ގެވެށި ފަރުވާ: ކިޑްނީ ފެއިލްވުން – ދެނެގަންނާނީ ކިހިނެއް !؟ ރައްކާތެރިވެވޭނީ ކިހިނެއް !؟

"ކިޑްނީ ފެއިލް ވުމުން ސަލާމަތް ވެވޭނެ އެންމެ މޮޅު ގޮތަކީ، ކިޑްނީ ފެއިލްވާން ދިމާވާ ސަބަބުތައް ދެނެގަތުން" ކަމުގައި ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގެ ރީނަލް ފިޒީޝަން ޑރ. އަކީރާ ވޫ، ލިޔުއްވާ...

17 Dec 2017 | 03:26

"ކިޑްނީ ފެއިލް ވުމުން ސަލާމަތް ވެވޭނެ އެންމެ މޮޅު ގޮތަކީ، ކިޑްނީ ފެއިލްވާން ދިމާވާ ސަބަބުތައް ދެނެގަތުން" ކަމުގައި ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގެ ރީނަލް ފިޒީޝަން ޑރ. އަކީރާ ވޫ، ލިޔުއްވާފައި ވެ އެވެ.

ކިޑްނީ ފެއިލްވުމަކީ ކޮބާ !؟

ފުރަތަމަ ގޮތަކީ:

ކިޑްނީ ގައި "ނެފްރޯންސް" ނަމަކަށް ކިޔާ އެތައް މިލިޔަން ފިލްޓަރުތަކެއް ހުރެ އެވެ. އޭގެން ކޮންމެ ނެފްރޯން އެއްގައި އެތައް ސަތޭކަ، ހިމަ ލޭނާރުތައް އެކުލެވޭއިރު ނެފްރޯންސްގެ މަސައްކަތަކީ ހަށިގަނޑަށް ބޭނުންނުވާ ބައި ވަކިކޮށް ކުޑަކަމުދާ ނިޒާމު މެދުވެރިކޮށް ބޭރު ކޮށްލުމެވެ.

މި ނެފްރޯންސްތަކަށް ގެއްލުންވާނަމަ ކިޑްނީގެ މަސައްކަތް ކުރާ މިންވަރު ދަށްކޮށްދެ އެވެ. އާންމުގޮތެއްގައި އުނދަގޫތަކެއް ވާތާ ތިން މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ "ކްރޮނިކް ކިޑްނީ ފެއިލިއަރ" އަށް ޑޮކްޓަރުން ޓެސްޓް ހަދަ އެވެ.

"ކްރޮނިކް ކިޑްނީ ފެއިލިއަރ" ދިމާވަނީ ކީއްވެ !؟

ކިޑްނީ ފެއިލްވާން ދިމާވާ އެންމެ މައިގަނޑު ދެ ސަބަބަކީ ހަކުރުބައްޔާއި ލޭގެ ޕްރެޝަރު މައްޗަށް ދިއުމެވެ. ސިންގަޕޫރުގައި 2003 ވަނަ އަހަރު ކިޑްނީ ފެއިލްވެ ޑަޔަލަސިސް ހެދި މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ހަކުރުބަލީގެ މީހުން ކަމުގައި ޑރ. އަކީރާ ފާހަގަ ކުރައްވަ އެވެ.

ޑޮކްޓަރު ހާމަކުރައްވާފައިވާގޮތުގައި ލޭގައި ހިމެނޭ ހަކުރު ޕްރޮޓީންސް އާއި އެކުވުމުން ތަތްކަމެއް އުފައްދަ އެވެ. އަދި ހަކުރުގެ ލެވެލް މަތިނަމަ އެ ތަތްކަން އިތުރަށް ގަދަވެ، ތަތްކަން ގަދަ ޕްރޮޓީންތައް ކިޑްނީގެ ފިލްޓަރުތަކުގައި ހަރުލާ ގޮތް ވެ އެވެ. ނަތީޖާއަކަށްވަނީ ކިޑްނީއަށް މައްސަލަތައް ދިމާވުމެވެ. އަދި ހަށިގަނޑަށް ބޭނުންނުވާ ބޭކާރު ބައިތައް ހަށިގަނޑުން ބޭރު ކުރެވޭގޮތް ނުވުމެވެ.

ދެވަނަ ގޮތަކީ ކިޑްނީ ދުޅަވުން:

ކިޑްނީ ފެއިލްވުމަށް ދިމާވާ ދެވަނަ ސަބަބަކީ ކިޑްނީ ދުޅަވުމެވެ. އިނގިރޭސިން ކިޔާ ގޮތަކީ  ގްލޯމަރޫލާނެފްރައިޓިސް އެވެ. މި ހާލަތަކީ ކޮންމެ އުމުރުފުރައަކަށްވެސް ދިމާވެދާނެ ހާލަތަކެވެ. މި ހާލަތަކީ ފަސޭހަ ކުރެވޭ ހާލަތެއް ނޫނެވެ. އެހެންނަމަވެސް ބޭސްކައިގެން ކޮންޓްރޯލް ކުރެވިދާނެ ކަމުގައި ޑޮކްޓަރުން ބުނެތެވެ.

ތިންވަނަ ގޮތަކީ "އޮޓޯސޯމަލް ޕޮލިސިސްޓިކް ކިޑްނީ ޑިޒީސް" ބަލި ޖެހުން:

މި ބަލީގެ ނަތީޖާއެއްގެ ގޮތުގައި ކިޑްނީ ފެއިލްވުން އެކަށީގެން ވެ އެވެ. ބެލެނިވެރިއަކަށް މި ބަލި ޖެހިފައިވާނަމަ ދަރިއަކަށް މި ބަލި ޖެހުމުގެ ފުރުސަތު 50 އިންސައްތަ ކަމުގައި ބުނެފައި ވެ އެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ޅައުމުގައި ލޭ މައްޗަށް ދިއުމާއި، ޓެސްޓެއް ހަދާއިރު ކިޑްނީގެ ސައިޒް ބޮޑުކަން ފާހަގަ ވުން ހިމެނެ އެވެ. ފެމިލީ ހިސްޓްރީއަށް ބަލާލުމަށްފަހު މި ބަލި އުޅޭނަމަ، އަދި އުދަނގޫވާނަމަ ޓެސްޓެއް ހަދާލުން އެކަށީގެން ވެ އެވެ.

ކިޑްނީ ފެއިލްވުމުގެ އަލާމާތްތަކަކީ ކޮބާ !؟

ކިޑްނީ ފެއިލްވުމުގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ޑޮކްޓަރުން ހާމަކުރިކަމުގައިވީނަމަވެސް ގިނަ ފަހަރަށް ކިޑްނީ ފެއިލްވުމުގެ މާ ގިނަ އަލާމާތްތަކެއް ދުރާލާ ނުފެނިދާނެ އެވެ.

ކިޑްނީ ފެއިލްވުމުގެ އަލާމާތްތަކުގެ ތެރޭގައި

  • ފްލުއިޑް ރިޓެންޝަންގެ ސަބަބުން ފައި ދުޅަވުން
  • ނިދަން އުނދަގޫވުން
  • ކާހިތް ނުވުން
  • ބަނޑަށް އުދަނގޫވުން
  • ވަރުބަލިކަން އިހުސާސް ކުރެވުން
  • ކަންކަމަށް ސަމާލުކަން ދިނުމުގައި އުނދަގޫވުން

ކްރޮނިކް ކިޑްނީ ޑިޒީސް އިތުރަށް ގޯސްވިޔަ ނުދިނުމަށް ކުރެވިދާނެ ކަމަކީ ކޮބާ !؟

ކިޑްނީގެ ބަލި ކުރީބައިގާ ދެނެގަނެވި ފަރުވާ ދޭން ފަށައިފިނަމަ ބަލި އިތުރަށް ބޮޑުވުމުގެ ސްޕީޑް ދަށް ކޮށްދެ އެވެ.

ކްރޮނިކް ކިޑްނީ ފެއިލިއަރ ކަން ލޭގެ ޓެސްޓްތަކުން ކަށަވަރު ވެއްޖެ ނަމަ ޑޮކްޓަރުން އާންމުގޮތެއްގައި "ލޯ ޕްރޮޓީން ޑައިޓް"އެއް ދެ އެވެ. އޭގެ ސަބަބުން ކިޑްނީއަށް މަސައްކަތް ލުއިކޮށްދެ އެވެ. މިޣެ އިތުރުން އެމީނޯ އެސިޑް ގުޅަބޭހާއި އިތުރު ބައެއް ސަޕްލިމެންޓްތައް ޑޮކްޓަރުން ދެ އެވެ. (ޑޮކްޓަރެއްގެ ލަފައަކާ ނުލާ ބޭސް ކެއުމަކީ ނުރައްކާތެރި ކަމެކެވެ.)

ކިޑްނީ ފެއިލްވެއްޖެ ނަމަ !

ކިޑްނީ ފެއިލްވެއްޖެ ނަމަ ޑަޔަލަސިސް ހަދަ އެވެ. ޑަޔަލަސިސް ހެދުމުގައި ދެގޮތެއް އޮންނައިރު އެއްގޮތަކީ "ހެމޯ ޑަޔަލަސިސް" އެވެ.

https://www.youtube.com/watch?v=lMzNfE6ziU0

https://www.youtube.com/watch?v=7dvwY-KzWoU

ކްރޮނިކް ކިޑްނީ ޑިޒީސް އިން ރައްކާތެރި ވުމަށް ކުރެވިދާނެ ކަންކަން:

  • ލޭގެ ޕްރެޝަރު 130/80 އަށްވުރެ ދަށްކޮށް ބެހެއްޓުން.
  • ހަކުރުބަލި ހުންނަނަމަ ލޭގައި ހަކުރު އެކުލެވޭ ޓާގެޓް ރޭންޖް އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުން.
  • ސިއްހަތު ރަނގަޅު ދުޅަހެޔޮ ހަށިގަނޑެއްގެ ވެރިއަކަށްވުން.
  • ކޮލެސްޓްރޯލް ލެވެލް އަށް ސަމާލުވުން.
  • ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުވުން

ބައެއް މަސްދަރުތައް:

Khalik, S. (2017, March 5). NKF Can’t Keep Up With Rising Number of New Kidney Patients. Retrieved December 12, 2017, from http://www.straitstimes.com/singapore/health/nkf-cant-keep-up-with-rising-number-of-new-kidney-patients

https://www.webmd.com/a-to-z-guides/tc/chronic-kidney-disease-prevention

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް