ. އަދި މަންމަ އަކީ ހިތުގެ ބަލި މީހެއްކަމުން އެކަންކަމާ ވިސްނަން ހަދައިގެން މަންމަ ބަލިވެ އެޑްމިޓް ކުރިވާހަކައެވެ. ނޫރާއާ ބެހޭގޮތުން ހަމްޒާގެ ބައްޕަ ނިންމި ނިންމުމެވެ. މިއިން އެއްވެސް ކަމެއް ހަމްޒާ ނޫރާއަށް ނާންގާ ކަމެވެ. ހުރިހާ ކަމެއް ލަޔާލަށް ކިޔާދެވުނުއިރު ހަމްޒާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮއްފައެވެ. ފެންކަޅިވެފައެވެ.
''ލަޔާލް.......ނޫރާއާ ވަކިވުން އެއީ އަހަންނަށް ކިހިނެތް ކުރެވޭނެ ކަމެއް؟........'' ހަމްޒާގެ އަޑު ކުރެހިއްޖެއެވެ. އެ ވާހަކަތައް އަޑު އަހަން އިން ލަޔާލް ވެސް އިނީ ފާޑަކަށް ގަބުވެ މީހާ ހުއްޓުން އަރާފައެވެ. ވާނީވެސް އެހެންތާއެވެ. މިގޮތަށް މިކަން ހިނގައިދާނެ ކަމަށް ލަޔާލްއަށް ކުޑަކޮށްވެސް ވިސްނިފައެއް ނެތެވެ. ހަމްޒާ އަބަދުވެސް ބުނަމުން ދިޔައީ ހަމްޒާއަކީ އާއިލާގައި ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށް ވާތީ އާއިލާ އެންމެންވެސް ހަމްޒާ ދެކެ އިންތިހާއަށް ލޯބިވާ ވާހަކައެވެ. އަދި ހަމްޒާ ކުރަން ބޭނުން ކަމަކާ ހަމްޒާގެ މަންމަމެން ދެކޮޅު ނުހަދާނެ ވާހަކައެވެ.
ލަޔާލް ހާސްވީވަރުން ނިތްކުރި މަތިން ދާތިކި ފާއްދާލާފައި ވެއެވެ. ވާނީވެސް އެހެންނެވެ. މިހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭ މީހަކީ ލަޔާލް ކަމަށް ވެދާނެތީ އޭނާ ބިރުގަންނަނީއެވެ. ނޫރާގެ މަންމަމެންނަށް ސިއްރުން ހަމްޒާއާ ނޫރާ ގުޅުވި މީހަކީ ލަޔާލްކަން އޭނާ ގަބޫލު ކުރެއެވެ. ލަޔާލްގެ ބޮޑުދައިތަމެންގެ ނިންމުން އޮތް ގޮތް އެނގޭ އިރުވެސް، ހަމްޒާއަށް މަގު ތަނަވަސްކޮށްދީ ނޫރާގެ ހިތް މިލްކު ކުރުމުގައި އިސް ދައުރެއް އަދާ ކުރި މީހަކީ ދެވަނަ މީހެއް ނޫނެވެ. ހަމަ ލަޔާލެވެ.
''ލަޔާލް.......ދެން ކިހިނެތް ހަދާނީ........'' ހަމްޒާ ގޮވާލުމުން، ފުން ވިސްނުމެއްގައި އިން ލަޔާލް ސިހުނެވެ.
''ނޭނގެ.......'' ލަޔާލަށް ބުނެވުނެވެ. މި ޖަވާބަކީ ހަމްޒާއަށް މިވަގުތު އެންމެ އުނދަގޫ ވާނެ ޖަވާބެވެ. އެކަމަކުވެސް ލަޔާލް ބުނާނީ ވަކި ކީކޭ ހެއްޔެވެ. ލަޔާލްވެސް ގޮތް ހުސްވެއްޖެއެވެ. ޚުދު އޭނާއަކަށްވެސް ދެން ހަދަންވީ ގޮތެއް ނޭނގެއެވެ.
''ލަޔާލް........ތިއެއް ނޫން މިވަގުތު އަހަރެން ބޭނުންވާ ޖަވާބަކީ......ލަޔާލްއަށް އަހަރެން މިގުޅީ ގޮތް ހުސްވެގެން.......ހަދާނެ އެއްވެސް ގޮތެއް ނޭނގި ބޯ ހާސްވެ ސިކުނޑި ފަޅައިގެންދާވަރު ވެގެން........ ލަޔާލް އަށް ފެންނަ ގޮތެއްވެސް އޮންނާނު......... އަހަރެންގެ ލަޔާލް ނޫން މީހަކު ނެތް މިކަން ހިއްސާކުރާކަށް....... އަދި މިކަމުގައި އެހީތެރިވެދޭކަށް..... ތި ނޫން މީހަކު ނެތް ...... ޕްލީސް ލަޔާލް........'' ހަމްޒާ ހީވަނީ ރޮނީ ހެންނެވެ. ދެފަހަރަކަށް ނޭފަތް ދަމާލާއަޑު ލަޔާލްއަށް އިވުނެވެ. ލަޔާލް ވަރަށް ދެރަވެއްޖެއެވެ. ހަމްޒާއާ ދޭތެރޭ ހިތުގައި ހަމްދަރުދީ އުފެދުނީ ރައްޓެއްސަކަށް ވާތީކީ ނޫނެވެ. ހަމްޒާއަކީ ލަޔާލްގެ ތިމާގެ ނޫނަސް ތިމާގެ ކުއްޖެއްފަދަ މީހެކެވެ. ހަމްޒާގެ ރަނގަޅުކަމާ، ހިތްހެޔޮ ކަމާ، ދެ މީހުންގެ ހުންނަ އެއްގޮތް މިޒާޖުގެ ސަބަބުން އެ ދެޒުވާނުންގެ މެދުގައިވަނީ ރައްޓެހިކަމަށްވުރެ މާ ގާތް ގުޅުމެކެވެ.
''ހަމްޒާ ބުނޭ....... ހަމްޒާ ބޭނުންވާ ގޮތެއް ބުނީމަ، އެގޮތަކަށް އަހަރެން ކަންތައް ކުރެވޭތޯ ބަލާނަން.......'' ލަޔާލް ޔަގީން ކަމާއެކު ބުނެލިއެވެ. ހަމްޒާގެ ހިތްދަތިކަން ފިލުވައި ދިނުމުގެ ގޮތުންނެވެ.
''އޯކޭ ....... ތޭންކްސް ލަޔާލް......އަހަރެން ވިސްނާލާފަ މިރޭ ގުޅާނަން....... އަދި ނޫރާއަށް މިކަންތައް ނާންގާތި އިނގޭ.........މިވަގުތު ދެން ބާއްވަނީ..........'' ހަމްޒާގެ އަޑު އައީ ވަރަށް ފަޑުކޮށެވެ.
ކޯލު ކެނޑުމުން ލަޔާލް ޖޯލީގައި އޮށޯވެލިއެވެ. އެވަގުތު ނޫރާ ގޯތިތެރެއަށް ނިކުތެވެ. ލަޔާލް ދޮންތަގެ ކުޑަ ދަރިފުޅު ކިހިލީގައި ޖަހާލައިގެން ނޫރާ ގޮސް އުނދޯލީގައި އިށީނެވެ. ލަޔާލްއަށް ބަލާލެވުނީ ނޫރާގެ މޫނަށެވެ. އޭރު ނޫރާ ހިނިތުންވެލައިގެން އިނދެ، އުރުގައި އިން ތުއްތު ތުއްތު ރޫބީއާ ސަމާސަ ކުރަނީއެވެ. ރޫބީ ހެއްވާލާ ގަޔާލާ ބޮނޑިކޮއްލަމުން ރޫބީ މޫނުގައި ނޫރާ މޫނު ޖައްސާލިއެވެ. ރޫބީ ހޭން ފެށުމުން ނޫރާވެސް ހީލައެވެ. އެ އުފާވެރި ކަން ދެމި އޮންނާނީ ކިހާ އިރަކުބާއެވެ. އެ ހިނިތުންވުން ނޫރާގެ ތުންފަތާ ވަކިވެގެންދާނެ ވަގުތު ކުޑަތަން ވެއްޖެކަން އެނގޭ މީހަކީ ހަމައެކަނި ލަޔާލްއެވެ. އިންޒާރަކާ ނުލާ އަންނަންއުޅޭ ކޮޅިގަނޑުގައި ނޫރާ ފަކީރަށް ކުރާނޭ އަސަރު ލަޔާލްގެ ހިތަށް އެރުމާއެކު ލޯމަރާލެވުނެވެ.
''ރޫބީ....... ގޮވާބަ ދޮންބެއަށް.........'' ރޫބީ ގޮވައިގެން އައިސް ލަޔާލްއާ އޮތް ޖޯލީގެ ކުރިމަތީ ނޫރާ ހުއްޓުނެވެ. އަދި ގުދުވެލަމުން، ރޫބީ ލަޔާލާ ކައިރި ކޮއްލިއެވެ. އަހަރު ނުވާ ރޫބީ އަޑުލައްވަމުން ލަޔާލްގެ ގަމީހުގައި ހިފާ ދަމައިގަތެވެ. ލަޔާލް ލޯ ހުޅުވާލިއެވެ.
''ނިދަނީތަ........ މާ ގިނައިން ކޭ ކޭނުން ތިޔޮތީ ނިދިއައިސްފަ ދޯ......'' ނޫރާ ހިނިތުންވެލިއެވެ.
''އާނ....... އެހާ މީރުކޮއްވިއްޔަ ކައްކާފަހުރީ....... ކޮބާ ދޮންތަމެން ދާކަށް ނޫޅޭތަ ........ ދަނީ އިނގޭ ދެން........ އަސުރު ފަހުން ޓެކްސީއަށް އަރަން ޖެހޭނެ...... އެހެންވެ އަދި ރެސްޓް ކޮއްލަން ބޭނުން.......'' ލަޔާލް ޖޯލިން ތެދުވަމުން ނޫރާގެ އުނގުގައި އިން ރޫބީއާ ސަމާސަ ކޮލްލިއެވެ.
''މިރޭ އާދެވޭނެތަ ބަލާ........... މަންމަ ވެސް އުޅެނީ އެއްކަލަ ފަޔަށް ތަދުވާތީ........'' ނޫރާ ސުވާލު ކޮއްލިއެވެ.
''އާނ......... ނޫރާ ފިހާރައަށް ގެންގޮސްދޭން ދޯ........ ގަޑި ކައިރި ކޮއްފަ ގުޅާލާތި........'' ލަޔާލް ދޮރާއްޓާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 18 މާރިޗް، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް