އެ ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ދަ މައުމޫން ފައުންޑޭޝަނާ ދެމެދު އިލްމީ ދާއިރާ
ކުރިއެރުވުމަށާއި، ފިކުރީ ތަރިކަ ރައްކާތެރިކުރުމުގެ އިތުރުން މުޖުތަމައުގައި ދީނީ
އަދި އިޖުތިމާއީ ރޫހު އާލާކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ފަހުމުނާމާއެއްގައި
ސޮއިކޮށްފިއެވެ.
ޤައުމީ ޔުނިވަރސިޓީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، މައުމޫން
ފައުންޑޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ
ވައިސް ޗެއާމަން އޮނަރަބަލް އަޙްމަދް ފާރިޝް މައުމޫން އެވެ. ޔުނިވަރސިޓީގެ
ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައުންޑޭޝަންގެ ވައިސް ޗެއާމަން
އަޙްމަދު ފާރިޝް މައުމޫން ވަނީ، މެދުކެނޑުމަކަށްފަހު ފައުންޑޭޝަންގެ ސްކޮލަރޝިޕް
ޕްރޮގްރާމް އަލުން ފަށާފައިވާކަން އިއުލާނުކުރައްވާފައެވެ. އަދި ފައުންޑޭޝަނުން
އާކައިވްއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިކަމުގައި ޔުނިވަރސިޓީގެ
ފަންނީ އެހީތެރިކަން ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން،
ޔުނިވަރސިޓީގެ ފަރާތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި އެއްބަސްވުމަށް
މަގުފަހިކޮށްދެއްވި ކަމަށްޓަކައި އޭނާ ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.
ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ
ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްގެ ވާހަކަފުޅުގައި، މި ފަހުމުނާމާއަކީ އިލްމީ ދާއިރާ
ކުރިއެރުވުމަށާއި ފިކުރީ ތަރިކަ ރައްކާތެރިކުރުމަށް އެޅުނު މުހިންމު ބިންގަލެއް
ކަމުގައި ސިފަކުރެއްވިއެވެ. " ރައީސް މައުމޫން ލިޔުއްވާފައިވާ އަދަބީ، ތާރީޙީ
އަދި އިލްމީ ފޮތްތަކަކީ ޤައުމީ ހަޒާނާއެއް،" ކަމަށާއި އެ ފޮތްތައް
ޔުނިވަރސިޓީގެ ކުތުބުޚާނާއަށް ހަދިޔާކުރެއްވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް
ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ވައިސް ޗާންސެލަރ އިތުރަށް
ވިދާޅުވީ މި އެއްބަސުވުމުގެ ދަށުން "Master of Education in Leadership"
ކޯހަށް ސޮކޮލަރޝިޕްގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. އަދި މި ގުޅުމުގެ
ސަބަބުން ދަރިވަރުންގެ އަހުލާގީ ސިފަތަކާއި މަދަނީ ޒިންމާތައް އަށަގެންނެވުމަށް
މަގުފަހިވާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާއަށާއި، ތާރީޙީ އަދި ފިކުރީ
ތަރިކަ ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތަށް ލިބިގެންދިޔަ މުހިންމު
ކުރިއެރުމެއްގެ ގޮތުގައި ދެ ފަރާތުންވެސް ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް