ހުޅުމާލޭ ދެވަނަ ފިޔަވަހިން ޔޫއޭއީ އެމްބަސީ އެޅުމަށް ބިން ދޫކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެމްބަސީ ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ބިން ދޫކޮށްފިއެވެ. މި ބިން ދޫކޮށްފައިވަނީ ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރ...

17 Dec 2019 | 07:59

ހުޅުމާލޭ ދެވަނަ ފިޔަވަހިން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެމްބަސީ ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ބިން ދޫކޮށްފިއެވެ.

މި ބިން ދޫކޮށްފައިވަނީ ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުންނެވެ.

ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ޤާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ޤައުމުތަކެއްގައިވެސް އެކަން ކުރާ އުޞޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ޤާއިމްކުރެވެނީ މާލޭއަކީ މިހާރުވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވުމާއިއެކު، ރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް ގިނަ ޤައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީއެވެ.

މީގެ އިތުރުން މާލޭގައި ޑިޕްލޮމެޓިކް މިޝަންތަކުގެ ވެހިކަލްތައް ޕާކްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށްވެސް ޑިޕްލޮމެޓިކް އެންކްލޭވްގެ ސަބަބުން ލުއިކަމެއް ލިބިގެންދާނެތީއެވެ.

ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރުމުގައި އަމަލުކުރާނީ 'ރެސިޕްރޯސިޓީ' އުޞޫލުންނެވެ.

މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ޗައިނާއަށް ވަނީ ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ހަމަޖައްސައިދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް